ޓީދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ހިލާފަށް ސުޕްރީމް ކޯޓުން ކޯޓުއަމުރު މިފަހަކަށްއައިސް ނެރޭތީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާ (އެމްޑީޕީ) އިން ކަންބޮޑުވުން ފާޅުކޮށް ނޫސްބަޔާނެއް ނެރެފިއެވެ.
އެމްޑީޕީގެ ސްކްރެޓޭރިއޭޓްގެ ފަރާތުން ނެރެފައިވާ މިނޫސްބަޔާނުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ބާރުގެ ތެރެއަށް ސުޕްރީމް ކޯޓުން ގަދަކަމުން ވަދެގަނެ ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ބާރު ޤާނޫނު އަސާސީއާ ކަނޑައެޅިގެން ޚިލާފަށް ކަނޑުވާލަމުންގެންދާތީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން ނުހަނު ކަންބޮޑުވުން ފާޅުކުރާކަމަށެވެ.
"އެންމެ އަންޑިމޮކްރެޓިކް އިންސްޓިޓޫޝަނުން އެންމެ ޑިމޮކްރެޓިކް އިންސްޓިޓޫޝަންގެ މައްޗަށް ޤާނޫނު އަސާސީއާ ކަނޑައެޅިގެން ޚިލާފަށް އެންމެ ފަހުން ނެރުނު 2 ކޯޓު އަމުރަކީ ސިވިލް ސާރވިސް ކޮމިޝަންގެ ރައީސް މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން ފާސްކުރި އިތުބާރު ނެތްކަމުގެ ވޯޓާ ގުޅިގެން ނެރުނު ކޯޓު އަމުރާއި އަދި މަޖިލީހުގައި ނަގާ ވޯޓު ސިއްރުކުރުމަށް މަޖިލީހުން ފާސްކުރި ކުރުމާގުޅިގެން ނެރުނު ކޯޓު އަމުރު" ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރުތަކުގެ ތެރެއިން ދާދިފަހުން ނެރެފައިވާ ދެ ކޯޓުއަމުރާބެހޭގޮތުން އެމްޑީޕީގެ ނޫސްބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އަދި މިކަމަކީ ތިންބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމެއްގައި ރައްޔިތުންގެ މަޖިލީހަށް ގާނޫނު އަސާސީން ސާފުކޮށް ލިބިދީފައިވާ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ޤާނޫނީ ބާރަށާއި، ޤާނޫނޫ އަސާސީއާ އެއްގޮތްވާގޮތުގެމަތިން އިތުބާރު ނެތްކަމުގެ ވޯޓް ނަގާނޭގޮތް ކަނޑައެޅުމަށް ލިބިދީފައިވާ ޤާނޫނީ ބާރަށް ސުޕްރީމް ކޯޓުން އަރައިގަތުންކަމަށް އެމްޑީޕީން ދެކޭކަމަށްވެސް ނޫސްބަޔާނުގައިވެއެވެ.
ސިވިލް ސާރވިސް ކޮމިޝަނުގެ މެމްބަރުކަމުގެ މަޤާމާ އެކަށީގެންނުވާފަދަ ކަމެއް ކުރިކަމަށް ފެނިއްޖެ ހިނދެއްގައި އަދި އެފަދަ ހާލަތެއް މެދުވެރިވެއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފެނިގެން، އެ މެމްބަރަކު ވަކިކުރުމަށް މަޖިލީހުން ފާސްކުރުމުން އެމެމްބަރަކު އެ ކޮމިޝަނުގެ މެމްބަރުކަމުން ވަކިވާނެކަމަށް ޤާނޫނު އަސާސީގެ 187 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުން ނިންމި މިބާވަތުގެ އެއްވެސް ކަމެއް ހިނގިގޮތުގެ ސައްޙަކަން ބެލުމަށްޓަކައި އެއްވެސް ކޯޓަކަށް މައްސަލައެއް ހުށަ ނޭޅޭނޭކަމަށް ޤާނޫނު އަސާސީގެ 88 ވަނަމާއްދާގެ (ށ) ގައި ބުނެފައިވެއެވެ.
"މިކަން މިހެން އޮތްއިރު، ސުޕްރީމް ކޯޓުން ރައްޔިތުންގެ މަންދޫބުންގެ މައްޗަށް އެކުލެވޭ ރައްޔިތުންގެ މަޖިލީހުގެ ޤާނޫނީ ބާރުގެ ތެރެއަށް ޤާނޫނު އަސާސީއާ ޚިލާފަށް ނަހަމަގޮތުގައި ވަދެގަނެ މަޖިލީހުގެ ބާރާއި ރައްޔިތުންގެ ބާރުކަނޑުވާލައި އަދި ރައްޔިތުންގެ ކުރިމަތީގައި އަދުލު އިންސާފުގެ ދާއިރާއާމެދު އިތުރަށް އިތުބާރުގެއްލޭގޮތަށް ސުޕްރީމް ކޯޓުން އަމަލުކުރަމުން ގެންދާ ގެންދިއުން ހުއްޓާލުމަށް ގޮވާލާ ހިނދު، ރައްޔިތުންގެ މަޖިލީހާއި އެންމެހާ ރައްޔިތުން މިކަމުގައި ސަމާލުވުމަށް މި ޕާޓީން ގޮވާލަމެވެ." އެމްޑީޕީގެ ނޫސްބަޔާން ނިންމާލަމުން ބުނެފައިވެއެވެ.
ގާނޫނުއަސާސީއާއި ހިލާފަށް ސުޕްރީމް ކޯޓުން ކޯޓުއަމުރު ނެރޭތީ ކަންބޮޑުވުން ފާޅުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ