ކެއާ ޓްރަސްޓް މަލްޓިސްޕެޝަލިޓީގެ އާ ކްލިނިކެއް ހުޅުމާލޭގައި ހުޅުވައިފި

ކެއާ ޓްރަސްޓް މަލްޓިސްޕެޝަލިޓީ ކްލިނިކުން ހޮސްޕިޓަލް ފެންވަރުގެ އާ ފެސިލިޓީއެއް ހުޅުމާލޭގައި ހުޅުވައިފި އެވެ.
ވީ ކިހިނެއް؟ - މި އާ ފެސިލިޓީ ހުޅުވާފައި ވަނީ، ރީތި ގަސްމަގުގައި ހުންނަ ރެއިންކްރެސްޓް ރެޒިޑެންސްގައި މިދިޔަ އާދިއްތަ ދުވަހު އެވެ. އެތަން ހުޅުއްވައި ދެއްވީ ހެލްތް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ޑރ. އަހުމަދު އަޝްރަފް އެވެ.
ތަފްސީލް - ޑިރެކްޓާ ޖެނެރަލް އޮފް ހެލްތް ސާވިސަސް، ޑރ. އަހުމަދު އަޝްރަފް ވިދާޅުވީ ކެއާ ޓްރަސްޓް އިން ކޮށްދޭ މަސައްކަތަކީ ސަރުކާރުން ކުރާ ސިއްހީ ދާއިރާގެ މަސައްކަތްތަކަށް ލިބޭ ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށެވެ. އަދި ޕްރައިވެޓް ސެކްޓާ ތަރައްގީ ވަމުން ދާކަން ފެނުމަކީ ސަރުކާރަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގައި ފީޓަލް މެޑިސިންއަށް ގުޅުންހުރި ދާއިރާގައި ކޮށްދެވިފައިވާ މަސައްކަތްތަކު ތެރޭގައި (ކޮރިއޯނިކް) ވިލަސް ސާމްޕްލިންގް، އެންޑިއޯސިންތެސިސް، ޕްރީ ނޭޓަލް ތެލަސީމިއާ ސްރީނިންގްއަކީ އަޅުގަނޑުމެންނަށް ވަރަށް މުހިންމު ދާއިރާއެއް. އަދި ކެއާ ޓްރަސްޓުން އާންމުކޮށް ކޮށްދޭ ހިދުމަތްތަކުގެ އިތުރުން މިކަމަށް އަޅުގަނޑު އައްސަރިބަހާ ސާބަސް އަރިސްކުރަން،" ޑރ. އަޝްރަފް ވިދާޅުވި އެވެ.
ކެއާ ޓްރަސްޓުގެ މެނޭޖިން ޑިރެކްޓާ ޑރ. އިބްރާހިމް ރަޝީދު ވިދާޅުވި ގޮތުގައި އެ ކްލިނިކްގައި މީގެ ކުރިން ޖާގައިގެ ދަތިކަން އޮތް ނަމަވެސް، ކުލިނިކަށް ހިދުމަތް ހޯދަން އަންނަ ބޭފުޅުން ކުރަމުންދާ އިތުބާރުން ހިތްވަރު ލިބިގެން ކުރިއަށް ގެންދިއުމަށް ނިންމި މިއީ ބޮޑު މަޝްރޫއެކެވެ.
"އަޅުގަނޑުމެން އިތުރު ހަރުފަތަކަށް ދާން ބޭނުންވި ސަބަބަކީ، ވަރަށް ކުޑަ، ޖާގައިގެ ގޮތުން ވަރަށް ދަތިކޮށް ހުރި ތަނެއްގައި އަޅުގަނޑުމެންނަށް ކްލައެންޓުންނާއި ޕޭޝަންޓުންނާއި ބޭސްފަރުވާ ހޯދުމަށް ވަޑައިގަންނަވާ ބޭފުޅުންނަށް ލިފްޓެއް ނެތި، ސިޑިން ދަތި އުނދަގޫ ގޮތަކަށް ވަޑައިގެން ތިއްބަވަން ޖެހުނުކަމުގައި ވިޔަސް އެހިދުމަތް ހޯއްދަވަމުން ދިޔައީ އިތުރު ޝަކުވާއެއްނެތި، ހިތްހަމަޖެހުމާއެކު ކަމުން." ޑރ. އިބްރާހީމް ރަޝީދު ވިދާޅުވި އެވެ.
ޖުމްލަ 8000 އަކަފޫޓުގެ އާ ފެސިލިޓީ ހަދާފައި ވަނީ ބަލިމީހުންނަށް ފަސޭހަ، ހިތްގައިމުވާނެ ގޮތަކަށެވެ. ބަލި މީހުން ބެލުމަށާއި އެންމެ މަތީ ފެންވަރުގެ އަލްޓްރާ ސައުންޑް މެޝިން ހިމެނޭ ސްކޭންކުރާ ކޮޓަރި ހިމެނޭހެން 12 ކޮޓަރި އާއި ލެބޯޓަރީއަކާއި އެންމެ ޒަމާނީ ސާޖިކަލް ސޫޓެއް އެތަނުގައި ހިމެނެ އެވެ. އަދި މީގެ އިތުރުން:
އެތަނުގައި ޑިޖިޓަލް އެކްސްރޭ ރޫމަކާއެކު ފްލޮރޮސްކޮޕީ އަދި މެމޮގްރަފީގެ ހިދުމަތް ވެސް ލިބެން ހުންނާނެ
މިއީ 2014 ވަނަ އަހަރުން ފެށިގެން ހުޅުމާލޭގައި ހުޅުވައި ހިދުމަތް ދެމުން އައި ފެސިލިޓީގައި ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް، ބަލިމީހުންނާއި އެމީހުންގެ އެހީތެރިންނަށް ލުއި ފަސޭހަ ކޮށްދިނުމަށާއި ޒަމާނި ހިދުމަތްތައް އިތުރުކުރުމަށް ކުރެވުނު މުހިންމު އިންވެސްޓުމަންޓެއް
މި ފެސިލިޓީއިން ޖެނެރަލް ފިޒީޝަނުންނަށާއި، އެކި ކަހަލަ ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމުގެ ހިދުމަތް ލިބެން ހުންނާނެ އެވެ. މީގެ އިތުރުން އަލްޓްރާސައުންޑް ސްކޭން، ލެބޯޓަރީ އިންވެސްޓިގޭޝަން، ޖެނެޓިކް ޓެސްޓުތަކާއި، ނޮން އިންވޭސިވް ޕްރީނޭޓަލް (އެންއައިޕީޓީ) ޓެސްޓުގެ ހިދުމަތް ވެސް ލިބޭނެ އެވެ. އަދި ކެއާ ޓްރަސްޓުގައި:
ދާއިމީކޮށް އެތަނުގައި 10 ޑޮކްޓަރުން ބަލި މީހުން ބައްލަވާނެ 
ރާއްޖެ އާއި ބޭރު ގައުމުތަކުގެ ހޮސްޕިޓަލްތަކުގައި މަސައްކަތްކުރައްވާ ނަން މަޝްހޫރު 20 އަށްވުރެ ގިނަ ވިޒިޓިން ޑޮކްޓަރުން ހިދުމަތް ދޭނެ ކެއާ ޓްރަސްޓް މަލްޓިސްޕެޝަލިޓީ ކްލިނިކް އަކީ ރާއްޖޭގައި އެންއައިޕީޓީ، ކޮރިއޯނިކް ވިލަސް ސާމްޕްލިންގް (ސީވީއެސް)، އަދި މާބަނޑު އަންހެނުންނަށް ތެލެސީމިއާ ސްކްރީނިން ހިދުމަތް ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމްކޮށް، ހިދުމަތް ދޭންފެށި ކްލިނިކެއް
އެނގުން މުހިންމު - އައްޑޫގައި 1999 ގައި ފާމަސީއެއްގެ ތެރޭ ހުރި އެންމެ ކޮންސަލްޓޭޝަން ރޫމްއަކުން ސިއްހީ ހިދުމަތް ދިނުމުގެ މަސައްކަތް ފަށައިގަތް ކެއާ ޓްރަސްޓުގެ މެނޭޖުމަންޓުގެ އަމާޒަކަށް އަބަދު ވެސް ވެފައިވަނީ ރާއްޖޭގައިި އާންމުކޮށް ލިބެން ނުހުންނަ ހާއްސަ ސިއްހީ ހިދުމަތްތައް ތައާރަފުކޮށްދިނުމެވެ. އަދި ކުލިނިކަށް ހިދުމަތް ހޯދުމަށް އަންނަ ކޮންމެ މީހަކަށް ވެސް ހަމަހަމަކަމާއެކު، ތަފާތުކުރުމެއް ނެތި ފަރުވާ ފޯރުކޮށްދިނުމުގައި ދެމިތިބުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ