ސަމާލުވޭ! ކުރިޔަށްއޮތް 48 ގަޑިއިރުވެސް މޫސުން ގޯސްވާނެ!

ކުރިޔަށްއޮތް 48 ގަޑިއިރު، ރާއްޖޭގެ ސަރަހަށްދުގައި ވައިގަދަވެ، ކަނޑުތައް ގަދަވަނެކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާާރާ، މެޓް އޮފީހުން އިލްތިމާސް ކޮށްފިއެވެ.
މެޓް އޮފީހުން ބުނީ ކުރިޔަށްއޮތް 48 ގަޑިއިރު، ވަޔާއި ކަނޑުގަދަވެ، ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
ވައި ޖެހޭނެކަމަށް ލަފާކުރެވެނީ ދެކުނުގެ އަތޮޅުތަކަށް ހުޅނގު އުތުރާއި، އުތުރުންް އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައިކަމަށް މެޓް އޮފީހުން ބުނެއެވެ.
އަދި ވިލާގަނޑުގައި 45 މޭލާއި 50 މެލާއި ދެމެދުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް އެއިދާރާއިން ބުނެއެވެ.
މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ވިއްސާރަ ދުވަސްވަރަކަށް ވެފައި، މޫސުމާބެހޭ ޤައުމީ އިދާރާއިން، މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިންވެސް ވަނީ އިލްތިމާސް ކޮށްފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި، ކަނޑުމަތީގެ ނުރައްކާތެރި ތަފާތު 5 ހާދިސާއެއްގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސކިއު ކޯޑިނޭޝަން ސެންޓަރަށް ބިފައިވާކަމަށް އެއިދާރާއިން ބުނެއެވެ. މީގެތެރޭގައި މީހުންގެ ފުރާނައަށް ގެއްލުންވާ ފަދަ ހާދިސާތަކާއި އުޅަނދުފަހަރު އަޑިއަށް ދިއުންފަދަ ހާދިސާތައް ވަނީ ހިނގާފައެވެ.
އެގޮތުން، 9 މީހުންނާއެކު މާލެއާ 17 މޭލް ބޭރުން ކ. ހުރާ ބޮއި ކައިރީ މަސްވެރިކަންކުރަން އުޅުނު "ކަނޑު ރޯދި-1" ނަމަކަށް ކިޔާ ދޯންޏެއް އަޑިއަށް ގޮސްފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. އެދޯނި އަދިއަށް ގޮސްފައިވަނީ ކަނޑު ގަދަވެ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް އެމްއެންޑިއެފުން ބުނެއެވެ.
އެހެންކަމުން ކަނޑު ދަތުރުކުރައްވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ސާފުކުރުމަށާއި ދަތުރު ކުރާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތަކާއި ދިޔަހިއްކާ ޕަންޕު ފަދަ ނިޒާމްތައް ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށާއި އުޅަނދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެން ބޮޑަށް ބަރު ނުކުރުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސް ކޮށްފައެވެ.
ޚާއްސަ ގޮތެއްގައި މުދާއުފުލާ އުޅަނދުފަހަރު، އަތޮޅުތެރެއިން ރޭގަނޑު ދަތުރުކުރާއިރު ޚާއްސް ސަމާލުކަމެއް ދިނުމަށްވެސް ވަނީ އެދިފައި ވެއެވެ.
އަދި މުދާ އުފުލާ އުޅަނދުފަހަރުން މުދާ ބަރުކުރުމުގައި ގަވާޢިދުތަކަށް ޢަމަލުކުރުމާއި، ލައިސަންލުމުގައި ރަގަޅަށް އައްސާފައި ބެހެއްޓުމަށްވެސް އެދިފައިވެއެވެ.
މީގެއިތުރުން، ފަޅުތެރެޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް ސަމާލުކަން ދިނުމަށްވެސް އިލްތިމާސްކޮށްފައި ވެއެވެ.
ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކޮށް ކޯސްޓްގާޑްގެ ހިލޭގުޅޭ ނަންބަރު 191 އަށް ގުޅުމަށް އެއިދާރާއިން އެދިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ