ހަމީދު އަވަހާރަވުމަކީ ފޫނުބެއްދޭ ވަރުގެ ގެއްލުމެއް: މައުމޫނު

ކުރީގެ މިނިސްޓަރު އަދި ކޮއްކޯފުޅު އަބްދުﷲ ހަމީދު އަވަހާރަވުމަކީ ގައުމަށް ލިބުނު ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ. ދީނީ ހައްދުފަހަނައެޅުންތަކާ ދެކޮޅަށް މިސްރުގައި ބޭއްވި ދެ ދުވަހުގެ ބައިނަލްއަގްވާމީ ފަތުވާ ކޮންފަރެންސް ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަަޑައިގެން އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ ހަމީދަކީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ގައުމަށް އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވާ އަދި ރައްޔިތުންނަށް ވަފާތެރި ބޭފުޅެއް ކަމަށެވެ. އެހާ ގާބިލް، އިލްމީ ބޭފުޅަކު ގެއްލިގެން ދިޔުމަކީ މުޅި ގައުމަށް ވެސް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. "މިއީ އަޅުގަނޑަށާއި އަޅުގަނޑުގެ އާއިލާއަށް އަދި މުޅި ގައުމަށް ވެސް ލިބުނު ވަރަށް ބޮޑު ހިތާމައެއް،" މައުމޫން ވިދާޅުވި އެވެ. އަބްދުﷲ ހަމީދުގެ ހިދުމަތްތައްސަރުކާރަށް ހިދުމަތް ކުރައްވަން ފެއްޓެވީ މޭ 28، 1952 ގައި. ހިދުމަތުގައި 52 އަހަރު ހޭދަކުރެއްވި. ފުރަތަމަ އަދާކުރެއްވި ވަޒީފާއަކީ މުވާސަލާތު އޮފީހުގެ ކާތިބުކަމުގެ މަގާމު. އެންމެ ދިގު މުއްދަތެއް ހޭދަކުރެއްވީ އަތޮޅުތަކާބެހޭ ދާއިރާގައި. އެންމެ ފަހުން އަދާކުރެއްވީ ސީނިއާ މިނިސްޓަރުކަން. ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ ދެ ދައުރު ފުރުއްވި. މަޖިލީހުގައި 43 އަހަރު ހޭދަކުރެއްވި. ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާގެ ލަގަބު ލިބިވަޑައިގެންފައިވޭ. ދިވެހި ބަހަށް ހިދުމަތް ކުރެއްވުމުގެ ޝަރަފްވެރިކަމުގެ އިނާމު 1991 ގައި ލިބިވަޑައިގަތް. ވާހަކަ ދެއްކުންތެރިކަމުން ޝަރަފްވެރިކަމުގެ އިނާމު ވަނީ 2000 ވަނަ އަހަރު ލިބިވަޑައިގެންފައި.އަވަހާރަވީ އުމުރުފުޅުން 76 އަހަރުގައި ބެންގަލޫރުގައި.އުމުރުފުޅުން 76 އަހަރުގައި ހަމީދު އަވަހާރަވީ ހާޓް އެޓޭކެއް ޖެހިގެން ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށް މިދިޔަ އަންގާރަދުވަހު އެވެ. ސަރުކާރަށް 52 އަހަރު ވަންދެން ހިދުމަތް ކޮށްދެއްވާފައިވާ ހަމީދުގެ ހަށިކޮޅު މާލެ ގެނެސް މޫނު ދެއްކުން އޮންނާނީ މިއަދު މެންދުރު ފަހު 1:00 އިން ރޭގަނޑު 7:00 އަށެވެ. ކަށު ނަމާދު އޮންނާނީ މިރޭ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ. ހަމީދު އަވަހާރަވިއިރު އެ މަނިކުފާނުގެ ފަސް އަންހެން ބޭފުޅަކާއި ހަ ފިރިހެން ބޭފުޅަކު ދުނިޔޭގައި އެބަ ތިއްބެވި އެވެ. ހަމީދުގެ ބޭފުޅުންގެ ތެރެއިން ޑރ. ފާތިން ހަމީދު ވަނީ ކެންސަރުގެ އާލާސްކަންފުޅެއްގައި ދާދި ފަހުން އަވަހާރަވެފަ އެވެ. އަދި އަނބިކަނބަލުން ވެސް ވަނީ 2013 ވަނަ އަހަރު އަވަހާރަވެފަ އެވެ. ހަމީދަށް ކާފަ ވިދާޅުވާ 23 ބޭފުޅަކު ވެސް އެބަ ތިއްބެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ