އައިއޯއެސް 26.2 ގެ އާ އަޕްޑޭޓް ދޫކޮށްފި
އެޕަލްއިން އައިފޯން ގެންގުޅޭ ފަރާތްތަކަށް ޚާއްސަކޮށްގެން އައިއޯއެސް 26.2 ގެ އާ އަޕްޑޭޓް ދޫކޮށްފިއެވެ. މިއީ މިދިޔަ ސެޕްޓެމްބަރު މަހު ނެރުނު އައިއޯއެސް 26 އަށްފަހު، އެ ކުންފުނިން ގެނައި ދެވަނަ ބޮޑު އަޕްޑޭޓެވެ. މި އަޕްޑޭޓާއެކު އައިފޯނުގެ ޔޫޒާ އިންޓަފޭސްއަށާއި އެޕްލިކޭޝަންތަކަށް ފާހަގަކޮށްލެވޭ މުހިންމު ބަދަލުތަކެއް ވަނީ ގެނެސްފައެވެ. މި އަޕްޑޭޓްގެ އެންމެ ޚާއްސަ އެއް ސިފައަކީ "ލިކުއިޑް ގްލާސް" ޔޫޒާ އިންޓަފޭސް (ޔޫއައި) އަށް ގެނެސްފައިވާ ކުރިއެރުންތަކެވެ. އެގޮތުން ލޮކް ސްކްރީން ކަސްޓަމައިޒް ކުރުމަށް އިތުރު ފުރުސަތުތަކެއް ހުޅުވާލައި، ގަޑީގެ އޮޕޭސިޓީ ނުވަތަ ފެންނަ މިންވަރު (ޓްރާންސްޕޭރަންސީ) ބޭނުން ގޮތަކަށް ބަދަލުކުރުމުގެ އޮޕްޝަންތައް ވަނީ އިތުރުކޮށްފައެވެ. މުނިފޫހިފިލުވުމުގެ ދާއިރާއިން އެޕަލް މިއުޒިކަށް ދެ ބަދަލެއް ވަނީ ގެނެސްފައެވެ. އެއީ ހޯމް ޓެބްގެ "ޓޮޕް ޕިކްސް" ބައިން "ފޭވަރިޓް ސޯންގްސް" ޕްލޭލިސްޓް ފަސޭހައިން ފެންނަން ހުރުމާއި، އިންޓަނެޓް ކަނެކްޝަނަކާ ނުލައި ލަވަތަކުގެ ލިރިކްސް (ޅެން) އޮފްލައިންކޮށް ބަލައިލެވޭނެ ގޮތް ހަމަޖެހިފައިވުމެވެ. މީގެ އިތުރުން "ޕޮޑްކާސްޓްސް" އެޕްގައި އޮޓޮމެޓިކް ޗެޕްޓާތައް އުފެއްދުމާއި، ޝޯތަކުގެ ތެރޭގައި ވާހަކަދެކެވޭ އެހެން ޕޮޑްކާސްޓްތަކުގެ ސީދާ ލިންކުތައް ހިމެނުން ފަދަ ނެވިގޭޝަން ފަސޭހަތައް ވަނީ ގެނެސްދީފައެވެ. ހަމައެއާއެކު ގޭމިންއަށް ލޯބިކުރާ ފަރާތްތަކަށް، "ގޭމްސް އެޕް" އިން ގޭމްސް ކެޓަގަރީއާއި ސައިޒަށް ބަލައި ފިލްޓާ ކުރުމުގެ ފަސޭހަ ވަނީ ގެނެސްދީފައެވެ. އަދި ރިއަލް-ޓައިމް ޗެލެންޖް ސްކޯތައް ފެނުމާއި، ބެކްބޯން އަދި ރޭޒާ ފަދަ ކޮންޓްރޯލާތަކުގެ ސަޕޯޓް ވަނީ ރަނގަޅުކޮށްފައެވެ. އާންމުކޮށް ބޭނުންކުރާ "ރިމައިންޑާސް" އެޕްގައި އެލާމް ސްނޫޒް ކުރުމާއި ލައިވް އެކްޓިވިޓީ ސަޕޯޓް ހިމަނާފައިވާއިރު، އެއާޑްރޮޕްގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން ނޭނގޭ މީހުންނަށް ފައިލް ފޮނުވާއިރު، ފޮނުވާ ފަރާތުގެ ޑިވައިސްގައި ވެރިފިކޭޝަން ކޯޑެއް ޖަހަންޖެހޭ ގޮތް ވަނީ ހަދާފައެވެ. މީގެ އިތުރުން، ފެންބޮޑުވުމާއި ގުދުރަތީ ކާރިސާތަކުގެ މައުލޫމާތު ދިނުމަށް "އެންހޭންސްޑް ސޭފްޓީ އެލާޓްސް" ތައާރަފްކޮށްފައިވެއެވެ. ނަމަވެސް މި ޚިދުމަތް މިވަގުތު ލިބެނީ ހަމައެކަނި އެމެރިކާގައެވެ. އަދި އެކްސެސިބިލިޓީ ފީޗާއެއްގެ ގޮތުން، އެލާޓްތައް އައުމުން ސްކްރީން ފްލެޝްވާގޮތް ހެދުމުގެ އޮޕްޝަން ވެސް މި އަޕްޑޭޓްގައި ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ