މޫސުން ގޯސް ހާލަތްތަކުގައި ކަމާ ބެހޭ އިދާރާތަކުގެ އިލްތިމާސްތަކަށް އިޖާބަ ދިނުމަށް ރައީސް ގޮވައިލައްވައިފި

މޫސުން ގޯސް ހާލަތްތަކުގައި ކަމާބެހޭ އިދާރާތަކުގެ އިލްތިމާސްތަކަށް އިޖާބަ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގޮވައިލައްވައިފިއެވެ.
‏ރައީސް މިކަމަށް ގޮވައިލެއްވީ، ވެރިރަށް މާލެއިން، އެރިޔަދޫއަށް ދަތުރު ކުރަމުންދިޔަ ކޮޅުވެއްޓިއެއް ބަންޑުން ޖަހައިލި ހާދިސާގައި މީހަކު ނިޔާވުމާ ގުޅިގެން މިއަދު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައެވެ.
ރައީސް ވިދާޅުވީ، މި ހިތާމަވެރި ހާދިސާއެއް ރޭ ހިނގައި، އެ އުޅަނދުން ދަތުރުކުރި އެކަކު ނިޔާވެފައި ވަނިކޮށް ފެނުނު ޚަބަރު އެމަނިކުފާނު އެއްސެވީ ފުން ހިތާމައާއި އެކުގައި ކަމަށެވެ.
”މަރުހޫމަށް ﷲގެ ރުއްސެވުމާއި ފުއްސެވުމަށް އެދި ދުއާކޮށް، އެ އާއިލާއަށް ކެތްތެރިކަން މިންވަރުކޮށް ދެއްވުން އެދެން.“ ރައީސް ވިދާޅުވިއެވެ.
މި ހާދިސާގައި ގެއްލިފައިވާކަމަށް މިހާތަނަށް ފާހަގަކުރެވިފައިވާ ދެ މީހުން ހެޔޮ ހާލުގައި ތިއްބާ ފެނުން އެދި ދުއާ ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
”އަދި، މިހާތަނަށް ސަލާމަތްވި މީހުންނަށް ކުރިމަތިވި ސިއްހީ އަދި ނަފްސާނީ ދަތިތަކަށްވެސް އަވަހަށް ޝިފާ ލިބި، އާއްމު ހާލަތަކަށް އައުމަށް އެދި ދުއާ ކުރަން.“ ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވަނީ ކޮޅުވެއްޓިން ދަތުރު ކުރި ފަޅުވެރީންގެ އާއިލާތަކަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރައްވައިފައެވެ.
”އިރާދަކުރެއްވިއްޔާ، ހުރިހާ ފަޅުވެރީންނާމެދުވެސް ދެވެން އޮތް ހުރިހާ އަޅައިލުމަކާއި އެހީތެރިކަމެއް، އަދި ގެއްލިފައިވާ މީހުން ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހާއްސަ ސަމާލުކަމަކާއެކު ކުރަމުން ގެންދާނެ.“ އެމަނިކުފާނު އިތުރަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ، މޫސުން ގޯސް ހާލަތްތަކުގައި، ކަމާބެހޭ އިދާރާތަކުގެ އިލްތިމާސްތަކަށް އިޖާބަ ދިނުމަށާއި، ދަތުރުމަތީގެ ރައްކައުތެރިކަން ހުރިހާ ގޮތަކުން ކަށަވަރު ކުރުމަށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކަށް ނަސޭހަތްތެރިވެވަޑައިގަންނަވައިފައެވެ.
މޫސުމަށް ސަމާލުވެ، ދަތުރު ކުރުމަށް ރައީސް ގޮވައިލެއްވިއިރު، މިއަދު ޅ.ނައިފަރަށް ދަތުރު ކުރަމުން ދިޔަ މުދާ އުފުލާ ”ނަސްރު“ ނަމަކަށް ކިޔާ ބޯޓެއް ދިޔަވާތީ، އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ