ވިލިމާލެ ނިކަ ގަސް ކަނޑާނުލަން ނަޝީދު ގޮވާލައްވައިފި

ވިލިމާލޭ ނިކަ ގަހަކީ100 އަހަރަށް ވުރެ ދިގު ތާރީހެއް އޮތް ގަހެއް ކަމަށާއި އެ ގަސް ކަނޑާ ނުލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - ވިލިމާލެ ރައްޔިތުންނާއެކު ރައީސް މުހައްމަދު މުއިއްޒު މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބޭއްވި ބައްދަލުކުރެއްވުމުގައި އެ އަވަށުގެ ބައެއް ރަށްވެހިން ވަނީ ދުވަސްވީ ދެ ނިކަގަހެއް ކަނޑާލުމަށް އެދިފަ އެވެ. އަދި އެ ޖަލްސާއަށް ދިޔަ މީހުންގެ މެދުގައި އަތް އުފުލައިގެން ވޯޓެއް ނަގައި އެ ދެ ގަސް ކަނޑާލަން ނިންމެވިކަން ރައީސް އެ ރޭ އިއުލާން ކުރެއްވި އެވެ.
ތަފްސީލް - އެ ދެ ގަސް ކަނޑާލަން ނިންމާ، އިއުލާނު ކުރެއްވުމުން ތިމާވެއްޓަށް ލޯބިކުރާ ބައެއް މީހުންނާއި ވިލިމާލޭގެ ބައެއް ރަށްވެހިން އަދި އާންމުން ވެސް އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންމެވެ.
އެ ކަންބޮޑުވުންތަކަށް ބާރު ދެއްވާ، ކުރީގެ ރައީސް ނަޝީދު މިރޭ ސޯޝަލް މީޑިއާގައި ވިދާޅުވީ އެ ދެ ގަހުގެ ތާރީހު ގޮސް ގުޅެނީ ޝަމްސުއްދީނު ރަދުންނާ ކަމަށެވެ. އޭރު ވެސް އެއީ ބިޔަ ގަހެއް ކަމަށް ނަޝީދު ލިޔުއްވި އެވެ.
"ވިލިނގިލި ޖަލު ހުރި ދުވަސްވަރު ސިޔާސީ ކުށްވެރިން ލައްވާ ބުރަ މަސައްކަތް ކުރުވާފައި، ގެނެސް މެންދުރު މަޑުޖެހިލަން ތަންވަޅެއް ދޭން ބައިތިއްބާފައި ތިބޭ ތަން،" ގަހުގެ ތާރީހާ ގުޅޭ ގޮތުން ނަޝީދު ލިޔުއްވި އެވެ.
"100 އަހަރަށް ދާ ތާރީހެއް! މި ގަސް ކަނޑާ ނުލައްވާ!" ނަޝީދު ވިދާޅުވި އެވެ.
އެ އަވަށު ހުޅަނގު ފަރާތުގައި ހުންނަ ނިކަ ގަހުގެ މޫތައް އެ ސަރަހައްދުގައި އުޅޭ ގޭގެއަށް ވަދެ ފާހާނާ ހޮޅިތަކާއި ގޭގެ އިމާރާތަށް ގެއްލުންވާތީ އާންމުންގެ ކަންބޮޑުވުންތައް އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ