އައްޑޫ ހިތަދޫ-ހުޅުމީދޫ ގުޅުވާލާ ބްރިޖް މަޝްރޫއަށް ފަންނީ ލަފާ ދޭން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
ބްރިޖު މަޝްރޫއުގެ ސާވޭ އާއި ޑިޒައިން އަދި ޓެންޑާ ޑޮކިއުމަންޓާއި ޓެކްނިކަލް ސްޕެސިފިކޭޝަން ހިމެނޭ ގޮތަށް ތައްޔާރު ކުރުމުގެ މަސައްކަތުގެ ކޮންސަލްޓަންސީ ސާވިސް ދޭނެ ފަރާތެއް ހޯދަން އިއުލާން ކުރީ މިދިޔަ މާޗް މަހުގެ ދެވަނަ ދުވަހުއެވެ.
އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އެބައެއްގެ ގާބިލުކަން ސާބިތުކޮށްދޭ ލިޔުންތަކާއެކު ހުށަހަޅަންޖެހޭ ގޮތަށް ކުރި އެ އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުން މަސައްކަތަށް ބަޔަކު ނަގަނީ އެކަމަށް އެދި ހުށަހަޅާ އެންމެންގެ ތެރެއިން ޝޯޓް ލިސްޓު ކުރާ ފަރާތްތަކަށް ފްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދީގެންނެވެ.
މިއަދު ބޭއްވި ރަސްމިޔާތެއްގައި އެ މަސައްކަތް ހަވާލުކުރީ ޗައިނާގެ 'ޓީވައި ލިން އިންޓަނޭޝަނަލް' ކުންފުންޏާ އެވެ. މިއަދު ބޭއްވި އެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުއެވެ. އަދި ޗައިނާ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ރައީސް ޗެން ޝައުހޫ އެވެ.
އެ ކުންފުންޏާ މި މަޝްރޫއު ހަވާލުކޮށްފައި ވަނީ މަޝްރޫއުގެ ސާވޭ، ޑިޒައިން އަދި ޓެކްނިކަލް ސްޕެސިފިކޭޝަންގެ އިތުރުން ޓެންޑާ ޑޮކިއުމެންޓް ތައްޔާރު ކުރުން ހިމެނޭ ގޮތަށެވެ.
އައްޑޫގައި ބްރިޖް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުކެވެ. އެ މަޝްރޫއުގައި ސޮއިކުރީ ރިޔާސީ އިންތިހާބަށް ފަހު އެ މަނިކުފާނު އައްޑުއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި، މިދިޔަ އަހަރުގެ ފެބްރުއަރީ 19 ގަ އެވެ. ބްރިޖު މަޝްރޫއުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސާވޭގެ މަސައްކަތް ކުރުމަށް ހަވާލުކުރީ "ދަ އަރަބް ކޮންޓްރެކްޓާސް - އޮސްމާން އަހުމަދު އޮސްމާން އެންޑް ކޯ" އެވެ. އެ ސާވޭގެ މަސައްކަތް ވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ނިންމައިފަ އެވެ.
ހިތަދޫ އާއި ހުޅުމީދޫ ގުޅާލުމަށް އަޅާ ބްރިޖުގެ ދިގު މިނަކީ އެންމެ މަދުވެގެން 14 ކިލޯ މީޓަރެވެ. ރާއްޖޭގައި ފުރަތަމަ އެޅި ސިނަމާލެ ބްރިޖުގެ ދިގު މިނަކީ 1.3 ކިލޯ މީޓަރެވެ. މާލެ އާއި ވިލިމާލެ އަދި ތިލަފުށި ގުޅާލުމަށްޓަކައި އަޅަމުންދާ ބްރިޖުގެ ދިގުމިނަކީ 6.7 ކިލޯ މީޓަރެވެ. އެހެންކަމުން މިއީ މިހާތަނަށް ރާއްޖޭގައި އަޅާ އެންމެ ބޮޑު ބްރިޖެވެ.
އައްޑޫ ބްރިޖުގެ މަސައްކަތަށް ފަންނީ ލަފާދޭން ޗައިނާގެ 'ޓީވައި ލިން އިންޓަނޭޝަނަލް'އާ ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ