ޤިޔާމަތް ދުވަހަކީ އެއްވެސް މީހަކު އަނެއް މީހާއަށް ބަލާނެ ދުވަހެއް ނޫނެވެ. މައިން ދަރިންނަށް، އަދި ދަރިން މައިންނަށްވެސް ބަލާނެ ދުވަހެއް ނޫނެވެ. ކޮންމެ މީހަކުވެސް ގަދައަޅައި މަސައްކަތްކުރާނީ އެމީހަކަށް ވަދެވުނު ގޮތަކުން ސުވަރުގެ ވަނުމަށެވެ. އެހެންކަމުން އެވަގުތު ގޮވައިލެވޭ އަޑު އިވޭނެއެވެ. "އެނބުރިދާށެވެ!"
އެނބުރިދާށެވެ! ބުނެވޭ ބަހުގެ މާނަ އެނގޭ ހެއްޔެވެ؟ އެބުނަނީ އެނބުރި ދުނިޔެއަށްދާށެވެ! އެނބުރި ދުނިޔެއަށް ގޮސް އަލިކަން ހޯދައިގެން އަންނާށެވެ! އެހެނީ ޤިޔާމަތް ދުވަހުގެ އަލިކަމަކީ ދުނިޔޭގައި ކުރާ މަސައްކަތުން ހޯދަން ޖެހޭ އެއްޗެކެވެ. ވީމާ އާޚިރަތުގެ މައިދާނަށް ގޮސް އަލިކަން ހޯދަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އަލިކަމެއް ނުލިބޭނެއެވެ.
ދުނިޔޭގެ ދިރިއުޅުމުގައިވެސް މިއުޅެނީ ކިރިޔާވެސް އަނދިރިވެއްޖެނަމަ ހިނގައިވެސް ނޫޅެވިގެންނެވެ. އެއްވެސް ކަމެއް ނުކުރެވިގެންނެވެ. ދުނިޔެއިން މިފެންނަ އެންމެ ގަދަ އަނދިރިކަމަށްވުރެވެސް ޤިޔާމަތް ދުވަހުގެ އަނދިރިކަން މާގަދަވާނެއެވެ! ވީމާ ޤިޔާމަތް ދުވަހަކީ އަނދިރިކަން ގަދަ ދުވަހެކެވެ.
ސުވަރުގެ ދެވޭނީ އެގަދަ އަނދިރީގައި ޞިރާޠުމަގު ހުރަސްކުރެވިގެންނެވެ. ޞިރާޠު މަގު ހުރަސްކޮށް ސުވަރުގެ ދިއުމަށް ކުރަން ޖެހޭ ދަތުރަކީ ދިގު ދަތުރެކެވެ. އެ ދަތުރު ކުރެވޭނީ އަލިކަން ލިބުނު މީހުންނަށެވެ. ބައެއް މީހުންނަށް ދެއްވަވާ އަލިގަދަކަމުން އެއް ސިޓީން އަނެއް ސިޓީ އާއި ހަމައަށް ފޯރާހައި އަލިގަދަވާނެއެވެ. އަނެއް ބައަކަށް ދެއްވަވާ އަލި ކުޑަކަމުން ކުރިއަށް އަޅަން އޮތް ފިޔަވަޅު ކިރިޔާ ފެންނާނީއެވެ. ދިއްލިފައި ނިވެންވެސް ނިވޭނެއެވެ.
ވީމާ ޤިޔާމަތް ދުވަހު ކިތަންމެ ކުޑަ ނަމަވެސް އަލިކަމެއް ލިބިފައިވުމަކީ އެމީހެއްގެ ނަޞީބެވެ. އެއްވެސް އަލިކަމެއް ނުލިބޭ މީހުންނަށް ޖެހޭނީ ނަރަކައަށް ވެއްޓެން ކަމަށްވާތީއެވެ. ނަރަކައިން ސަލާމަތް ނުވެވޭނެތީއެވެ.
ﷲ ތަޢާލާ އަށް އީމާންވެ ހެޔޮ އަމަލުތައް ކުރި މީހުންނަށް އެދުވަހު ދެ އަލިކަމެއް ވެއެވެ. އިންސާނާގެ ހިތާއި ދެއަތެވެ. ހިތުގެ އަލިކަން ލިބޭނީ ﷲ ތަޢާލާއަށް އީމާންވުމުގައި އެންމެ ކުރީސަފުގައި ތިބޭ މީހުންނަށެވެ. އަތުގެ އަލިކަން ލިބޭނީ އެ އަތްތަކުން ހެޔޮ އަމަލުތައް ކުރި މީހުންނަށެވެ. ޙަރާމް ކުރެއްވެވި ކަންކަން ނުކޮށް އެކަންކަމާއި ދުރުހެލިވެގެން ތިބި މީހުންނަށެވެ. ވުޟޫކުރުމަކީ ޤިޔާމަތް ދުވަހު ގުނަވަންތައް ނޫރުން ދިއްލިގެންދާނެ ކަމެކެވެ.
މުނާފިޤުންނަށް އެދުވަހު އެއްވެސް އަލިކަމެއް ނުލިބޭނެއެވެ. ނަމަވެސް އެމީހުންގެ އެކުވެރިންގެ ތެރެއިން ﷲ ތަޢާލާ އެންގެވި ގޮތުގައި އުޅުނު މީހުންނަށް ދެއްވަވާފައިވާ އަލި އެމީހުންނަށް ފެންނާނެއެވެ. އެ އަލިކަމުގެ އެހީގައި ކުރިއަށް ދާން ބޭނުންވާނެއެވެ. ނަމަވެސް އެ ފުރުޞަތެއް ނުލިބޭނެއެވެ. އެމީހުން ބަލަން ތިއްބައި އަލިކަން ލިބުނު މީހުން ކުރިއަރައިގެން ދާނެއެވެ. ކުރިއަރައިގެންދާތަން ފެނުމުން އަޑަށް ލެވުނުހައި ބާރެއް ލައި އެމީހުންނާއިއެކުގައި ދިއުމަށްޓަކައި މަޑުކުރަން ގޮވާނެތެވެ.
--ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން
ދުނިޔެއިން މިފެންނަ އަނދިރިކަމަށްވުރެ އަނދިރިކަން މާގަދަވާނެ ޤިޔާމަތްދުވަހު އަލިކަން ލިބެން ބޭނުންހެއްޔެވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ