ސްކޫލް ލަވަ މުބާރާތް ގެނެސްދިން ތަރައްގީ...

ލަވަމުބާރާތަކީ އަޅުގަޑުމެނަށް އާ އެއްޗެއް ނޫނެވެ. ރާއްޖޭގެ ބްރޯޑްކާސްޓް މީޑިއާގައި ތަފާތު ލަވަމުބާރާތްތަކެއް ވޭތުވެދިޔަ 30 ހަކަށް އަހަރުދުވަހުގެ ތެރޭގައި ވަނީ ހުށަހަޅާދީފައެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވޭ އެއްމުބާރާތަކީ ޓީ.ވީ.އެމް އިން އިންތިޒާމްކޮށްގެން ގެނެސްދޭ މާލޭ ސްކޫލްކުދިންގެ ލަވަމުބާރާތެވެ. މިފަހަކަށްއައިސް ޓީ.ވީ.އެމް ގެ އިތުރުން ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް (އެން.ސީ.އޭ) އާއި ވީ.ޓީ.ވީ އިންވެސް ވަނީ ސްކޫލްކުދިންނަށް އަމާޒުކޮށްގެން މުބާރާތްތައް އިންތިޒާކޮށްފައެވެ. ގިނަ ބައެއްގެ ބުރަމަސައްކަތުން އިންތިޒާކުރާ މިފަދަ މުބާރާތްތަކުން އަޅުގަޑަށްވެސް 1994 ން ފެށިގެން ތަފާތު ޙައިސިއްޔަތުން ތަފާތު ބޭފުޅުންނާއިއެކު މަސައްކަތްކުރުމުގެ ފުރުޞަތު ވަނީލިބިފައެވެ. އަދި ގިނަ ތަޖުރިބާތަކެއްވެސް ކުރެވިފައެވެ.
ޓީ.ވީ.އެމް ގެ ސްކޫލްކުދިންގެ ލަވަމުބާރާތެއް އެއްމެފުރަތަމަފަހަރަށް ޓީވީ ސްޓޫޑިއޯއިން ބޭރުގައި ބާއްވާފައިވަނީ 1988 ގައި އޯޑިއޯންގައެވެ. އެއަހަރު އަޅުގަޑުވެސް މަޖީދިއްޔާ ސްކޫލްގެ ދަރިވަރެއްގެ ގޮތުގައި އެއްކެޓަގަރީގައި ބައިވެރިވީމެވެ. ނަމަވެސް މިއީ މިހާރު ފެންނަ މުބާރާތްތަކާއި ވަރަށްތަފާތު މުބާރާތެކެވެ. ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ. މިއަދު ސެކަންޑަރީ ސްކޫލްކުއްޖެގެ ބެލެނިވެރިއެއްގެ ގޮތުގައިހުރެ ވިސްނާލާއިރު އަޅުގަޑުމެންގެ ސްކޫލްދައުރާއި ސްކޫލްތެރޭގެ މާހައުލްބިނާވެފައިއޮތް އުސޫލްތައް މާފުރިހަމައޭހިތަށްއަރައެވެ. މިއީ ފަހަރުގަ ގިނަބައެއްގެ މެދުގައި ޚިޔާލުތަފާތުވެދާނެމައްސަލައެކެވެ. އެއީ މުޅިމުޖްތަމަޢުވެސް މިއަދުހާ ހަލަބޮލިނުވާތީއެވެ. ނަމަވެސް ޙަޤީގަތަކީ ކަންކަމުގައި ޒިންމާނަގައިގެން ވަގުތުޖެހެންވާއިރަށް ކޮށްނިންމާލުމާއި ތިމާމެންގެ މަސައްކަތް ދެންތިބިމީހުން ބަލައިގަންނާނެ ގޮތަކާމެދު ވިސްނަންދަސްވީ އެމާހައުލުންކަމެވެ. މިއީ އިވެންޓް މެނޭޖްމަންޓުގެ ފެށުމެވެ. މިގޮތުން ސްކޫލްކޮންސެޓްފަދަ ހަރަކާތްތަކަކީ މުހިންމު ތަޖްރިބާތަކެއްކުރެވުނު އިވެންޓްތަކެކެވެ. ދަންނަވަންމިއުޅޭވާހަކައަކީ ސްކޫލުގެ މިފަދަ ޙަރަކާތްތައް ބިނާވެފައިއޮންނަނީ ޓީޗަރުންނާއި ސުޕަވައިޒަރުންގެ އިތުރުން ދަރިވަރުންގެ އިސްނެގުމާއި، ކެރުމާއި، ބުރަމަސައްކަތާއި، ހުނަރާއި އަދި ހޭލުންތެރިކަމުގެމައްޗަށްވެސްމެއެވެ. މިގޮތުން 1988 ގައި ލަވަމުބާރާތުގައި އަޅުގަޑުމެން ބައިވެރިވީ އަމިއްލައަށް މިއުޒިކް ކުޅެފައެވެ. އެއީ ސްކޫލުގައި ޕޮޕިއުލަރ މިއުޒިކް ކުޅޭ ބޭންޑަކަށްވީތީއެވެ. ހަމަމިގޮތަށް ބައިވެރިވި ދެވަނަ ސްކޫލަކީ އޭރުގެ އެސް.އީ.ސީ އެވެ. ސްކޫލުގެ ޖޫނިއަރ ދަރިވަރުންނަށް ބެކްކޮށްދެއްވީ މިއުޒިކް ޓީޗުންނެވެ. ނަމަވެސް މިއީ ބައެއްސްކޫލްތަކަށް މެނޭޖްކުރަން ދަތި އުނދަގޫކަމަކަށްވެސް ވެގެންދިޔައެވެ. ހިތާމަޔަކީ މިއުނދަގުލުން އަރައިގަތުމުގައި ސްކޫލްތަކުގައި މިއުޒިކް ކުޅޭނެދަރިވަރުން އުފެއްދުމުގެބަދަލުގައި ތަފާތުޓެކްނޮލޮޖީއަކާއި އާޓެއް ޚިޔާރުކުރެވުމެވެ. އެއީ މިއުޒިކް ޕްރޮގްރާމްކުރުމެވެ.
މިއުޒިކް ޕްރޮގްރާމްކުރުމަކީވެސް އުފެއްދުންތެރި އާޓެކެވެ. ނަމަވެސް އެއާޓް ބޭނުންކުރެވުނުއިރު ދަރިވަރުންގެ ތެރޭގައި ތިބި މިއުޒިކް އިންސްޓްރުމަންޓް ކުޅުމަށް ޝައުޤުވެރިވި ދަރިވަރުންނަށް އެފުރުތަޞަތު ދިޔައީ ގެއްލިގެނެވެ. ކޮންމެއަކަސް ލަވަމުބާރާތުގެ އަޑު މާލޭގެ ކަންކޮޅުތަކުގައި ގަދަވަމުންދިޔައިރު ބަދަލުތަކެއްވެސް ފެނުނެވެ. ދެތިން އަހަރަށްފަހު ލައިވްމިއުޒިކުގެ ބަދަލުގައި ޕްރީ-ރެކޯޑެޑް މިއުޒިކް (ނުވަތަ މިއުޒިކް ޓްރެކް) ބޭނުންކުރަންފެށުނެވެ. ބައިވެރިވާދަރިވަރުންގެ އަދަދުވެސް އިތުރުވެ، 1990 ގެ އަހަރުތައްނިމުނުއިރު 500 އާއި ގާތްކުރާއަދަދަކަށް ގުނާލެވުނެވެ. ހޮވާވަނަތަކާއި ދެވޭއިނާމުތައްވެސް ގިނަވިއެވެ. ސްކޫލްތަކުގައި ވޯކަލްކޯޗުންގެ ގޮތުގައި ފުލް-ޓައިމްކޮށާއި ޕާޓް-ޓައިމްކޮށް ބަޔަކުމަސައްކަތްކުރަންފެށިއެވެ. ބަދަލްތައްއަންނަމުންދިޔައިރު ލަވަކިޔާ ހުޒާމް އަކާއި ޢަލީ ރަމީޒެއްފެނިއްޖެއެވެ. އަދި ތޭރަވާއަކާއި އުނޫޝައެއްވެސް ފެނިއްޖެއެވެ. ޙަޤީގަތުގައިވެސް ލަވަކިޔޭ އަދި ކިޔާނެ ހައެއްކަ ފަންނާނަކުއުފެދިއްޖެއެވެ. ލަވަމުބާރާތަށް މިއުޒިކް ޕްރޮގްރާމް ކުރާބަޔަކުވެސް ފާހަގަކުރެވިއްޖެއެވެ. މިއީ ލަވަމުބާރާތް ރާއްޖޭގެ މިއުޒިކް ސީންއަށް ގެނެސްދިން ތަރައްޤީކަމަށް ބެލެވިދާނެބާއެވެ.
1988 ގެ މުބާރާތް ބޭއްވިގެންދިޔައީ ލައިވް މިއުޒިކް ޕަފޯމަންސްއެއްގެ ގޮތުގައެވެ. ލަވަކީއިރު މިއުޒިކްވެސް ކުޅުނީއެވެ. ނަމަވެސް މި މުބާރާތް ދެންމިސްރާބުޖަހާފައިވަނީ ޓީވީޝޯ އަކާއިދިމާލަށެވެ. މިގޮތުން ގޮނޑުދޮށްތަކާއި ފަރުބަދަތައް ސްޓޭޖްމަތިންފެންނަންފެށިއެވެ. ޓީވީ ބްރޯޑްކާސްޓަރެއް މިފަދަމުބާރާތެއް އިންތިޒާމްކުރާނަމަ ވާނީވެސް މިހެންނެވެ. މިމުބާރާތަކީ ސްކޫލްތަކަށް އަމާޒުކުރެވިގެން ޕަރފޯމިންގ އާޓްސް ދާއިރާއިން ލައިވްކޮށް ޓީވީއިން މުޅިރާއްޖެއަށް ބްރޯޑްކާސްޓްކުރި އަދި ކުރަމުންދާ ހަމައެކަނި މުބާރާތެވެ. މިއީ ވަރަށްބޮޑު އެކްސްޕޯޝަރ އެކެވެ. ނަތީޖާއަކަށްވެގެންދިޔައީ ސްކޫލްތަކުގައި ލަވަކިއުން ފިޔަވައި މިދާއިރާގެ އެހެން ފަންނުތަކަށް ސަމާލުކަން ނުދެވުމެވެ. ގިނަ ބެލެނިވެރިންގެވެސް އުންމީދަކަށްވީ އެއްފަހަރުނަމަވެސް ލަވަކިޔާނެ ފުރުޞަތު ދަރިވަރަށް ހޯދައިދިނުމެވެ. ސްކޫލްތަކުގައި ލައިވްޕަފޯމަންސްއަށް އިސްކަންދިނުމުގެ ބަދަލުގައި ޓްރެކަށް ލަވަކިއުން އާންމުވިއެވެ. މިހެންވުމުގެ ސަބަބުން ދަރިވަރުންގެ މެދުގައި ޕޮޕއިއުލަރ މިއުޒިކް ކުޅުމަށް މީގެކުރީގައި ދެވުނު ޝައުޤުވެރިކަންކުޑަވިއެވެ. އަދި ލަވަމުބާރާތަކީ ދަރިވަރުންނަށްވުރެ ޓީޗަރުންނާއި ސުޕަވައިޒަރުން އަދި ބެލެނިވެރިންގެ މުބާރާތެއްގެ ގޮތުގައިފެންނަންފަށައިފިއެވެ.
ސްކޫލްތަކުގައި ދަރިވަރުންގެމުދުގައި މިއުޒިކް ކުޅުމާއި މިއުޒިކް އެޕްރިޝިއޭޓްކުރުންފަދަ ހަރަކާތްތައް އާލާކޮށް ދިރުވުމަކީ މުހިންމުކަމެކެވެ. ސަބަބަކީ ސްކޫލެއްގެތެރޭގައި ހިންގާނަމަ މިފަދަ ހަރަކާތްތައްވެސް ވަކިހަމަތަކަކާއި އުސޫލްތަކެއްގެމަތީން ރިވެތި އަޚްލާޤުގައި ހިންގޭނެތީއެވެ. އާޚިރުގައި މުއްސަދިވާނީ އަޅުގަޑުމެންގެ މިއުޒިކް ސީންއެވެ. ޖުމްލަގޮތެއްގައި މުޅިޕަފޯމިންގ އާރޓްސް ދާއިރާއެވެ. އަދި އިތުރުވެގެންދާނީ މިދާއިރާގައި މަސްއޫލުވެއުޅޭ ފަންނާނުންގެ ހޭލުންތެރިކަމާ، ވިސްނުމާ އަދި އުފެއްދުންތެރިކަމެވެ. ސްކޫލްފެންވަރުގައި ހިންގާ ހަރަކާތްތައް ހަމައެކަނި މީޑިއާބޭނުންވާގޮތަށް ބައްޓަންކޮށް ހިންގީމާ އެކަށީގެންވާ ނަތީޖާއެއްނުފެނެއެވެ. ފަށުވިއިބާރާތުން ރިޕޯޓެއް ލިޔެވުނަސް ޙަޤީގީ ތަރައްޤީއެއް ނުފެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ