މައުރޫފް ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުންގެ ބަންދުގައި ހުއްޓާ ދިމާވިކަމަކާ ގުޅިގެނެއް ނޫން: ފުލުހުން

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުންގެ ބަންދުގައި ހުންނަވަނިކޮށް ދިމާވިކަމަކާ ގުޅިގެން ނޫން ކަމަށް ފުލުހުން ބުނެފިއެވެ.
ބޮޑުކަންނެލި މަސްވެރިން ކުރަމުންދިޔަ އިހުތިޖާޖުގެ ތެރެއިން މެންބަރު މައުރޫފް ޒާކިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
މައުރޫފް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގައި އަނިޔާތަކެއް ލިބި، އެކަމަށް ފަރުވާ ކުރުމަށް ކަމަށް ބުނެ އަޑުތަކެއް ދަނީ ފެތުރެމުންނެވެ.
މިކަމާ ގުޅިގެން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މައުރޫފް ޑޮކްޓަރަށް ދެއްކުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އެމަނިކުފާނުގެ އެދިވަޑައިގަތުމުގެ މަތިން ކަމަށެވެ. އަދި މައުރޫފް ޑޮކްޓަރަށް ދައްކަން އެދިފައިވަނީ ފުލުހުންގެ ބަންދުގައި ހުންނަވަނިކޮށް ދިމާވިކަމަކާ ގުޅިގެން ނޫންކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
މައުރޫފް ޒާކިރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލްކޯޓުން ވަނީ ހުކުމްކޮށްފައެވެ. މައުރޫފްގެ މައްޗަށް ކުރެވެނީ ކަނޑުދަތުރުކުރުމަށް ހުރަސްއެޅުމާއި ކޯސްޓް ގާޑަށް ގެއްލުން ދިނުމާއި ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ތުހުމަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ