މި ސަރުކާރުގެ ފާއިތުވި ދުވަސްތަކުގައި މާލިއްޔަތު ގަވައިދަށް ތިން އިސްލާހެއް ގެނެސްފި އެވެ. އޭގެ ތެރޭގައި ބިޑަކާ ނުލާ ބައެއް މަޝްރޫއުތަކަށް ޕްރޮޕޯޒަލް ހުށަހެޅޭ ގޮތަށް ޑިސެމްބަރު 2023ގައި ގެނައި އިސްލާހާއި ބިޑަކާ ނުލާ މުދާ ހޯދޭ ގޮތަށް މިދިޔަ ފެބްރުއަރީގައި ގެނައި އިސްލާހުގެ އިތުރުން ދެން ހިމެނެނީ ކެބިނެޓުން ބޭނުންވާ މަޝްރޫއުތައް ބިޑަކާ ނުލާ ދެވޭ ގޮތަށް މި ހަފްތާގައި ގެނައި އިސްލާހެވެ.
ވަކި މުއްދަތަކަށް އަމަލުކުރާ ގޮތަށް ގަވައިދަށް ގެނެސްފައިވާ އިސްލާހުތަކާ އެކު ވާދަވެރި ބިޑަކާ ނުލާ ސިންގަލް ސޯސް ޕްރޮކިޔުމެންޓުގެ ދަށުން ހިދުމަތް ހޯދާ، މަޝްރޫއުތައް ހަވާލުކުރެވޭނެ އެވެ. މިފަދަ ބަދަލުތައް އާންމުކޮށް ގެންނަނީ ވަކި މަޝްރޫއުއެއް ވަކި ބަޔަކަށް ހަވާލުކުރަން މަގުފަހިކުރުމަށެވެ.
ދައުލަތަށް އެންމެ ގެއްލުން ކުޑަވާނެ ގޮތަށް، އެންމެ އަގުހެޔޮކޮށް މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމުގެ ބަދަލުގައި ސަރުކާރުގެ އޮފީހަކުން ހުށަހަޅާ މަޝްރޫއުއެއް ކެބިނެޓުން ނުވަތަ ކެބިނެޓުގެ ކޮމެޓީއަކުން ބޭނުންވެއްޖެ ހިނދެއްގައި ސިންގަލް ސޯސް ޕްރޮކިޔުމެންޓުގެ އުސޫލުން ކުރިއަށް ގެންދެވޭ ގޮތަށް ގަވައިދު ބަދަލުކުރުމަކީ ސީދާ ކޮރަޕްޝަން ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރައްވަ އެވެ.
މީގެ ކުރިން 2016ގައި މާލިއްޔަތު ގަވައިދަށް ގެނައި އިސްލާހެއްގައި ސަރުކާރު ކުންފުނިތަކަށް ބިޑަކާ ނުލާ ބޮޑެތި މަޝްރޫއުތައް ހަވާލުކުރެވޭ ގޮތަށް ހެދި އެވެ. ނަމަވެސް އެގޮތަށް އިސްލާހު ގެނައިއިރު ވެސް، މަސައްކަތް ހަވާލުކުރާ ސަރުކާރު ކުންފުންޏަކީ އެ ހަވާލުކުރާ މަސައްކަތް ކުރާ ކުންފުންޏަށް ވާން ޖެހޭނެކަން ގަވައިދުގައި ބަޔާންކުރި އެވެ.
މާލިއްޔަތު ގަވައިދު އެކުލަވާލާ ކޮމެޓީގައި އޭރު އިންނެވި އިސްމާއިލް ޒަރިޔަންދު ވިދާޅުވީ އެ ބަދަލު ގެނައި އިރު، އަމިއްލަ ކުންފުނިތައް ވެސް އޭގެ ތެރޭ ހިމަނަން ވާހަކަ ދެކެވުނު ކަމަށެވެ.
"އޭރު ވެސް އަމިއްލަ ކުންފުނިތަކުގެ ވާހަކަ ދެކެވުނު. އެކަމަކު އަމިއްލަ ކުންފުނިތަކުގެ ވާހަކަ ދެކެވުނީމާ ވަރަށް ގިނަ އޭންގަލްތަކުން އަޅުގަނޑުމެން ވިސްނިން. ކޮމްޕެޓިޓިވްކޮށް [ވާދަވެރިކޮށް]، އަމިއްލަ ހުރިހާ ކުންފުނިތަކަށް ދޫނުކުރެވިދާނެ ކަމަށް ގަބޫލުކުރެވުނީ އޭރު،" ޒަރިޔަންދު ވިދާޅުވި އެވެ.
އަމިއްލަ ކުންފުނިތަކަށް ބިޑަކާ ނުލާ މަސައްކަތް ހަވާލުކުރެވޭ ގޮތަށް އޭރު ގަވައިދުގައި ނުހިމަނާ އޮތީ ތަޖުރިބާކާރުންގެ ލަފައާ އެކުކަން ޒަރިޔަންދު ފާހަގަކުރެއްވި އެވެ.
އާންމުކޮށް އިއުލާންނުކޮށް ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން 55 ރަށެއްގައި ކައުންސިލް އިމާރާތްތައް އަޅަން އާރުސީސީއާ މި ފަހުން ވަނީ ހަވާލުކޮށްފަ އެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ އެ މަޝްރޫއު ފުރަތަމަ ހަވާލުކުރި މެލޭޝިއާގެ ހެކްސްޓާ ގްލޯބަލް ކުންފުންޏާ އެކު ހެދި އެއްބަސްވުން އުވާލުމަށް ފަހު އެވެ.
އާރުސީސީއާ މަސައްކަތް ހަވާލުކުރި އިރު އެ މަޝްރޫއުއަށް ޝައުގުވެރިކަން ފާޅުކޮށް އިތުރު ކުންފުނިތަކުން ވެސް ޕްރޮޕޯސަލް ހުށަހެޅި އެވެ. އެ ޕްރޮޕޯސަލްތަކުގެ ތެރޭގައި އާރުސީސީއަށް ވުރެ ކުޑަ އަގަކަށް މަސައްކަތް ކުރަން ހުށަހެޅި ކުންފުނިތައް ވެސް ހިމެނޭއިރު އެ މަސައްކަތް އާރުސީސީއާ ހަވާލުކުރި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބަލަން ވެސް ފެށި އެވެ. އެކަމަކު ފަހުން އޭގެ މައުލޫމާތެއް ނެތެވެ.
މާލިއްޔަތު ގަވައިދަށް ގެނައި އިސްލާހުގެ ވާހަކަ ދައްކަވަމުން އާރުސީސީގެ މިސާލަށް އިޝާރާތް ކުރައްވައި ޒަރިޔަންދު ފާހަގަކުރެއްވީ މީގެ ކުރިން ހުޅުމާލޭގައި ފުލުހުންގެ ފްލެޓުތައް އެޅުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ނުގޮސްގެން އެހެން ބަޔަކާ ހަވާލުކުރި ގޮތެވެ.
"އޭރުގައި ފްލެޓުތައް ނުނިމި ދާތީ ބަޔަކާ ހަވާލުކުރަންވެގެން ތިން ފަރާތެއް ކަނޑައަޅައި ލިސްޓުކުރީ. ހައުސިން މިނިސްޓްރީގައި އޮންނާނެ ކްރައިޓީރިއާއެއް ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ކުންފުނިތަކުގެ. އޭގެ އެންމެ ހައި ކްރައިޓީރިއާގެ ތިން ކުންފުންޏެއް އޭރު ނެގީ އެ މަސައްކަތް ނިންމަން. ނަގައިގެން އެމީހުން ލައްވާ ބިޑު ގެނައީ،" ޒަރިޔަންދު ވިދާޅުވި އެވެ.
"މިހާރު މި ކުރާ ކަމަކީ ހަމަ ބަޔަކު ހޯދާފައި ހަވާލުކުރަނީ. އެއީ ކޮރަޕްޝަނަށް މަގުފަހިވާ ކަމެއްގެ ބަދަލުގައި ސީދާ ކޮރަޕްޝަން. މި ހާލަތުގައި ބިޑު ނުކޮށް ކުރާ ނަމަ ހަމަހަމަކަން ގެއްލުނީތާ. އެކަން އެގޮތަށް ކުރާ ނަމަ ރަނގަޅު ސިސްޓަމެއް ބިނާވެފައި އޮންނަން ޖެހޭނީ."
އޭނާ ވިދާޅުވީ ބިޑަކާ ނުލާ ވަކި ފަރާތަކަށް މަސައްކަތް ހަވާލުކުރުމަކީ ދައުލަތުން ރާވައިގެން ހިންގާ ކޮރަޕްޝަން ކަމަށެވެ.
"ސިސްޓަމް ބިނާވެފައި ނެތި ބިޑަކާ ނުލާ މަސައްކަތް ހަވާލުކުރާ ނަަމަ އެއީ ސީދާ ސްޓޭޓް އޯގަނައިޑް ކޮރަޕްޝަން،" ޒަރިޔަންދު ވިދާޅުވި އެވެ.
ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް ވެސް، މާލިއްޔަތު ގަވައިދަށް ގެނައި އިސްލާހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
އޭނާ ފާހަގަކުރައްވާފައިވާ ގޮތުގައި މީގެ ކުރިން ވެސް ދައުލަތް ލޫޓުވާލީ މިފަދަ އުސޫލުތައް އަމިއްލައަށް ހަދައިގެން އޭގެ ނާޖައިޒު ފައިދާ ނަގައިގެންނެވެ.
"މިފަދަ ދެފުށް ނުފެންނަ ޑީލް ހެދޭ ގޮތަށް އުސޫލުތައް ބަދަލުކޮށްގެން ކަންކަން ކުރުމާ ދެކޮޅަށް ރައްޔިތުން އަޑުއުފުލަން ޖެހޭ،" ނިޔާޒް ފޭސްބުކްގައި ލިޔުއްވި އެވެ.
ބިޑަކާ ނުލާ މަޝްރޫއުތައް ހަވާލުކުރެވޭ ގޮތަށް ގެނައި ބަދަލާ ދެކޮޅަށް ރައްޔިތުން ތެދުވަން އޭނާ ގޮވާލެއްވި އެވެ. އޭނާ ވިދާޅުވީ "މަދަނީ ބަސްނޭހުމަކަށް ގޮސްގެން ވިޔަސް" އެފަދަ ކަންކަން ހުއްޓުވަން ޖެހޭ ކަމަށެވެ.
އާންމު ރައްޔިތުންގެ އަސާސީ ބޭނުންތަކާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭ މަޝްރޫއުތަކާއި ސަލާމަތީ ހިދުމަތްތަކަށް ހާއްސަ މަޝްރޫއުތައް ބިޑަކާ ނުލާ އެވޯޑުކުރެވޭ ގޮތަށް ހަވާލުކުރާނީ، ގަވައިދަށް ގެނައި އިސްލާހުގައިވާ ގޮތުން، ފިނޭންސް މިނިސްޓްރީގެ ލަފާގެ މަތިިންނެވެ.
މީގެ އިތުރުން އެ އިސްލާހުން އެ މަޝްރޫއުތަކުގެ ބިޑް ސެކިޔުރިޓީ އާއި ޕާފޯމަންސް ގެރެންޓީ ނުވަތަ އެޑްވާންސްޑް ޕޭމެންޓް ގެރެންޓީ ނެގުން އިސްތިސްނާކުރުމުގެ އިހުތިޔާރު ވެސް ފިނޭންސް މިނިސްޓަރަށް ދީފައިވެ އެވެ.
މިކަމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކޮށްފައިވާ އާންމުން ވެސް ފާހަގަކޮށްފައިވާ ކަމަކީ ބިޑަކާ ނުލާ މަސައްކަތް ހަވާލުކުރުމަކީ "ބިޑަކާ ނުލާ ކޮރަޕްޝަން ހިންގުން" ކަމަށެވެ.
މަޝްރޫއުތައް އަވަސްކުރަން ވިޔަސް މަސައްކަތް ހަވާލުކުރަން ޖެހޭނީ ދައުލަތަށް އެންމެ ހަރަދު ކުޑަވާނެހެން ވާދަވެރި ޓެންޑާ ޕްރޮސެސްއެއްގެ ތެރެއިންނެވެ. އެހެން ނޫން ނަމަ އެއީ ހަމަ ކޮރަޕްޝަނަށް ދޭ ހުޅުވާލެވިފައިވާ ދައުވަތެކެވެ.
ބިޑަކާ ނުލާ މަޝްރޫއުތައް ދެވޭ ގޮތް ހެދުން: ކޮރަޕްޝަނަށް އިތުުރު ދޮރެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ