އަންނަ ސީޒަނުގައި ހަމޭސް ރެއާލްގައި މަޑުކުރާނެ

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކޮލަމްބިއާގެ މިޑްފިލްޑަރު ހަމޭސް ރޮޑްރިގޭޒް، އަންނަ ސީޒަނުގައިވެސް ރެއާލްގައި މަޑުކުރާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުން އަންނަ ސީޒަނުގައި ރެއާލްގައި މަޑުކުރަން ހަމޭސް މިހާރު ވަނީ އެއްބަސްވެފައެވެ. ހަމޭސް މަޑުކުރުވަން ރެއާލުން ބޭނުންވީ މާލީ ގޮތުން ކްލަބު އަޑިއަޅާލާފައިވުމާއެކު، އިތުރު ކުޅުންތެރިޔަކު މި ޓްރާންސްފާ ބާޒާރުގައި ހޯދުމަށް އުނދަގޫވާނެތީ އާއި، ހަމޭސް ރެއާލްގެ ސްކޮޑުގައި މަޑުކުރުވަން ރެއާލްގެ ކޯޗު ޒިނެދިން ޒިދާން އެދިފައިވާތީއެވެ.
ރެއާލްގެ ފުރަތަމަ އެގާރައިން ޖާގަ ހަމޭސްއަށް ފަހަކަށް އައިސް ނުލިބުމާ ގުޅިގެން އޭނާ ވަނީ އަމިއްލައަށް ސްކޮޑުގައި ނުހިމަނަން އެދިފައެވެ. އަދި ރެއާލްގެ ފަރިތަކުރުންތަކުން ފަހަކަށް އައިސް ހަމޭސް ފެނިފައެއް ނުވެއެވެ. އެކަމަކު ދާދި ފަހުން ހަމޭސް ވަނީ އަލުން ރެއާލްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފައެވެ.
ރެއާލްގައި މަޑުކުރަން ހަމޭސް ނިންމިއިރު، އޭނާ ހޯދުމަށް ޔޫރަޕްގެ ބޮޑެތި ކްލަބުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެތެރޭގައި ޔުވެންޓަސް އާއި، ނާޕޮލީގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑްވެސް ހިމެނެއެވެ.
މީގެ ކުރިން ޕޯޓޯ އަދި ބެންފީކާއަށްވެސް ކުޅެފައިވާ ހަމޭސް ވަނީ އޭނާ ރެއާލްގައި މިހާތަނަށް ހޭދަކުރި ތިން ސީޒަނުގައި ކުޅުނު 111 މެޗުގައި 36 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ވަނީ ރެއާލްއާއެކު ސްޕެނިޝް ލީގާއި، ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕާ ކަޕް އަދި ފީފާ ކްލަބު ވޯލްޑް ކަޕް، މި ކޮންމެ މުބާރާތެއް ދެ ފަހަރު ކާމިޔާބުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ