މ. އަތޮޅޫ މުބާރާތް: ފައިނަލްގެ ފަހު ޖާގަ މުލަކު އެކުވެރި ޒުވާނުންގެ ޖަމްއިއްޔާ އަށް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ މ. އަތޮޅު ފުޓްބޯޅަ މުބާރާތުގެ ފައިނަލްގެ ފަހު ޖާގަ މުލަކު އެކުވެރި ޒުވާނުންގެ ޖަމިއްޔާ ހޯދައިފިއެވެ.
އެ ޓީމް ފައިނަލްގެ ފަހު ޖާގަ ކަށަވަރުކުރީ އިއްޔެ ކުޅުނު މުބާރާތުގެ ދެވަނަ ސެމީފައިނަލް މެޗުގައި ކޮޅުފުށީ ޒުވާނުންގެ ޖަމްއިއްޔާއާ ބައްދަލުކޮށް، 4-2 ގެ ނަތީޖާއަކުން އެ ޓީމުގެ މައްޗަށް ކުރި ހޯދައިގެނެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗު ނިމުނުއިރު ދެ ޓީމުންކުރެ އެއް ޓީމަކަށްވެސް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. އެހެން ކަމުން މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުލަކު އެކުވެރި ޒުވާނުންގެ ޖަމްއިއްޔާގެ ނިހާދު ނާސިރު އެވެ.
އެ މުބާރާތުގައި މުލަކު އެކުވެރި ޒުވާނުންގެ ޖަމްއިއްޔާ ސެމީފައިނަލަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި އެ ޓީމް ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށް، މުބާރާތުގައި ގްރޫޕް 'ބީ' ތާވަލްގެ އެއްވަނަ މަގާމް ހޯދައިގެނެވެ. އަދި ކޮޅުފުށީ ޒުވާނުންގެ ޖަމްއިއްޔާ މުބާރާތުގެ ސެމީއަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުތަކުން މުޅިއަކު ފަސް ޕޮއިންޓް ހޯދައި، ގްރޫޕް 'އޭ' ތާވަލްގެ ދެވަނަ މަގާމް ހާސިލްކޮށްގެނެވެ.
އެ މުބާރާތުގައި ކުޅުނު ފުރަތަމަ ސެމީ ކަމިޔާބުކޮށް، މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރު ކުރީ މުލަކު އެކުވެރި ކްލަބެވެ. ސެމީފައިނަލްގައި ނާލާފުށި ޔޫތު ޑިވަލޮޕްމަންޓް އެސޯސިއޭޝަނާ ބައްދަލުކޮށް، މެޗުގެ ނަތީޖާ އެއްވަރުވުމުން އެ މެޗުގެ ނަތީޖާވެސް ނެރެފައި ވަނީ ޕެނަލްޓީ ޖަހައިންނެވެ.
މުޅިއަކު ނުވަ ޓީމެއް ބައިވެރިވި މ. އަތޮޅު ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައި ވަނީ މާދަމާ ހަވީރު އެވެ. އެ މެޗުގައި ބައްދަލުކުރާނީ އެ އަތޮޅު މުލަކަށް ނިސްބަތްވާ ދެ ޓީމް ކަމަށްވާ މުލަކު އެކުވެރި ކްލަބާއި މުލަކު އެކުވެރި ޒުވާނުންގެ ޖަމިއްޔާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ