ރައީސް ޔާމީނަށް ހުކުމް ކުރީ ގާޒީން ރަހީނުކޮށްގެން: ގާޒީ ފާއިޒު

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ގާޒީން "ރަހީނުކޮށްގެން" ކަމަށް އެ މައްސަލަ ބެއްލެވި ފަސް ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ގާޒީއަކު ވިދާޅުވެއްޖެއެވެ. މި މޭރުމުން އެ ބެންޗުގައި ހިމެނިވަޑައިގެންނެވި ގާޒީ ހުސެއިން ފާއިޒް ރަޝާދު ވާހަކަ ދައްކަވައިފައިވާ ވީޑިއޯއެއް "ސަން"އަށް ވަނީ ލިބިފައެވެ. އެ ރިކޯޑިންގައި އަޑުއިވެނީ ފާއިޒުއާއި އޭނާގެ ރަހުމަތްތެރިއަކާ ދެމެދު ދެކެވުނު ވާހަކައެކެވެ. ރަހުމަތްތެރިޔާއާ ވާހަކަ ދައްކަމުން ފާއިޒް ވިދާޅުވެފައިވަނީ ރަހީނު ކުރެވޭނެ ބައިވަރު ގޮތްތައް ހުންނާނެ ކަމަށެވެ. އޭނާ ރަހީނު ނުކުރި ނަމަވެސް އޭނާގެ އަނބިމީހާ ނުވަތަ ގާތްމީހަކު ރަހީނުކޮށްގެން ވެސް އަމަލެއް ހިންގިދާނެ ކަމަށް އެ ރިކޯޑިންގައި އޭނާ ވިދާޅުވެފައިވެއެވެ. ފާއިޒު އިތުރަށް ވިދާޅުވެފައިވަނީ ސިޔާސީ މީހުންގެ މައްސަލަ ބެލުމަކީ ފާޑެއްގެ ކަމެއް ކަމަށާއި ނުހައްގުން ހުކުމެއް ކޮށް ޖަލުގައި ދުވަސްތައް ހޭދަކުރަން ޖެހުމުން ޔާމީނަށް އޮތް ތާއީދު އިތުރުވާނެ ކަމަށެވެ. މީގެ އިތުރުން ފާއިޒު ވިދާޅުވީ ޔާމީންގެ މައްޗަށް ކުށް ސާބިތުވާކަމަށް ހުކުމް ކުރީ އެންމެ ސަބަބެއް އޮވެގެން ނޫން ކަމަށާއި ބައިވަރު ސަބަބުތައް އެކަމުގައި އެބަހުރި ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލް ދެވެން ނެތް ކަމުގައި އޭނާ ވިދާޅުވިއެވެ. ރައީސް ޔާމީނަށް ޖަލު ހުކުމް ކުރީ ރަނގަޅަކަށް ކަމަށާއި އެކަން 2023ގައި އެނގޭނެ ކަމަށް ވެސް ފާއިޒު ވަނީ ވިދާޅުވެފައެވެ. އަދި ފަސް ގާޒީންގެ ބެންޗަކުން އެންމެ ގާޒީއަކު ވަކި ގޮތަކަށް ރައުޔު ނެރުމުން ނަތީޖާއަށް ބަދަލެއް ނާންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ރައީސް ޔާމީނުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ފުރަތަމަ ބެއްލެވި އޭރުގެ އިސް ގާޒީ އަހުމަދު ހައިލަމް އެންމެ ފަހުވަގުތު ސަސްޕެންޑު ކުރުމަށްފަހު އެ މައްސަލަ ދެން ބެއްލެވީ ފަސް ގާޒީންގެ ބެންޗަކުންނެވެ. އެ ބެންޗުގައި ފާއިޒުގެ އިތުރުން ތިއްބެވީ ގާޒީ އަލީ ރަޝީދު ހުސެއިނާއި، ގާޒީ މުހައްމަދު ސަމީރާއި ގާޒީ އަހުމަދު ޝަކީލާއި ގާޒީ އަލީ އާދަމެވެ. ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ، ނޮވެމްބަރު 28، 2019ގައެވެ. އެ މައްސަލަ އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލައި ކްރިމިނަލް ކޯޓުގެ ހުކުމަށް ހައިކޯޓުން ތާއީދު ކުރީ ޖެނުއަރީ 21، 2021 ވަނަ ދުވަހުއެވެ. އެއަށްފަހު އެ ހުކުމް އެމަނިކުފާނުގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ހުށަހަޅައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ