އެޗްއާރްސީއެމްގެ މަސައްކަތްތައް ފުޅާވުމަކީ ރައްޔިތުން އުފާކުރާނެ ކަމެއް: ނައިބު ރައީސް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މަސައްކަތްތައް ފުޅާވުމަކީ ރައްޔިތުން އުފާކުރާނެ ކަމެއް ކަމަށް ނައިބް ރައީސް މުހައްމަދު ޖަމީލް މިއަދު ވިދާޅުވި އެވެ. އައްޑޫގެ އިތުރުން ފުވައްމުލަކާއި ހުވަދު އަތޮޅަށް ހާއްސަކޮށްގެން ހިތަދޫގައި ގާއިމުކުރި އެޗްއާރްސީއެމްގެ ސަދަން ރީނަޖަނަލް އޮފީސް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ އެ އޮފީހުގެ ސަބަބުން ދެކުނުގެ ހަތަރު އަތޮޅުގެ ރައްޔިތުންނަށް އިންސާނީ ހައްގުތަކުގެ މައްސަލާގައި ފަސޭހަތަކެއް ލިބޭނެ ކަމަށް ގަބޫލްކުރައްވާ ކަމަށެވެ. "ރާއްޖޭގައި އިންސާނީ ހައްގުތައް ފުޅާވެގެން ދިޔަ މިންވަރަކީ މިއަދު ރާއްޖޭގެ ރައްޔިތުން އުފާ ކުރާ ކަމެއް. އަދި އެއާ އެކީ ރާއްޖޭގައި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ގިނަގުނަ ޖަމާއަތްތަކާއި ގިނަގުނަ ފަރާތްތައް ހިމެނި އެ ފަރާތްތަކުގެ މަސައްކަތްތައް ފުޅާވެ، މުޅި ރާއްޖެ އަށް ފެތުރިގެން ދިއުމަކީ ރާއްޖޭގެ ރައްޔިތުންނަށް އެއްވެސް ޝައްކެއް ނެތް ގޮތުގައި މިކަމުން އުފާވެރި ކަމެއް ލިބިގެން ދާނެ ކަމެއް،" ޖަމީލް ވިދާޅުވި އެވެ. އެޗްއާރުސީއެމްގެ އަތޮޅު ފުރަތަމަ އޮފީށް އައްޑޫގައި ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ޖަމީލް، އައްޑޫ މޭޔަރު އަބްދުﷲ ސޯދިގުއާ ވާހަކަފުޅު ދައްކާލައްވަނީ.---ހަވީރު ފޮޓޯ: އަހުމަދު އަދުޝަން އެމަނިކުފާނު ވިދާޅުވީ އިންސާނީ ހައްގުތަކުގެ މަސައްކަތްތައް ފުޅާކޮށް، އެ މަސައްކަތް ކުރާ ފަރާތްތަކަށް ވަސީލަތްތަކުގެ ގޮތުން ފުރުސަތު ފަހިކޮށްދޭން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ. އެހެންވެ އެކަމަށްޓަކައި ރައީސް އަބްދުﷲ ޔާމީނަށް ނައިބު ރައީސް ޝުކުރު އަދާކުރެއްވި އެވެ. ޖަމީލް ވިދާޅުވީ އެޗްއާރްސީއެމްގެ އަތޮޅު ފުރަތަމަ އޮފީސް އައްޑޫގައި ހުޅުވަން އައްޑޫ ސިޓީ ކައުންސިލްގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށެވެ. "ކޮމިޝަންގެ ފަރާތުން މިދިޔަ ދުވަސްތަކުގައި އިންސާނީ ހައްގުތަކުގެ މަސައްކަތް ފުޅާކުރުމަށްޓަކައި މާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކަށް މި މަސައްކަތް ގެނައުމުގެ ވިސްނުން ގެންގުޅުއްވައި، މިއަދު މި މުހިއްމު ބިނާ މިތާނގައި ހުޅުވިގެން ދިއުމުގެ މަސައްކަތް މި ހިސާބަށް ގެނެސްދެއްވި ކަމަށްޓަކައި ކޮމިޝަންގެ އެންމެހާ މެމްބަރުންނަށް ވެސް ހާއްސަކޮށް ޝުކުރު ދަންނަވަން،" ނައިބް ރައީސް ވިދާޅުވި އެވެ. މިއަދުގެ ރަސްމިއްޔާތުގައި އެޗްއާރްސީއެމްގެ ރައީސާ މަރިޔަމް އަޒުރާ ވިދާޅުވީ ދެކުނުގެ އަތޮޅުތަކަށް އަމާޒުކޮށްގެން އައްޑޫގައި ހުޅުވި އޮފީހުން މާލޭގައި ދެމުން އަންނަ ހުރިހާ ހިދުމަތްތަކެއް ލިބެމުން ދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި އަންނަ އަހަރު އުތުރުގައި ވެސް ކޮމިޝަންގެ އޮފީހެއް ހުޅުވާނެ ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ