ހުކުރު މިސްކިތް ސަރަހައްދުގައި ކެފޭ އަޅަން ހެޔޮނުވާނެ: މައުމޫން

ހުކުރު މިސްކިތް ސަރަހައްދުގައި ކެފޭ އެއް އެޅުމަކީ ދީނީ ގޮތުންނާއި ތާރީހީ ގޮތުން ބަލާނަމަ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ހައުސިން މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނެފައި ވަނީ 114 ވަނަ ކޮށީގެ ބައެއް ލޭންޑްސްކޭޕްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އެ މަސައްކަތާ ގުޅޭ ތަފްސީލެއް އިއުލާނުގައި ބުނެފައެއް ނެތެވެ. ނަމަވެސް ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތުގައި ބުނެފައި ވަނީ ހުކުރު މިސްކިތް ހިމެނޭ ސަރަހައްދު ލޭންޑްސްކޭޕް ކުރާނީ ހައުސިން މިނިސްޓްރީން ދޭ ކޮންސެޕްޓަކަށް ކަމަށާއި އެ މަސައްކަތް ކުރާ އިރު އެ ސަރަހައްދުގައި ހުރި ތާރީހީ އަދި އާސާރީ އެއްޗަކަށް ގެއްލުން ނުލިބޭ ގޮތަށް ކަމަށެވެ.
އޭގެ އިތުރުން އެ ސަރަހައްދުގައި ފުޑް އައުޓްލެޓެއް ނުވަތަ ކެފޭއެއް ތަރައްގީކޮށް ހިންގަން ޖެހޭނެ ކަމަށް ވެސް އެ ލިޔުމުގައި ބުނެފައިވެ އެވެ. އަދި ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިސްކަން ދެވޭނީ މަހުން މަހަށް ސަރުކާރަށް އެންމެ ބޮޑު ކުއްޔެއް ދައްކާ ފަރާތް ކަމަށެވެ.
އެކަމާ ގުޅިގެން ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހުކުރު މިސްކިތް ސަރަހައްދުގައި ކެފޭ އެއް އެޅުމަކީ ދީނީ ގޮތުންނާއި ތާރީހީ ގޮތުން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ، އެފަދަ ސަރަހައްދު ތަކަކީ އަގުހުރި ދީނީ އަދި އާސާރީ ތަރިކައެއް ކަމަށާއި އެފަދަ ތަންތަން ސަލާމަތް ކުރުމަކީ ގައުމީ ވާޖިބެއް ކަމަށެވެ.
މާލޭގެ ހުކުރު މިސްކިތް ބިނާކޮށް ނިންމެވީ، އައް ސުލްތާން އިބްރާހީމް އިސްކަންދަރުގެ ރަސްކަމުގައި މީލާދީން 1656 ވަނަ އަހަރުގެ ތެރޭގަ އެވެ. ހުކުރު މިސްކިތުގެ މުންނާރު ބިނާކުރެއްވީ ވެސް ހަމަ އެ ރަދުންގެ ރަސްކަމުގައި މީލާދީން 1675 ވަނަ އަހަރުގެ ތެރޭގަ އެވެ. ނަވާރަ ސަތޭކަ އަށްޑިހަ ހަތަރު ވަނަ އަހަރު އިސްލާމީ މަރުކަޒު ހުޅުވުމާ ހަމައަށް، ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ގޮތުގައި ހުރީ ހުކުރު މިސްކިތެވެ. މިއީ ދުނިޔޭގެ ހެރިޓޭޖްގެ ވަގުތީ ލިސްޓްގައި ހިމެނޭ ރާއްޖޭގެ އެންމެ ތާރީހީ އެއް ބިނާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ