ޓީވީއެމާއި އަޑާއި މުވައްޒަފުންނާއި މުދަލާއި ފައިސާ ހޯދުމަށް އެމްބީސީ އިން ދައުވާ ކުރަނީ ފިނޭންސާ ދެކޮޅަށް

00:50ޓީވީއެމާއި ދިވެހިރާއްޖޭގެ އަޑުގެ މުވައްޒަފުންނާއި މުދަލާއި ފައިސާ ހޯދުމަށާއި ގާނޫނާ ހިލާފަށް ސަރުކާރުން އަމަލުކުރުމުގެ ސަބަބުން އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ފިނޭންސް މިނިސްޓްރީއާ ދެކޮޅަށް އެމްބީސީން ދައުވާކޮށްފި އެވެ.މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން ނުވަތަ އެމްބީސީގެ ޗެއާމަން އިބްރާހިމް އުމަރު މަނިކު މިއަދު ވިދާޅުވީ، ދައުލަތުގެ މީޑިއާގެ މުދަލާއި، ފައިސާ އަދި މުވައްޒަފުން ހޯދުމަށް މިއަދު ހެނދުނު ކޯޓަށް މައްސަލަ ހުށަހެޅީ، އެ ދެތަން ހޯދުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގައި ދަންނަވައިގެން މިހާތަނަށް ކުރި މަސައްކަތުން އެއްވެސް ނަތީޖާއެއް ފެނިފައިނުވާތީ ކަމަށް. އަދި ޑރ. ހަސަން ސައީދާއި ކޮމިއުނިކޭޝަން މިނިސްޓަރުކަން ކުރެއްވި ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ ރާއްޖެ ޗެމްބާސްއާ ހަވާލުކޮށްގެން އެ މައްސަލަ ޝަރީއަތަށް ހުށަހެޅީ މަޝްވަރާކުރަންޖެހޭ ހުރިހާ ފަރާތްތަކާ މަޝްވަރާކޮށްގެން އެއްވެސް ކުރިއެރުމެއް ނުލިބިގެން، އެ ނޫން ގޮތެއް ނެތިގެން ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.އެ މައްސަލައާ ބެހޭ ގޮތުން ޑރ. މުހައްމަދު ޖަމީލު އަހްމަދު މިއަދު ވިދާޅުވީ ދައުލަތުގެ މީޑިއާއަކީ ރައްޔިތުންނަށް ހަމަހަމަކަމާއެކީ ވާސިލްވެވެންޖެހޭނެ އެއްޗެއްކަން ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އަދި ޤާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ނުވަތަ ރައްކާތެރިކަމެއް ނުލިބިގެން، ކޮންމެ ފަހަރަކު ޝަރުއީ މަރުހަލާއަށް ސަރުކާރު ގޮވައިގެންދާން ޖެހުމަކީ ވަރަށް ހިތާމަކުރައްވާ ކަމެއް ކަމަށެވެ. ޑރ. ޖަމީލު ވިދާޅުވި ގޮތުގައި، ކޯޓަށް ހުށަހެޅި މި މައްސަލާގައި ދެ ކަމަކަށް އެދިވަޑައިގެންފައިވާނެ އެވެ. އެގޮތުން ފުރަތަމަ ކަމަކަށް އެދިފައި ވާނީ، ގާނޫނުގެ ދަށުން ދައުލަތުގެ މީޑިއާ މިނިވަންކޮށްދީފައިވާއިރު، ސަރުކާރު ހިއްސާވާ ކުންފުންޏަކުން ކުރީގެ ޓީވީއެމާއި ދިވެހިރާއްޖޭގެ އަޑުގައި ހުރި މުދަލާއި ތަކެތި ބޭނުންކުރުމަކީ ޣައިރު ގާނޫނީ ކަމެއް ކަމަށް ކަނޑައަޅައިދިނުމަށް ކަމަށް ޑރ.ޖަމީލު ވިދާޅުވި އެވެ. އަދި ދެވަނަ ކަމެއްގެ ގޮތުގައި، އެ ދެތަނާއި އެ ތަންތަނުގައި ހުރި މުދާ މިހާރުން މިހާރަށް އެމްބީސީއާ ހަވާލުކޮށްދިނުމަށް އަމުރުކޮށްދިނުމަށް އެދިފައިވާނެ ކަމަށްވެސް ޑރ.ޖަމީލު ވިދާޅުވި އެވެ.ދައުލަތުގެ މީޑިއާ ހިންގަމުން އަންނަ އެމްއެންބީސީން މިހާރު ވަނީ ޓީވީއެމްގެ ނަން އެމްއެންބީސީ ޗެނަލް ވަން އަދި ދިވެހިރާއްޖޭގެ އަޑުގެ ނަން ރާއްޖެ ރޭޑިއޯއަށް ބަދަލުކޮށްފައި އެވެ. އަދި އެ ދެތަނުގެ ހިއްސާ ވިއްކުމަށްވެސް ނިންމާފައިވެ އެވެ.ނަމަވެސް، އެމްބީސީގެ ޗެއާމަން ވިދާޅުވީ، ނަން އެމްއެންބީސީން ބަދަލުކުރި ނަމަވެސް އެ ކުންފުނިން އެ ދެތަން ހިންގާނީ ޓީވީއެމާއި ދިވެހިރާއްޖޭގެ އަޑުގެ ނަމުގައި ކަމަށް ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.މަނިކު އިތުރަށް ވިދާޅުވީ، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންނަށް ދިނުމަށް މަޖިލީހުން ކަނޑައަޅާފައިވާ މުސާރަ ވެސް ސަރުކާރުން އަދި މިހާތަނަށް ދީފައިނުވާ ކަމަށެވެ. އަދި އެމްބީސީގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުންތައް ބާއްވަނީ އެކި މެމްބަރުންގެ އޮފީސްތަކާއި، ސައި މޭޒުދޮށުގައި ކަމަށް ފާހަގަކުރައްވާ ވިދާޅުވީ، އެކަމާ ލަދު ގަންނަން ޖެހޭނީ ސަރުކާރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.އެމް.ބީ.ސީ.ގެ ގާނޫނު ބުނާ ގޮތުން އެ ގާނޫނަށް ޢަމަލުކުރަން ފެށުމާއެކު ދިވެހިރާއްޖޭގެ އަޑާއި، ޓީވީއެމް، އެ ގާނޫނުގެ ދަށުން އުފައްދާފައިވާ އެމް.ބީ.ސީ.ގެ ދެ ޗެނަލަށް ބަދަލުވެގެންދާނެ އެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފައްދާފައިވާ އެމްއެންބީސީގެ ދަށުން މިހާރު ވެސް ހިނގަމުން އަންނަ ދައުލަތުގެ މީޑިއާގެ އެސެޓްތައް ދޫކޮށްނުލާނެ ކަމަށާއި، އެތަންތަން ހޯދަން ޖެހޭނީ ކޯޓަށް ގޮސްގެން ކަމަށް  ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާރޒް ހަސަން އަފީފް ވަނީ މީގެ ކުރިން އިންޒާރުދެއްވައިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ