ޓެރަރިޒަމްގެ އަމަލުތަކަށް އެއްވެސް ފަރާތަކުން ތާއިދުކޮށްގެން ނުވާނެ: ގައުމީ އިއްތިހާދު

ޓެރަރިޒަމުގެ އަމަލުތަކަށާއި ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް އެއްވެސް ފަރާތަކުން ތާއިދުކޮށްގެން ނުވާނެ ކަމަށް ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ ގައުމީ އިއްތިހާދުން ބުނެފިއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާ ހައިކޮމިޝަނުގައި ހުންނެވުމާއި ސިޔާސީ ހަލަބޮލިކަން އިތުރުވަމުންދާތީ އިލެކްޝަންސް ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފައިވާތީ ސީއެންއެމަށް ދެއްވި ބަސްދީގަތުމެއްގައި ގައުމީ އިއްތިހާދުގެ ތަރުޖަމާނު އައްބާސް އާދިލު ރިޒާވަނީ އެމްޑީޕީގެ ހަރަކާތްތަކަށް އިލެކްޝަނުން ހަމްދަރުދީ ވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.
"އެމްޑީޕީގެ ލީޑަރޝިޕުން މިހާރު ހިންގަމުން އެގެންދަނީ ޖަރީމާތަކެއް، ފުލުހުންނާއި ނޫސްވެރިންނަށް އާއްމު ރައްޔިތުންނަށް އަނިޔާއާއި ގޯނާ ކުރުމަކީ ސުލްހަވެރި ކަމެއް ނޫން. އެއީ ޓެރަރިޒަމް. އެހެންވީމާ އެފަދަ ކަމަކަށް ހަމްދަރުދީ ވެގެން ނުވާނެ، ނުވަތަ ހައްލު ކުރުމަށް ނެގޯޝިއޭޓު ކުރުމަށް ގޮވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" އައްބާސް ވިދާޅުވިއެވެ.
ސީއެންއެމަށް ދެއްވި ބަސްދީގަތުމެއްގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުވަނީ ސިޔާސީ ހަލަބޮލިކަން އިތުރުވަމުންދާތީއާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް މުހައްމަދު ނަޝީދު އަމިއްލަފުޅަށް ވަޑައިގެން ހައިކޮމިޝަނުގައި ހުންނަވާތީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
ފުއާދު ވިދާޅުވީ ރައީސް ނަޝިދު އިންޑިއަން ހައިކޮމިޝަނުގައި ހުންނެވި މައްސަލަ ހައްލު ކުރުމަށް ކޮމިޝަނުން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ސިޔާސީ ހަލަބޮލިކަން އިތުރުވެ ހަމަނުޖެހުން ބޮޑުވާނެ ފަދަ ގޮތަކަށް އެއްވެސް ބަޔަކު އަމަލު ނުކުރަން ވެސް ފުއާދު ގޮވާލެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ