ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އަށް ރިޝްވަތު ދެއްވަން މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ތުހުމަތުތަކާއި ގުޅިގެން އެއްވެސް އެއްޗެއް ވިދާޅުވުމަށް އިބޫ ދެކޮޅު ހައްދަވައިފި އެވެ.
ގާސިމް އިބްރާހީމް ރިޝްވަތު ދެއްވަން މަސައްކަތް ކުރެއްވިތޯ ވީނިއުސް އިން މިއަދު ސުވާލު ދެންނެވުމުން އިބޫ ވިދާޅުވީ "އެކަމާ އަޅުގަނޑު ކޮމެންޓެއް ކުރަން، މިވަގުތު ވަކި އެއްޗެއް ބުނަން ބޭނުން ނުވާ،" ކަމަށެވެ.
އިބޫއަށް ގާސިމް އިބްރާހީމް ރިޝްވަތު ދެއްވަން މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ތުހުމަތުތަކުގެ ހަގީގަތް ހޯދުމުގެ މަސައްކަތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފަށާފައިވާތީ އެމައްސަލައިގައި އެއްބާރުލުން ދެއްވާނަންތޯ ދެންނެވުމުން އިބޫ ވިދާޅުވީ "އޭސީސީއަށް ހާޒިރުކޮށްފިނަމަ ދައްކަންޖެހޭ ވާހަކަ ދައްކަވާނެ،" ކަމަށެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި "މުޅި މާފަންނު ތިލަފަތަށް" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އިބޫއަށް ގާސިމް އިބްރާހީމް ރިޝްވަތު ދެއްވަން މަސައްކަތް ކުރެއްވީ ބަރަހަނާ ވީޑިއޯއެއް ލީކުވެފައިވާކަމަށް ތުހުމަތުކުރެވޭ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަކީ އެމްޑީޕީން ތާއީދުކުރާ ފަނޑިޔާރަކަށް ހެއްދެވުމުގެ ބޭނުމުގައި ކަމަށެވެ.
"އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕްގެ ލީޑަރު އެބަ ވިދާޅުވޭ ގާސިމް އިބްރާހީމް، އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި ދެންނެވި ކަމަށް އަލީ ހަމީދަކީ އެމްޑީޕީން ތާއީދުކުރާ މީހެއްގެ ގޮތުގައި ފަނޑިޔާރު ގޭގައި ބައިންދާ ދޭށޭ، ކޮންމެފަދަ ހޭދައެއްވެސް އެބޭފުޅާ ކޮށްފާނަމޭ ގާސިމް ވިދާޅުވީ. އަޅުގަނޑުމެން ދެމީހުންވެސް އަދި މިތިބީ ދުނިޔޭގައި، އިބްރާހިމް މުހައްމަދު ސޯލިހުވެސް އެބަހުންނެވި. އަޅުގަނޑަށް ފެންނަނީ މިކަންކަމުގައި އަޅުގަނޑުމެން އަނދަގޮޑި ޖަހައިގެން ތަހުގީގު ކުރަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އިބޫ އަށް ރިޝްވަތު ދެއްވަން މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ތުހުމަތުތަކާއި ގުޅިގެން ޖުމްހޫރީ ޕާޓީއާއި ގާސިމް އިބްރާހީމް އަދި ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.
ގާސިމް ރިޝްވަތު ދެއްވި ކަމަށް ކުރާ ތުހުމަތުތަކަށް އިބޫ ޖަވާބެއް ނުދެއްވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ