އަލީ ވަހީދުގެ ނަން އިއްވުމުން މަޖިލީހުގައި މުޒާހަރާކޮށްފި

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމާއެކު މަޖިލީހުގެ ނިޒާމް ގެއްލުވާލުމުގެ ސަބަބުން ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދުގެ ނަން އިއްވުމުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުން މަޖިލީހުގެ ތަޅުމުގައި އަޑުގަދަކޮށް މުޒާހަރާކޮށްފި އެވެ.
އަލީ ވަހީދުގެ ނަން އިއްވާފައިވަނީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ ދިވެހި ރައްޔިތުންނަށް ދޭންފަށާފައިވާ ހެލްތް އިންޝުއެރެންސް "އާސަންދަ" ކުރިޔަށް ގެންދެވޭނެކަމާމެދު ސުވާލު އުފެދި ރަށްރަށުގެ ކަރަންޓާއި ފެނާއި ނަރުދަމާ އަދި ފަޅުހެދުމާއި ބޯ ހިޔާވަހިކަމާއި މަގުހެދުމުގެ މަޝްރޫޢުތައް ކުރިޔަށް ގެންދެވޭނެ މަގެއް ނެތުމާއެކު ސަރުކާރުގެ މޫނުމަތި ރީތިކުރުމަށް ކުރާހޭދަ ހުއްޓާލުމުގެ ޤަރާރުގެ އިބްތިދާއީ ބަހުސްގެ މަރުހަލާ ކުރިއަށް ގެންދަވަނިކޮށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމާއެކު އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ރައީސް އަލީ ވަހީދު ނިޒާމީ މައްސަލަތަކެއް ނަންގަވައި، ވަނީ ސަރުކާރުން ކުރަމުންދާ ބައެއް ކަންތައްތަކަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
އެގޮތުން އަލީ ވަހީދު ނިޒާމީ މައްސަލަ ނަންގަވާފައިވަނީ އާސަންދައިން އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ޚިދުމަތް ދޭއިރު ސަރުކާރުން ކަނޑައަޅާފައިވާ އަގަށްވުރެ އެތަނުންދޭ ޚިދުމަތުގެ އަގުތައް ބޮޑުނަމަ ބޮޑުވާބައި ބަލިމީހާގެ އަތުން ނަގާގޮތަށް ސަރުކާރުން ހަމަޖެއްސުމާއި އަދި މަޖިލީހުގެ ރައީސަށް އެންގުމަކާ ނުލާ މަޖިލީހުގެ މެންބަރުން ހައްޔަރު ކުރެވޭނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވެފައިވުމުންނެވެ.
އަލީވަހީދުގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ވަނީ ނިޒާމީ ނުކުތާ ނަންގަވައިގެން މަޖިލީހުގައި އަޑުގަދަކުރައްވައި މަޖިލީހުގެ ނިޒާމް ގެއްލުވާލާފައިވެ އެވެ.
ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަހީދު ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގަންނަވަންދެން ޖަލްސާ މެދުކަނޑާލާފައިވާކަމަށް ރިޔާސަތުން އިއުލާނުކޮށްފައިވީ ނަމަވެސް މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު 1 ޖަހާއިރު ވަނީ ނިޒާމް ގެއްލިފައިވާ ކަމަށް ބުނެ ޖަލްސާ ނިންމާލާފައެވެ.
މަޖިލީހުގެ ގަވާއިދުގެ 40 ވަނަ މާއްދާގެ (ހ)ގެ (4) ގައި ބަޔާންކުރަނީ ޖަލްސާ ކުރިއަށްގެންދެވޭ މިންވަރަށްވުރެ ބޮޑަށް މަޖިލީހުގެ ނިޒާމް ގެއްލިއްޖެކަމަށް މަޖިލީހުގެ ރައީސްއަށް ފެނިއްޖެނަމަ މަޖިލީހުގެ ޖަލްސާއެއް ހިނގަމުންދާކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވާ ގަޑި ހަމަވުމުގެ ކުރިން ޖަލްސާއެއް ނިންމާލެވިދާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ