ނައިބު ރައީސް ކަމުން ޖަމީލު ވަކިކުރި މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ހުކުމްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ފުރަތަމަ ނާއިބު ރައީސްގެ މަގާމުގައި ހުންނަވަނިކޮށް، ޑރ. މުހައްމަދު ޖަމީލު އަހުމަދު އެ މަގާމުން ވަކި ކުރި މައްސަލަ ފުރަތަމަ މަރުހަލާގައި ސުޕްރީމް ކޯޓުން ނުބެލޭނެ ކަމަށް އެކޯޓުން ހުކުމް ކޮށްފި އެވެ.
ޖުލައި 21، 2015 ގައި ޑރ. ޖަމީލު މަގާމުން ވަކިކޮށްފައި ވަނީ އެމަނިކުފާނުގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ފަހުގަ އެވެ. ޖަމީލު ވަކިކުރުމަށް މަޖިލީހުގެ 78 މެންބަރުން ވޯޓު ދެއްވި އެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުން އެކަން ކޮށްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ބުނެ، އެ މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ޑރ. ޖަމީލު ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ރައީސް ޔާމީންގެ ވެރިކަން ނިމުނު ފަހުން 2019 ގަ އެވެ.
އުއްތަމަ ފަނޑިޔާރު ހިމެނޭހެން ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ހިމެނޭ ބެންޗަކުން ބެއްލެވި އެ މައްސަލައިގަ ހުރިހާ ފަނޑިޔާރުންވެސް އިއްތިފާގުވެފައި ވަނީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށެވެ.
ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ރައުޔުގައި ވިދާޅުވީ، ނައިބު ރައީސަކީ ރައީސް ހަވާލުކުރައްވާ މަސްއޫލިއްޔަތު އަދާކުރައްވަން ހުންނަވާ ފަރާތެއް ކަމަށާއި އެހެންކަމުން އެ މައްސަލަ ދުސްތޫރީ މައްސަލައަކަށް ވާނީ އެކަން ރައީސްގެ މަގާމުގައި ހުންނަވާ ފަރާތުން ކޯޓަށް ހުށަހެޅުމުން ކަމަށެވެ.
އަދި ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން އެފަދަ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބެލުމުގެ އިހްތިސޯސް އޮންނާނީ ސިވިލް ކޯޓަށާއި މެޖިސްޓްރޭޓް ކޯޓުތަކަށް ކަމަށް ވިދާޅުވެފައިވެ އެވެ.
މައްސަލައިގެ ހުކުމް އިއްވަމުން އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވިދާޅުވީ އެ މައްސަލައަކީ ފުރަތަމަ މަރުހަލާގައި ސުޕްރީމް ކޯޓުގައި ބެލުމުގެ އިހުތިސާސް ލިބިފައިވާ މައްސަލައެއް ނޫން ކަމަށް ކަނޑައަޅާ ކަމަށެވެ. އަދި ޑރ. ޖަމީލުގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި ނަމަ އެ ކޯޓަށް މައްސަލަ ބެލިދާނެ ކަމަށްވެސް ހުކުމް ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ