އެޓާނީ ޖެނެރަލް އާޒިމާ އަށް ދެންވެސް ވޯޓެއް ނުދޭނަން: އަބްދުރަހީމް އަބްދުﷲ

ޖެންޑަރ މިނިސްޓަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބުމާއި ގުޅިގެން އަލުން އަނބުރާ އެޓާނީ ޖެނެރަލު ކަމަށް އައްޔަން ކުރައްވާފައިވާ އައިޝަތު އާޒިމާ ޝަކޫރަށް ވޯޓް ނުދެއްވާނެ ކަމަށް ޕީޕީއެމްގެ ނައިބްރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ދެ ވަޒީރުންނަށް ރުހުން ނުލިބުނު މައްސަލާގައި ސަރުކާރު ޕްރޮމޯޓް ކުރާ ބައެއް މީޑިއާތަކުން އޭނާގެ އަގުވައްޓާލުމަށް ރިޕޯޓްތައް ހަދައިގެން ދައްކަމުންގެންދާކަމަށެވެ.
"މިތަނަށް ފޮނުވި 3 ވަޒީރުންގެ މައްސަލާގައި އަޅުގަނޑާއި ބެހޭގޮތުން ރިޕޯޓްތައް ހަދައިގެން ދިޓީވީން ދައްކަމުން ގެންދިޔައިރު، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިއަދުވެސް މާދަމާވެސް އަޅުގަނޑަށް ރުހުންދޭން ނުފެންނަންޏާ ވޯޓެއް ނުދޭނަމޭ. ހަމަ ކެރިގެން މިދަންނަވަނީ ނުދޭނަމޭ. އޭގެ މާނައަކީ ތިމާ ބޭނުންވާ ކަމެއް ތިމާބޭނުންވާ ގޮތަކަށް ނުވީމައި އެކަން ނުވުމަށް މެދުވެރިވި މީހާ އެއީ ރިޝްވަތު ނަގައިގެން ހުރި މީހެއްކަމަށް، ވިކިގެން ހުރި މީހެއްކަމަށް ވިދާޅުވާއިރު ތިމާ އަމިއްލަ ނަފުސާއި ސުވާލުކޮށްލަބަލަ ތިމާ އެކަން ކުރީ ކިހާވަރަކަށްތޯ،" އަދުރޭ ވިދާޅުވިއެވެ.
އަބްދުރަހީމް އަބުދުﷲ ވިދާޅުވީ އާޒިމާއަށް ރުހުންދިނުމުގައި ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން ގޮތެއް ނިންމުމަށް ފަހު ވިޕެއް ނެރެފިނަމަ އެއަށް ތަބާވާނެކަމަށެވެ. ނަމަވެސް އޭނާގެ އަމިއްލަ ވިސްނުމުގައި އާޒިމާއަށް ރުހުން ނުދެއްވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ބިލްގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން މިހާރުގެ ސަރުކާރަށް އަދުރޭވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން މިހާރުގެ ކޯލިޝަން ސަރުކާރުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ޕީޕީއެމްއަށް ނިސްބަތްވާ ފަރާތްތައް މަގާމުން ވަކިކުރަމުންދާ މައްސަލާގައިވެސް އޭނާ ޑރ.ވަހީދަށް ފާޑުވިދާޅުވިއެވެ. އަދި ވޭތުވެ ދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންނަށް އެކަށީގެންވާ ހިދުމަތްތަކެއް ފޯރުކޮށްދެވިފައި ނުވާކަމަށް އަދުރޭ ވިދާޅުވިއެވެ.
ރިޔާސީ އންތިހާބުގެ ކެމްޕޭން ފެށިފަހުން ޑރ.ވަހީދުގެ ސަރުކާރާއި ޕީޕީއެމްއާއި ދެމެދު ބަދަލުކުރެވެމުންދާ ބަހުގެ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ