ލީޑަރު ހުންނަވާ ތަނަށްވުރެ ލީޑަރު ކަނޑައެޅޭ ގޮތް އެނގުން މުހިއްމު: ނަޝީދު

ސިޔާސީ އިދިކޮޅު ލީޑަރު ހުންނަވާ ތަނަކަށްވުރެ އިދިކޮޅު ލީޑަރު ކަނޑައެޅޭ ގޮތް އެނގިގެން ދިއުމަކީ މުހިއްމު ކަމެއް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިހުލާސްތެރި ވާދަވެރި ލީޑަރު ކަނޑައެޅުމަކީ ވާދަވެރިން ނުވަތަ ސަރުކާރާ އިދިކޮޅު ޕާޓީގެ ކަމެއް ކަމަށެވެ. ވާދަވެރިންނަކީ ކޮބައިކަން ވާދަވެރިންނަށް އެނގި އަދި ވާދަވެރިންގެ ތެރެއިން ލީޑަރަެއް ކަނޑައެޅޭ ގޮތް ރައްތިތުންނަށް ސާފުވާން ބޭނުންތެރި ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
"ލީޑަރު ހުންނަވާ ތަނަށްވުރެ ލީޑަރު ކަނޑައެޅޭ ގޮތް އެނގުން މާ މުހިއްމު،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާ އަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރާއްޖޭގެ 55ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވަމުން ގޮވާލާފައިވާ ވަނިކޮށް އިއްޔެ އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރާއި އެކުގައި މަޝްވަރާ ކުރުމަށް ޖަލަށް ދާން ޖެހުނު ނަމަވެސް އިދިކޮޅުން އޮތީ ތައްޔާރަށް ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެފައި ވަނިކޮށެވެ.
މަޝްވަރާއަށް ޖަލަށް ދާން ޖެހުނަސް ތައްޔާރު ކަމަށް ޝިޔާމް ވިދާޅުވެފައި ވަނީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާތީއެވެ. އެމަނިކުފާނު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ މާފުށި ޖަލުގައެވެ.
މީގެއިތުރުން ރޭ ނޫސްވެރިންނާއި ބައްދަލުކުރައްވާ ނަޝީދު ވަނީ މަޝްވަރާ ކުރެވޭނީ އިދިކޮޅު ލީޑަރަކީ ކޮބައިކަން އެނގިގެން ކަމަށް ވިދާޅުވެފައެވެ. އިދިކޮޅުން ވަނީ އެކަމަށް ރައްދު ވެސް ދެއްވާފައެވެ. އެގޮތުން ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު (ޝުޖާ) ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިދިކޮޅު ލީޑަރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށާއި މިއީ ސުވާލެއް ވެސް އުފެދެންވީ ކަމެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ