ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމުން ރެޑިޓުން އޮސްޓްރޭލިއާއާ ދެކޮޅަށް ދައުވާކޮށްފި
އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކޮށް ހެދި އާ ގާނޫނާ ދެކޮޅަށް، މަޝްހޫރު އޮންލައިން ޕްލެޓްފޯމެއް ކަމަށްވާ "ރެޑިޓް" އިން އެ ގައުމުގެ ހައި ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ. ރެޑިޓުން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމަކީ އޮސްޓްރޭލިއާގެ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ، މިނިވަންކަމާއެކު ސިޔާސީ ޚިޔާލު ފާޅުކުރުމުގެ ހައްގަށް އެޅޭ ހުރަހެއް ކަމަށެވެ. އަދި 16 އަހަރުން ދަށުގެ ކުދިންނަކީ މުސްތަގުބަލުގައި ވޯޓުލުމުގެ ހައްގު ލިބޭނެ ބަޔަކަށް ވާއިރު، އެ ކުދިންގެ ވިސްނުން ބައްޓަންކުރުމަށް ސިޔާސީ މުއާމަލާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު އޮންނަންޖެހޭނެ ކަމަށް އެ ކުންފުނިން ދެކޭ ކަމަށް ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، ކޯޓުން މި ގާނޫނު ދަމަހައްޓައިފި ނަމަވެސް، ރެޑިޓަކީ އާންމު ސޯޝަލް މީޑިއާގެ މިންގަނޑުތަކަށް ނުފެތޭ ޕްލެޓްފޯމެއް ކަމަށާއި، އެހެންކަމުން އެ ކުންފުނި މި ގާނޫނުން އިސްތިސްނާ ވާންޖެހޭނެ ކަމަށް ވެސް ދައުވާގައި ފާހަގަކޮށްފައިވެއެވެ. ރެޑިޓްގެ މި އަމަލާ ގުޅިގެން އޮސްޓްރޭލިއާގެ ހެލްތު މިނިސްޓަރު މާކް ބަޓްލާ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވީ ރެޑިޓުން ދައުވާ ކުރަނީ ކުޑަކުދިންގެ ހައްގުގައި ނޫން ކަމަށާއި، އެއީ އެ ކުންފުނީގެ ފައިދާ ހިމާޔަތްކުރުމަށް ކުރާ ކަމެއް ކަމަށެވެ. އަދި މިއީ ދުންފަތުގެ ވިޔަފާރިކުރާ ކުންފުނިތަކުން (ބިގް ޓޮބޭކޯ) ސިއްހީ ގަވާއިދުތަކާ ދެކޮޅަށް މީގެ ކުރިން ކޮށްފައިވާ ފަދަ ކަމެއް ކަމަށް ސިފަކުރައްވައި، ސަރުކާރުން މި މައްސަލައިގައި ދޫނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޮސްޓްރޭލިއާގެ ސަރުކާރުގެ ވެރިން ބުނަނީ އެ ބޭފުޅުން ތިއްބެވީ އޮސްޓްރޭލިއާގެ ބެލެނިވެރިންނާއި ކުދިންނާއެކު ކަމަށާއި، ސޯޝަލް މީޑިއާގެ ނުރައްކަލުން ކުދިން ސަލާމަތްކުރުމަށް ސާބިތުކަމާއެކު ދެމިތިބޭނެ ކަމަށެވެ. އޮސްޓްރޭލިއާއަކީ ގާނޫނީ ގޮތުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރި ދުނިޔޭގެ ފުރަތަމަ ގައުމެވެ. މި ގާނޫނަށް އަމަލުކުރަން ފަށާފައިވަނީ މި ހިނގާ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހެވެ. މި ގާނޫނާ ޚިލާފުވާ ޕްލެޓްފޯމްތައް 49.5 މިލިއަން އޮސްޓްރޭލިއަން ޑޮލަރުން (ގާތްގަނޑަކަށް 33 މިލިއަން އެމެރިކާ ޑޮލަރު) ޖޫރިމަނާ ކުރެވޭނެއެވެ. ނަމަވެސް ގާނޫނާ ޚިލާފުވާ ކުދިންނަށާއި އެ ކުދިންގެ ބެލެނިވެރިންނަށް އަދަބެއް ނޯންނާނެއެވެ. މެޓަ، ގޫގުލް (ޔޫޓިއުބް) އަދި ޓިކްޓޮކް ފަދަ ބޮޑެތި ކުންފުނިތަކުން ކުރިން މިކަމާ ދެކޮޅަށް ކެމްޕެއިން ކުރި ނަމަވެސް، ފަހުން ވަނީ ގާނޫނަށް ތަބާވާނެ ކަމަށް ބުނެފައެވެ. ރެޑިޓްގެ މި ދައުވާއަކީ ސޯޝަލް މީޑިއާގެ ބޮޑު ކުންފުންޏަކުން މި ގާނޫނާ ދެކޮޅަށް ކޯޓަށް ދިޔަ ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ