ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު 30 ދުވަހަށް އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސް ކުރި ކުރުމުގެ ސައްހަ ކަން ކަނޑައެޅުމަށް ސުޕްރީމް ކޯޓުގެ ލަފައަކަށް އެދެން ނިންމައިފި އެވެ.
ގާނޫން އަސާސީގެ 87 ވަނަ މާއްދާގެ (ށ)ގައި ބުނެފައި ވަނީ ރައްޔިތުން އޭގެ މައްޗައް އަމަލު ކުރަން ޖެހޭ ކަމެއް މަޖިލީހުން ވޯޓަށް އަހަން ޖެހޭނީ މަޖިލީހުގެ ޖުމުލަ އަދަދުގެ ދެބައިކުޅަ އެއްބައި މެންބަރުން ހާޒިރުވެ ތިބެގެނެވެ. އެއީ ޖުމުލަ 43 މެންބަރުންނާއެކުގަ އެވެ. ނަމަވެސް އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެންބަރުން އެ ޖަލްސާ ބޮއިކޮޓްކޮށްފައިވާތީ އެ މައްސަލަ ފާސް ކުރީ 38 މެންބަރުންގެ އިއްތިފާގުންނެވެ.
އެކަމާ ގުޅިގެން މިއަދު ބޭއްވި ގައުމީ ސަލާމަތުގެ ކޮމިޓީން ވަނީ އެ ހާލަތުގައި ވެސް ފާސް ކުރާ ކުއްލި ނުރައްކަލުގެ ހާލަތުގެ ސައްހަކަން ކަނޑައެޅުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ނިންމައި މަޖިލީހުގެ ފްލޯއަށް ގަރާރެއް ހުށަހަޅައިފަ އެވެ.
އެ ގަރާރުގައި ބުނެފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރުމަށް ރައީސް އަބްދުﷲ ޔާމީން ނިންމާފައިވާއިރު އެކަމާ ގުޅޭ ގޮތުން މަޖިލީހުން ގޮތެއް ކަނޑައެޅުމަށް ގާނޫން އަސާސީގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް އެ މަސްއޫލިއްޔަތު އަދާ ކުރުމުގައި މަގުބޫލު އެއްވެސް ސަބަބެއް ނެތި ބައެއް މެންބަރުން އަމަލުކޮށްފައިވާ ކަމަށާއި ގާނޫން އަސާސީގެ 87 ވަނަ މާއްދާ އޮއްވާ އެ ގަރާރު ފާސް ކުރެވޭނެ ކަމާމެދު އެ މެންބަރުން ސުވާލު އުފައްދަމުންދާ ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދި ހުށަހަޅާ ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވެސް މިއަދު ވަނީ މަޖިލީހުގެ ގަވައިދުގެ 38 ވަނަ މާއްދާއަ ހަވާލާދީ ވޯޓުގައި ދެބައިކުޅަ އެއްބައި މެންބަރުން ބައިވެރިވާކަށް ނުޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އެ ގަވައިދުގައި ރައްޔިތުން ސީދާ އަމަލު ކުރަން ޖެހޭ ކަންކަމުގެ ތެރޭގައި ކުއްލި ނުރައްކަލުގެ ހާލަތު ނުހިމެނެ ކަމަށް މަސީހު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ލަފައެއް ހޯދުމަށް ފޮނުވާފައިވާއިރު ކުއްލި ނުރައްކަލުގެ ގަރާރުގެ މުއްދަތު ހަމަވަނީ މިރޭގެ 7:30 އަށެވެ.
އެސްއޯއީ ފާސް ކުރި ގޮތް ސައްހަކަން ކަނޑައަޅަން ސުޕްރީމް ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ