އުއްތަމަ ފަނޑިޔާރު އަމަލުކުރައްވަނީ ޤާނޫން އަސާސީއާއި ހިލާފަށް: އަބްދުﷲ ސައީދު

ސިވިލްސާރވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ފަހުމީ ހަސަންގެ ބަދަލުގައި އެކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުއްވި ފާތިމަތު ރީނީ އަބްދުއްސައްތާރު މަގާމަށް އައްޔަން ކުރެއްވުމަށް ހުވާލާދެއްވުމަށް ސްޕްރީމް ކޯޓުން ފަނޑިޔަރަކު ފޮނުއްވީ ޤާނޫނު އަސާސީއާއި ހިލާފަށް އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިންކަމަށް އިންތިގާލީ ސްޕްރީމް ކޯޓްގެ އުއްތަމަ ފަނޑިޔާރު އަދި މިހާރުގެ ސްޕްރީމް ކޯޓްގެ ފަނޑިޔާރު އަބްދުﷲ ސަޢީދު ވިދާޅުވެއްޖެއެވެ.
ރީނީ ހުވާކުރުން ފަސްކުރުމަށް ސްޕްރީމް ކޯޓުން އިއްޔެނެރުނު އަމުރަކީ ސްޕްރީމް ކޯޓުން އެފަދަ އަމުރުތައް ނެރުމަށް އޮންނަ އުސޫލާއި ހިލާފަށް ނެރެފައިވާ އަމުރެއްކަމަށާއި އެ އަމުރު ނެރެފައިވަނީ އުއްތަމަ ފަނޑިޔާރާއި އެކޯޓްގެ އިތުރު ދެ ފަނޑިޔާރަކަށް އެނގިވަޑައި ނުގެންކަމަށް އުއްތަމަ ފަނޑިޔާރު ރޭވަނީ ވިދާޅުވެފައެވެ. އުއްތަމަ ފަނޑިޔާރު ރޭ ނެރުއްވި ބަޔާނާއިގުޅިގެން އަބްދުﷲ ސައީދު ރާއްޖެ ޓީވީގައި ވިދާޅުވީ ފަހުމީގެ މައްސަލާގައި ސްޕްރީމް ކޯޓުން ވަކިގޮތަކަށް ނިންމާފައިވަނިކޮށް ރީނީގެ ހުވާކުރުމަށް ސްޕްރީމް ކޯޓުން ފަނޑިޔާރަކު ފޮނުއްވީ ގާނޫނު އަސާސީއާއި ހިލާފަށް ކަމުގައެވެ.
ސީއެސްސީއަށް އިތުރު މެމްބަރަކު ހަމަނުޖެއްސެވުމަށް އިއްޔެ އަމުރެއް ނެރުއްވާފަިއވަނީ ސްޕްރީމް ކޯޓްގެ ފަނޑިޔާރު ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދު މުހައްމަދާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ އިތުރުން ފަނޑިޔާރު ޑރ އަހްމަދު އަބްދުﷲ ދީދީގެ އަގުލަބިއްޔަތުންނެވެ.
މިއަމުރު ނެރެފައިވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިންނާއި ފަނޑިޔާރު މުއުތަސިމް އަދުނާނާއި އަބްދުﷲ އަރީފްއަށް އެނގިވަޑައި ގުނެންކަމަށް އުއްތަމަ ފަނޑިޔާރުވަނީ ވިދާޅުވެފައެވެ.
އަމުރު ނެރެފައިވާ ހަތަރު ފަނޑިޔާރުންގެ ތެރެއިން އަލީ ހަމީދު ބިދޭސީ އަންހެނުންތަކަކާއި ޖިންސީގުޅުން ހިންގާ ވީޑިއޯތަކެއްގެ މައްސަލަ ފުލުހުންދަނީ ބަލަމުންނެވެ. އަދި އެމައްސަލަ ޖޭއެސްސީއަށްވެސް ހުށައަޅާފައިވާއިރު އިއްޔެ އަމުރު ނެރުނު ސްޕްރީމް ކޯޓްގެ ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އާދަމް މުހައްމަދަކީ ޖޭއެސްސީގެ ރައީސް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ