"މައުމޫން ވަކިވެ ވަޑައިގެންފަހުން ޑީއާރުޕީއަށް އެންމެ އިންތިހާބެއް ވެސް ކާމިޔާބެއް ނުވޭ"

ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމް ޑީއާރުޕީން ވަކިވެވަޑައިގެންފަހުން ޑީއާރުޕީއަށް އެންމެ އިންތިހާބެއްވެސް ކާމިޔާބު ކުރެވިފައިނުވާ ކަމަށާއި މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީއަކީ ޕީޕީއެމް ކަމަށް އެޕާޓީން ބުނެފި އެވެ.
ރ. އަތޮޅު ކައުންސިލުން ހުސްވެފައިވާ އަލިފުށީ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިންނަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށްހު މިއަދު މާލެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީޕިއެމްގެ އިންތިގާލީ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އަލިފުށީ ދާއިރާގެ ބައި އިލެކްޝަންގައި ރާއްޖޭގައި މިވަގުތު އޮތް އެންމެބޮޑު ތިން ޕާޓީއާ ވާދަކޮށް ޕީޕީއެމްއިން ކާމިޔާބު ހޯދުމަކީ ރާއްޖޭގަ އޮތް އެންމެ ބޮޑު ޕާޓީއަކީ ޕީޕީއެމްކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.
"ރައީސް މައުމޫން ވަކިވެ ވަޑައިގެންފަހުން އަދި، ޑީއާރުޕީއަށް އެންމެ އިންތިހާބެއްވެސް ކާމިޔާބެއް ނުވޭ. ރާއްޖޭގައި މިވަގުތު އޮތް އެންމެބޮޑު ތިން ޕާޓީއާ ވާދަކޮށް ޕީޕީއެމްއިން މި ކާމިޔާބީ ހޯދީ. މި އިންތިހާބުންވެސް އިގޭ މިހާރު ރާއްޖޭގަ އޮތް އެންމެ ބޮޑު ޕާޓީއަކީ ޕީޕީއެމްކަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޑީއާރްޕީއަށާއި އެ ޕާޓީގެ ލީޑަރު އަހްމަދު ތަސްމީނު އަލީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް މައުމޫނަށް ބާރު ލިބޭ ގޮތަށް ރާއްޖޭގެ ވެރިކަން ފުރޮޅިގެން ހިނގައްޖިއްޔާ ފެނިގެންދާނީ ބަދަލު ހިފުމުގެ ކަންތައްތަކެއް ކަމަށް ތަސްމީން ވިދާޅުވެފައިވާ ކަމަށާއި ނަމަވެސް މި އިންތިހާބުން ވެސް ޕީޕީއެމްގެ ސައިޒު ޑީއާރުޕީއަށް ފެންނާނެ ކަމަށެވެ.
ޑީއާރްޕީ ފެއިލްވަމުންދާ ދިއުމުން ޑީއާރްޕީގެ އަސްލު މިހާރު ފެންނަމުންދާ ކަމަށާއި އެޕާޓީއަކީ ރާއްޖޭގެ ކުޑަ ސިޔާސީ ޕާޓީތަކުގެ ތެރޭގައި ހިމެނޭ ޕާޓީއެއް ކަމަށް ބެސް އަބްދުއްރަހީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި އެކަކަށް އެންމެ ތާއީދު އޮތް ލީޑަރަކީ ރައީސް މައުމޫން ކަމަށެވެ. އެހެންކަމުން މައުމޫނާ ބެހޭ ގޮތުން ޑީއާރްޕީން ވާހަކަ ނުދެއްކުމަށް އޭނާ އެދިވަޑައިގަތެވެ.
އަލިފުށީ ދާއިރާގެ ބައި އިލެކްޝަނުގައި ޕީޕީއެމްގެ މަހީޝް އަށް 883 ވޯޓު ލިބުނުއިރު އެމްޑީޕީގެ މޫމިނާ އީސާފުޅަށް ލިބިފައިވަނީ 827 ވޯޓެވެ. އަދި ޑީއާރުޕީގެ އަބްދުﷲ ޝިނާނަށް 274 ވޯޓް ލިބުނު އިރު  ޖުމްހޫރީ ޕާޓީގެ ނާސިފް އަބްދުﷲ އަށް ލިބިފައިވަނީ ފަސް ވޯޓެވެ.
ރައީސް މައުމޫނަށް ބާރު ލިބޭގޮތަށް ރާއްޖޭގެ ވެރިކަން ފުރޮޅިގެން ހިނގައްޖެނަމަ ފެނިގެން ދާނީ ގައުމުގެ ކުރިމަގު ބިނާކުރުމުގެ ބަދަލުގައި، މާޒީވެދިޔަތާ ވެފައިވާ ކަންކަމަށް ބަދަލު ހިފުން ކަމަށް ތަސްމީން ވިދާޅުވެފައިވާތީ އެކަމަށް ރައްދުދެއްވައި އަބްދުއްރަހީމް ވިދާޅުވީ ރައީސް މައުމޫނަކީ ބަދަލުހިފާނެ ބޭފުޅެއް ނޫންކަން ވަރަށް ރަނގަޅަށް ވެރިކަން ކުރި އަހަރުތަކުގައި ރައްޔިތުންނަށް ދައްކައި ދީފައިވާ ކަމަށެވެ.
އެމަނިކުފާނުގެ ހަށިކޮޅަށް ގެއްލުން ދިނުމަށް މަސައްކަތްކުރި މީހުންނަށް ވެސް އެމަނިކުފާނު މައާފް ދެއްވާފައިވާ ކަމަށާއި އެކަމުން ވެސް އެމަނިކުފާނު ބަދަލު ނުހިއްޕަވާނެކަން ދޭހަވާކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެފަދަ ބޭފުޅުން ސަރުކާރުގެ އިސް މަގާމްތަކުގައި ގެންގުޅުއްވާފައިވާ އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީޕީއެމްއިން ބުނީ ރ. އަތޮޅުގައި ކެމްޕެއިން ކުރި ދުވަސްކޮޅު އެކި ރަށްރަށުން ޕީޕީއެމްއާއި ގުޅުނު 700 އަށްވުރެ ގިނަ ފޯމް ލިބިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ