ރިސޯޓު ހަދަން ތ. އެލާގެ ބަދަލުގައި ފެންފުށީ ފަޅު ދޭން ގާސިމް އެދިވަޑައިގެންފި

ރިސޯޓެއް ތަރައްގީ ކުރަން ވިލާ ޝިޕިން އެންޑް ޓްރޭޑިންއަށް ކުއްޔަށް ދޫކޮށްފައި އޮތް ތ. އެލާ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން އަތުލުމުން އެ ރަށުގެ ބަދަލުގައި އދ. ފެންފުށީ ފަޅު ދިނުމަށް ވިލާ ގްރޫޕްގެ ޗެއާމަން އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް އެދިވަޑައިގެންފިއެވެ. "ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ތ. އެލާގެ ބަދަލުގައި ފެންފުށީ ފަޅު ދިނުމަށް އެދި ވިލާ ކުންފުނީގެ ފަރާތުން ގާސިމް ވަނީ ޓޫރިޒަމް މިނިސްޓްރީއަށް ސިޓީއެއް ފޮނުއްވާފައެވެ. އެއީ އެލާގެ ބަދަލުގައި އެ ކުންފުނިން ރިޒޯޓު ހަދަން ބޭނުންވާ އެހެން ރަށްތަކުގެ ލިސްޓެއް ފޮނުވަން އެ މިނިސްޓްރީން އެދިފައި ވުމުންނެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި މީގެ ކުރިން ގާސިމް ވަނީ ތ. ކަނިމީދޫ ނުވަތަ އެ އަތޮޅުގެ ކަޅުފަހަލަފުށި ދިނުމަށްވެސް އެދިވަޑައިގެންފައެވެ. ނަމަވެސް އެ ރަށްތައް ލިބޭ ގޮތެއް ނުވިއެވެ. އެެހެންކަމުން އެންމެ ފަހުން ގާސިމް ފޮނުއްވި ސިޓީގައި ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅާފައި ވަނީ، އދ. ފެންފުށީގެ ހުޅަނގު އުތުރުގައި އޮންނަ ފަޅު ހިއްކައިގެން ރިސޯޓު ތަރައްގީ ކުރަން ދިނުމަށެވެ. ގާސިމްގެ ސިޓީގައި ވަނީ ފަޅު ހިއްކައިގެން ރިސޯޓު ހެދުމަކީ ހަރަދު ބޮޑު ކަމަކަށް ވާތީ، އެ ފަޅު ވިލާ ކުންފުންޏަށް 99 އަހަރަށް ދިނުމަށް އެދިފައެވެ. ތ. އެލާ އަކީ 2006 ވަނަ އަހަރު އައްބާސް މުހައްމަދު ނަމަކަށްކިޔާ މީހެއްގެ އަތުން ވިލާ ކުންފުނިން ގަނެފައިވާ ރަށެކެވެ. ވިލާ ގްރޫޕްގެ އޮފިޝަލަކު ވިދާޅުވިގޮތުގައި އޭރުވެސް އެކުންފުނިން ދިޔައީ ގަވާއިދުން ކުލި ދައްކަމުންނެވެ. އެގޮތަށް ކުލި ދައްކަމުން ދަނިކޮށް 2012 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، ވިލާއިން ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރަމުން އަންނަ ހުރިހާ ރަށަކަށް އެއް އަހަރު ފަހުން ކުލި ދައްކަންޖެހޭގޮތަށް ހަމަޖެއްސިއެވެ. އެގޮތަށް ހަމަޖެއްސުމުން ކުލިދެއްކުން މަޑުޖައްސާލާފައި ވަނިކޮށް 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ކުރީގެ އެގްރީމެންޓް ބާތިލްކޮށް، ޓޫރިޒަމް މިނިސްޓްރީން އާ އެގްރީމެންޓެއްގައި އެކުންފުންޏާއެކު ސޮއިކުރިއެވެ. އެ އެގްރީމެންޓުގެ ދަށުން ތ. އެލާ ކުއްޔަށް ދިނީ 50 އަހަރަށެވެ. އެ އެގްރީމެންޓުގައިވާ ގޮތުން ކުލިދައްކަން ފަށާ ތާރީހަކީ ރިސޯޓު ހުޅުވާ ތާރީހެވެ. ރިސޯޓު ހެދުމަށް ދީފައި ވަނީ ފަސް އަހަރުގެ މުއްދަތެކެވެ. އެހެން އެކަން އޮއްވައި 2015 ވަނަ އަހަރު އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އަބްދުލްޣަފޫރު ސޮއިކުރައްވައި ފޮނުވި ސިޓީއަކުން އެ އެގްރީމެންޓް ބާތިލު ކުރެއްވިއެވެ. އެގްރީމެންޓް ބާތިލްކުރި ސަބަބެއް ކަމަށް ބުނެފައި ވަނީ "ގުޑްވިލް ނެތިގެން" ކަމަށެވެ. އޭގެ ފަހުން، ތ. އެލާގެ އިތުރުން ރިސޯޓު ހަދަން ވިލާއަށް ދޫކޮށްފައި އޮތް ގދ. ގަޒީރާ އާއި ރ. މާނެންފުއްޓާއި ކ. ބޮލުދުށްފަރާއި ވާވެއްދިފަޅާއި އެ ދެ ފަޅުގެ ދެމެދުގައި އޮންނަ ނަމެއް ދީފައިނުވާ އިތުރު ކުޑަ ފަޅަކާއި ކ. މާދިއްގަރު ފަޅާއި އެ ފަޅާ ޖެހިގެން އޮންނަ ކަނުހުރާ ނަމަކަށް ކިޔާ ފިނޮޅުވެސް ރައީސް ޔާމީންގެ ސަރުކާރުން އަތުލިއެވެ. އެކަމާ ގުޅިގެން ވިލާ އިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ކޯޓުން ހުކުމް ކުރީ އެތަންތަން އަނބުރާ ސަރުކާރަށް ނެގީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ ހިލާފަށް ކަމަށްވާތީ އެތަންތަން އަނބުރާ ވިލާއަށް ދިނުމަށެވެ. ނަމަވެސް ސިވިލް ކޯޓުގެ ހުކުމް ދައުލަތުން އިސްތިއުނާފު ކުރުމުން ހައިކޯޓުން އެ ހުކުމް ބާތިލުކޮށް ސަރުކާރާ އެއްކޮޅަށް މައްސަލަ ނިންމިއެވެ. ދެން ވިލާ އިން އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ. އެ މައްސަލަ ބެލުމަށް ފަހު 2018އިގައި ސުޕްރީމް ކޯޓުން ނިންމީ އެތަންތަން އަނބުރާ އަތުލަން ހައިކޯޓުން ކޮށްފައިވާ ހުކުމް ބާތިލު ކުރުމަށެވެ. އަދި ސިވިލް ކޯޓުން ހުކުމް އިއްވާފައި ވަނީ ޝަރުއީ އަދި ގާނޫނީ ހަމަތާކާ އެއްގޮތަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ