މައުމޫނު ފައުންޑޭޝަނުން ދޭ ސްކޮލާޝިޕަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ހިންގަވާ މައުމޫނު ފައުންޑޭޝަނުން ހުޅުވާލި ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
މައުމޫން ފައުންޑޭޝަނުން ބުނީ 10 ފަރާތަކަށް ދޫކުރާ ދިހަ ސްކޯލާޝިޕަށް ކުރިމަތިލުމަށް އެދި އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ މުއްދަތު އެފައުންޑޭޝަނުން އަންނަ އާދިއްތަ ދުވަހުގެ މެންދުރުފަހު 3:00 ގެ ނިޔަލަށް މިހާރު އިތުރުކޮށްފައިވާކަަމަށެވެ.
މައުމޫނު ފައުންޑޭޝަނުން ދޭ މި ސްކޮލަޝިޕްތަކަކީ ކޯސްތަކުގެ ހަރަދުގެ ދެބައިކުޅަ އެއްބައި ހަރަދު އެފައުންޑޭޝަނުން ހަމަޖައްސާއިދޭ ގޮތަށް ކަނޑައެޅިފައިވާ ސްކޮލާޝިޕްތަކެކެވެ. އެގޮތުން މިއަހަރުގެ އެސްކޮލާޝިޕްތަކުން ތަފާތު ފަސް ދާއިރާއަކަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އިންޑިއާގެ ބެންގަލޫރުގެ ގާޑަން ސިޓީ ޔުނިވާސިޓީ އިންކަމަށް ވެސް އެ ފައުންޑޭޝަނުން ބުނެއެވެ.
ގާޑަން ސިޓީ ޔުނިވާސިޓީން ތައުލީމު ހާސިލުކުރުމުގެ ފުރުސަތުދީފައިވާ ފަސް ދާއިރާއަކީ ބެޗްލާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަނާއި ބެޗްލާސް އޮފް ކޮމްޕިއުޓާ އެޕްލިކޭޝަނާއި ބެޗްލާސް އިން ބަޔޮޓެކްނޮލޮޖީ، ބަޔޯކެމިސްޓްރީ އާއި ޖެނެޓިކްސާއި ބެޗްލާސް އޮފް ފިޒިއޮތެރަޕީ އާއި މާސްޓާ އޮފް ޓޫރިޒަމް އެންޑް ޓްރެވަލް މެނޭޖްމަންޓް ހިމެނެއެވެ.
އެފައުންޑޭޝަނުން މިިދިޔަ އަހަރުވަނީ 20 ދާއިރާއަކުން މަތީތައުލީމު ހާސިލްކުރުމަށް 80 ސްކޮލާޝިޕް ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ