ކީރިތި ރަސޫލާގެ ހަޔާތްޕުޅުން އިބްރަތް ހާސިލުކޮށް، އެއްބައިވަންތަކަމާއި ހަމަހަމަކަމުގެ އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިއްތަވައި، އުހުއްވަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ސުލްހަމަސްލަހަތު ދެމެހެއްޓުމުގެ އަޒުމް ވަރުގަދަ ކުރުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ އިންތިގާލީ ރައީސް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިލްތިމާސް ކުރައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ ކީރިތި ރަސޫލާގެ އީދު މީލާދުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.
މެސެޖުގައި ރައީސް މައުމޫނު ވިދާޅުވި ގޮތުގައި މިމާތް ދުވަސް ފާހަގަ ކުރުމުގެ ބޭނުމަކީ، ކީރިތި ރަސޫލާގެ ޒިކުރާއިން އިބުރަތްތެރި ފިލާވަޅުތަކެއް ހާސިލް ކުރުމެވެ. އެކަލޭގެފާނު ގެނެސްދެއްވި މަތިވެރި ހިދާޔަތުގައި އަބަދުމެ ހިފެހެއްޓުމުގެ އަޒުމް އާކޮށް އާލާކުރުމެވެ. އެކަލޭގެފާނުގެ މަތިވެރި ހުލްގު ފުޅާއި ގެންގުޅުއްވި މާތް ރީތި އުސޫލު ތައް އަމަލީ ގޮތުން ނަމޫނާއަކަށް ބެލުމެވެ.
"ކީރިތި ރަސޫލާގެ މަތިވެރި ސީރަތްފުޅަށް ނަޒަރު ހިންގާލައިފިނަމަ، އެކަލޭގެފާނުގެ އެންމެ ހާއްސަ ސިފަފުޅަކީ، އޯގާތެރިކަމުގެ ނުވަތަ ރަހުމަތު ގެ ނުވަތަ އެންމެންނަށްވެސް ރަހުމް ކުރެއްވުމުގެ މާތް ސިފަފުޅުކަން ސާބިތުވެގެން ދެއެވެ. އެކަލޭގެފާނު އެންމެންނަށް އޯގާތެރިވެ ވަޑައިގަތެވެ. އެންމެންނަށް ރަހުމް ކުރެއްވިއެވެ. އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށާއި، ބޭފުޅުންނަށާއި، ގާތްތިމާގެ ބޭފުޅުންނަށެވެ. އަސްހާބު ބޭކަލުންނަށެވެ. ދެނެވަޑައިގަންނަވާ މީހުންނަށާއި ދެނެވަޑައިނުގަންނަވާ މީހުންނަށެވެ. އަދި އެއްވެސް މީހަކާމެދު ހިތްޕުޅު ނުބައެއް ނުކުރައްވައެވެ. އެއްވެސް މީހަކަށް ކުޑައިމިސް ބަސްފުޅެއް ވިދާޅެއް ނުވެއެވެ." މެސެޖުގައި ރައީސް މައުމޫނު ވިދާޅުވިއެވެ.
އަޅުގަނޑުމެން މުސްލިމުން މިއުންމަތުގެ މާތް ނަބިއްޔާގެ އީދު މީލާދުގެ އުފާ ފާޅުކުރަމުންދާއިރު، އެންމެ އިސްކަން ދޭންވީ ކަމަކީ، އެކަލޭގެފާނު ކޮންމެ ކަމެއްގައިވެސް ދައްކަވާފައިވާ މަތިވެރި ނަމޫނާއަށް އަމަލީ ގޮތުން ތަބާވުން ކަމަށްވެސް ރައީސް މައުމޫނު ވިދާޅުވެފައިވެއެވެ.
"ވަކިން ހާއްސަ ކޮށް އެންމެންނާމެދު ވެސް އެކަލޭގެފާނު ގެންގުޅުއްވި މާތް ރީތި ގޮތްތައް ދަސްކުރުމެވެ. އަޅުގަނޑުމެންނަކީ އެންމެންނަށްވެސް އޯގާތެރިވާ އެންމެންނަށްވެސް ރަހުމް ކުރާ، އެންމެންނަށްވެސް ކަމޭހިތާ، އެއްވެސް މީހަކާމެދު ކުޑައިމީސް ބަހެއް ނުބުނާ އިހުސާން ތެރި ބަޔަކަށް ވެވޭތޯ ގަދައަޅައި މަސައްކަތް ކުރުމެވެ." ރައީސް މައުމޫނު ވިދާޅުވެފައިވެއެވެ.
ރަސޫލާގެ ހަޔާތްޕުޅުން އިބްރަތް ލިބިގަނެ، ސުލްހަ ދެމެހެއްޓުމުގެ އަޒުމް ވަރުގަދަ ކުރުމަށް މައުމޫން އިލްތިމާސްކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ