ލޮބުވެތި ކަނބަލުންނަށް!: މިއަދު ބޭނުން ފޭރާމެއް ލެވިދާނެ! އެކަމަކު ނިކަން މިކަންކަމަށް ވިސްނައިލަބަލަ!

އެއްވެސް މީހަކަށް އިނގިލި ދިއްކޮށްފައި ތިބާ ދާނީ ނަރަކައަށް ކަމަށް ބުނުމެއް ނެތެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ނަމަވެސް ތިމާއަށް ނަރަކައަށް ވަންނަން ޖެހިދާނެ ކަންކަން އަހުރެމެންނަށް އެބައެނގެއެވެ. އެކަންކަމަށް ބިރުވެތިނުވެ ނަރަކައިން ސަލާމަތްވެވޭނީ ކިހިނަކުން ހެއްޔެވެ؟  
ކަންމިހެން ހުރުމާއެކުވެސް ހިތާމައާއެކު ފާހަގަ ކުރަންޖެހެނީ ކަމުގެ ސީރިއަސްކަން ނޭނގިތިބެނަމަވެސް ބައެއްމީހުން ދީނުގެ ބައެއް ޙުކުމްތަކާމެދު ފާޑުކިޔާ ފުރައްސާރަ ކުރަމުން ގެންދާކަމެވެ. މިމޭރުމުން ފުރައްސާރަކުރުމާއި ހަޖޫކިޔޭ ކަންތަކުގެތެރެއިން އެއްކަމަކީ އަންހެނުންގެ ޢަޥްރަ ނިވާކުރުމުގެ މަސްއަލައާބެހޭގޮތުންނެވެ. ނަމަވެސް އަންހެނުންގެ އަޥްރަނިވާކުރުމުގެ ވާހަކައަކީ އެއްވެސްޙާލެއްގައި މުސްލިމުންނަށް އައުވާހަކައެއްނޫނެވެ.  
އަންހެނުންގެ ބޯ ނިވާކުރަން ކްރިސްޓިއަން ދީނުގައިވެސް އެބައޮތެވެ. އެއީ ހަމައެކަނި ފައްޅީގެ އަންހެނުން ކުރަންޖެހޭ ކަމަކަށް ހަދައިގެން އެއުޅެނީ އެމީހުން އަމިއްލައަށެވެ. މަޝްހޫރު ދީނީ ޢިލްމްވެރިޔާ އަޙްމަދު ދީޖާތު އާއި ކްރިސްޓިއަން އަންހެނަކު ސުވާލެއް ކުރިއެވެ. "މުސްލިމުން ޙިޖާބް އަޅައި ނިވާވަނީ ކީއްކުރަންހެއްޔެވެ؟" ޖަވާބުގައި ވިދާޅުވިއެވެ. "ކަލޭމެންގެ ފޮތްބަލާށެވެ! ބޯނިވާކުރުމަށާއި ނިވާނުކުރާނަމަ ބޯބާލަން އޮއްވައި ފެންނާނެއެވެ. ﷲ ތަޢާލާގެ އެންގެވުން ކަލޭމެން އަމިއްލައަށް ބަދަލުކުރީއެވެ."  
ރާއްޖެއަށް ބަލައިފިނަމަ ރަޖަބުމަހު ނާއިބުކަމާހިނގިޒަމާނުގައި ޢާއްމުނަށް އިއްވެވޭ ފަތްކޮޅުގައިވެސް އަންހެނުން ދޮޅިފޭލިބުރުގާ އެޅުމަށް ސަރުކާރުގެފަރާތުން އަމުރުކުރައްވާކަމުގައިވިއެވެ. ދިވެހިރާއްޖޭގައި ވަރަށްގިނަ ޒަމާންވަންދެން ކިޔަވައިދިނުމަށް ބޭނުންކުރެވުނު ފޮތެއްކަމުގައިވާ تَعْلِيْمُ الدِّيَانة ގައިވެސްވަނީ "ނަމާދުގައި ފިރިހެނުންގެ އަޥްރައަކީ ފޫޅާކަކުލާއި ދެމެދެވެ. ނަމާދުގައި މިނިވަން އަންހެނާގެ ޢަޥްރައަކީ މޫނާއި ދެއަތްތިލަ ނޫންހާތަނެކެވެ. ނަމާދުން ބޭރުގައި ފިރިހެނާގެ އަޥްރައަކީ ފޫޅާކަކުލާ ދެމެދެވެ. މިނިވަން އަންހެނާގެ އަޥްރައަކީ ހިލޭފިރިހެނުންގެ ގާތުގައިނަމަ މުޅި ހަށިގަނޑެވެ. ނަމާދުން ބޭރުގައިވެސް ބޭސްވެރިކަމެއްފަދަ ބޮޑުކަމަކަށްޓަކައި ހުއްދަވާފަދަ މީހަކަށްމެނުވީ ތިމާގެ އަޥްރަ ކަޝްފުކުރުމަކީ ޙަރާމްވެގެންވާ ކަމެކެވެ.
އަންހެނުންގެ އަޥްރަ ނިވާކުރުމާބެހޭގޮތުން އެކަމަށް ބާރުލައި ލިޔެފައިވާ ލިޔުންތަކާއި ދެވިފައިވާ އިރުޝާދު ތަކަކީ ހަމައެކަނި އަޥްރަ ނިވާކުރީމައި ދީނަށް އުޅެވުނީކަމުގައި ބުނެވޭގޮތަށް ކުރެވިފައިވާ ކަމެއްނޫނެވެ. ކުޑަކަމުގޮސްފައި ތާހިރުވުމަށް އިރްޝާދު ދެވިއްޖެނަމަ އޭގެ މާނައަކީ ހަމައެކަނި އެކަން ކުރުން ފިޔަވައި އެހެންކަމެއް ކުރަންނުޖެހޭނެ ވާހަކައެއް ނޫނެވެ. ހަމަ އެފަދައިން ނަމާދު އަދާކުރުމަށް ނަޞީޙަތް ދެވިއްޖެނަމަ އޭގެ މާނައަކީ ނަމާދުކުރުން ފިޔަވައި އެހެންއަޅުކަމެއް ކުރަން ނުޖެހޭނެވާހަކަ އެއްނޫނެވެ. ޒަކާތް ދިނުމަށް ބާރުލެވިއްޖެނަމަ އޭގެ މާނައަކީ ހަމައެކަނި ޒަކާތްދިނުމުން ދީނަށް އުޅެވުނީކަމުގައި ބެލެވުނީއެއްނޫނެވެ. ބައެއް ފަރުޝުކަންތައް އަދާކޮށްފައި އަނެއްބައިފަރުޟުކަންތައް ދޫކޮށްލާގޮތަކީ އިސްލާމްދީނުގެ އުޞޫލެއްނޫނެވެ. ނަމާދުކޮށްފައި ޙަރާމް ކަންތައްތަކަށް އަރައިގަތުމަކީވެސް އެމާތްދީނުގެ އުޞޫލެއްނޫނެވެ. މީގެމާނައަކީ އެފަދަމީހާ ނަމާދުކުރުން ދޫކޮށްލަންވީ ވާހަކައެއްނޫނެވެ. ނަމާދުކޮށްފައި ޙަރާމްކަންތައްތައް ދޫކޮށްލަންވީއެވެ. އެހެންކަމުން ހެއުކަމެއްކުރާމީހަކު ކުށެއްކޮށްފިނަމަ އެހެއުކަންތައްތައް ކުރުން ދޫކޮށްލުމަށް ބާރުއެޅުމުގެ ބަދަލުގައި ކުށްކުރުމުން އެއްކިބާ ކުރުމަށް ބާރުއަޅަންވީއެވެ. ބުރުގާއަޅާކުއްޖަކު "ފެޝަން" ބުރުގާ އަޅާކަމަށްވެފައި އެއީ ދީނާޚިލާފުކަމެއްނަމަ އެކުއްޖަކަށް ހަޖޫކިޔުމުގެގޮތުން ބަސްތައް ރައްދުކުރުމުގެ ބަދަލުގައި އެކަން އިޞްލާޙުކޮށް ދީނުގައި ކަނޑައެޅިފައިވާގޮތަށް ނިވާވުމަށް ނަޞޭޙަތްތެރިވާންވީއެވެ. ދެންފަހެ ބުރުގާއަޅަންވީގޮތްނޫން އެހެންގޮތަކަށް ބުރުގާއަޅާކަމަށް ހީވެގެން ކަންބޮޑުވެ ހަޖޫކިޔާއިރު ނަމާދުކުރަންވީގޮތަށް ނަމާދުނުކުރެވިދާނެކަމަށް ހީވެގެން ކަންބޮޑުނުވަނީ ކީއްވެބާއެވެ! މާތްﷲ ވަޙީކުރައްވާފައިވަނީ فَوَيْلٌ لِّلْمُصَلِّيْن ފަހެ ނަމާދުކުރާމީހުނަށް ނަރަކައިގެ ޢަޛާބުހުއްޓެވެ. الَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ އެނަމާދުކުރާމީހުންނަކީ ނަމާދާމެދު ފަރުވާކުޑަކޮށް ހަނދާންނައްތާލައިގެންތިބެ ނަމާދުކުރާމީހުންނެވެ. الَّذِينَ هُمْ يُرَاؤُونَ އަދި އެބައިމީހުންނަކީ ކަންދެއްކުމަށް ނަމާދުކުރާމީހުންނެވެ. وَيَمْنَعُونَ الْمَاعُونَ އަދި އެމީހުން ބޭނުންކުރާތަކެތި މީހުނަށްނުދީ މަނާކުރާމީހުންނެވެ. މިފަދައިންނެވެ.
އާދޭހެވެ! ޢަޥްރަ ނިވާކުރުމަކީ ނުވަތަ އަންހެނާ حِجَابُ ވުމަކީ ކަންދެއްކުމެއްނޫނެވެ. ޖަމާޢަތުގެ ނަމާދަށް ޙާޟިރުވުމަކީ ޢީދުނަމާދާއި ހުކުރުނަމާދާއި ކަށުނަމާދަށް ޙާޞިރުވުމަކީ ކަންދެއްކުމެއްނޫނެވެ. ހައްޖައްދާތަން މީހުންނަށް ފެންނަފެނުމަކީ ކަންދެއްކުމެއްނޫނެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނުންގެ ގަދަފަދަ ޢަމުރުފުޅަށް ކިޔަމަންތެރިކަން އަދާކުރުމުގެގޮތުން ތުނބުޅިދިގުކޮށްފައި މަތިމަސްކުރުކުރުމަކީ ކަންދެއްކުމެއްނޫނެވެ. މިބާވަތުގެ ޢަމަލުތައް މީހުންނަށް ފެންނަފެނުމަކީ ކަންދެއްކުމެއްނޫނެވެ. ކަންދެއްކުންކަމުގައި ހިމެނޭނީ ހިތުގެ ނިޔަތުންނެވެ. އިޚްލާޞްތެރިކަން ނެތުމުންނެވެ. ހިތުގައި އޮންނައެއްޗެއް ދެނެވޮޑިގެންވަނީ ﷲ އެވެ. އެއައްފަހު އެނގޭނީ ހަމައެމީހަކަށެވެ. އެހެންކަމުން މީހަކު ނަމާދަށްދިޔުމަކުން އެއީކަންދައްކަން ނަމާދުކުރާމީހެކޭ ނުބުނެވޭނެއެވެ. މީހާގެހިތަށް ދެއްކުންތެރިކަން ވަދެއްޖެނަމަ އެކަމެއްވާނީ ކަންދެއްކުމަށްކުރާކަމަކަށެވެ.
އެއީ އެމީހަކަށް ޢަޛާބު ލިބޭނެކަމެކެވެ. ޢަމަލުތައް ޞައްޙަވުންވަނީ ތެދުނިޔަތުންނެވެ. ވުމާއެކު ތެދުނިޔަތަކީ މުހިންމުކަމެކެވެ. ހަމައެފަދައިން ތެދުނިޔަތަކާއި އެއްގޮތަށް މީހާގެ ޢަމަލުތައް ސީދާވެގެން ބޭރުފުށުން ފެންނާނެއެވެ. އެއީ ކަންދެއްކުމެއްނޫނެވެ. ކަންދެއްކުމަކަށް ވެދާނެތީ ބިރުން ނަމާދަށްނުގޮސް ހުންނާކަށެއްނުޖެހެއެވެ. ހަމައެފަދައިން އަޥްރަ ނިވާނުކޮށް ހުންނާކަށެއްނުޖެހެއެވެ. މާތްﷲ އަޝްރަތުގައި މަޤުބޫލު ޢަމަލަކަށް ތިމާގެ ޢަމަލު ވާހުށީ އެޢަމަލެއްގައި ދެޝަރުޠު އެކުލެވިގެންވުމުންނެވެ. އެއްޝަރްޠަކީ النِّيَّةُ الصَّالِحَة ހެއުނިޔަތެވެ. އަނެއްޝަރްޠަކީ الصُّورَةُ الْمَشْرُوعَة ޝަރުޢު ކުރެއްވިގެންވާ ޞޫރައެވެ. ވުމާއިއެކު އަންހެނަކު ހެއުނިޔަތުގައި حِجَابُ ވެގެން ހުންނައިރު އެކަނބަލޭގެކިބައިން އެފެންނަނީ އެޙުކުމްގައި ޝަރުޢު ކުރެއްވިގެންވާ ސޫރައެވެ. ތިމާގެ ނިޔަތް ހެއުވެސީދާވެއްޖެނަމަ ތިމާގެ ބޭރުފުށުގެ ޢަމަލުތައް ހެއުވެސީދާވެދާނެއެވެ. ﷲ ބައްލަވާވޮޑިގަންނަވަނީ ހިތަށޭ ތިމަންނާގެހިތް ސާފުވެގެންވެއޭ ބުނަމުން އޮރިޔާންޙާލުގައި އުޅެގެނެއް ނުފުދޭނެއެވެ. އަދި ހިތްސާފުވީކަމަކަށް ނުބެލެވޭނެއެވެ. ހިތްސާފުނަމަ ވައްކަމާއި، ޒިނޭއާއި ރާބުއިންފަދަ ކަންކަމަށް އަރައެއްނުގަތީހެވެ. ހިތްސާފުނަމަ ޝަރުޢު ކުރެއްވިގެންވާ ޞޫރަވެސް އޮންނާނީ ސާފުކޮށް ހެއުގޮތުގައެވެ. ޙަދީޘް ކުރެއްވިއެވެ. اَلاَ وَإنَّ فِى الْجَسَدِ مُضْغَةً إذَاصَلَحَت صَلَحَ الْجَسَدُ كُلُّهُ وَإذَا فَسَدَتْ فَسَدَ الْجَسَدُ كُلُّهُ أَلاَ وَهِيَ الْقَلْبُ  މާނައަކީ، ދަންނާށެވެ! ހަމަކަށަވަރުން ކުޑަމަސްކޮޅެއް ހަށިގަނޑުގައިވެއެވެ. އެ ޞުލްޙަވެ ރަނގަޅުވެއްޖިއްޔާ މުޅިހަށިގަނޑު ޞުލްޙަވެ ރަނގަޅުވީއެވެ. އަދި އެ ފާސިދުވެއްޖިއްޔާ މުޅިހަށިގަނޑު ފާސިދުވީއެވެ. ދަންނާށެވެ! އެއީ ހިތެވެ. މިއެވެ.
ދެންފަހެ އަންހެނުންގެ حِجَابُ އަކީ ޤުރްއާނުގެ ނައްޞުންނާއި ކީރިތި ރަސޫލާގެ ސުންނަތުން ކަނޑައެޅިފައިވާ ކަމެކެވެ. ނޫރުސޫރަތުގައި މާތްﷲ އަންގަވާފައިވަނީ وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ މިފަދައިންނެވެ. މާނައަކީ އަދި އެކަނބަލުންގެ ޚިމާރުތައް (އެބަހީ ބުރުގާތައް) އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅާ ނިވާކުރާހުށިކަމެވެ. މިއެވެ. خَمْرُ އަކީ خِمَارُ ގެ جَمَعُ  އެވެ. ޚިމާރަކީ ބޮލާއި މޭމައްޗާއެކު ކަރުވަޅުތައް ނިވާވާގޮތަށް އަޅާ ފޮތިގަނޑެކެވެ. މާތްﷲ ރުއްސުންލެއްވި شةގެފާނުގެ އަރިހުން اَلْإِمَامُ الْبُخَارِى އާއި أبُودَاوُد އާއި النَّسَاءِى ނެރުއްވި ޙަދީޘެއްގެ މާނައިގައި އެކުލެއްވިގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. އެންމެ ފުރަތަމަ ހިޖްރަކުރެއްވި މުހާޖިރުއްޔަ ބޭކަނބަލުންނަށް ﷲ ރަޙްމަތް ލައްވާށިއެވެ. وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ މިއާޔަތް ބާވައިލެއްވުމުން އެކަނބަލުން އެކަނބަލުންގެ ހެދުމުގެ ބައެއްކަމުގައިވާ އެކަނބަލުންގެ ކޮނޑުފުޅުތަކުގެމަތީން ފުރަގަހަށް އެއްލާފައިއޮންނަ ފޮތިގަނޑު ވީއްދަވާފައި އެކަނބަލުން ބުރުގާހައްދަވައިގެން ނިވާކުރެއްވިއެވެ. އެހެން ރިވާޔަތެއްގައިވަނީ އެކަނބަލުންގެ ފޭރާމުން ތިރިއަށް ދެމިފައޮންނަބައި ނަންގަވައިގެން އެއިން ބުރުގާ ހައްދަވައި ނިވާކުރެއްވިއެވެ. އަދިވެސް އެހެން ރިވާޔަތެއްގައި އެކުލެވިގެންވަނީ މިއާޔަތް ބާވައިލައްވާ މިޙުކުމް އެނގިވަޑައިގަތުމުން މުސްލިމް އަންހެންތަކުން އޭގެފަހުން އެންމެފުރަތަމަ ގެއިންބޭރަށް ނުކުމެވަޑައިގަތީ ބުރުގާ އަޅުއްވާ ނިވާކުރައްވައިގެންނެވެ. މިއެވެ. މިހެންނުވާނީ ކީއްވެތޯއެވެ؟ މުސްލިމުގެ މާނައަކީ މާތްﷲ ގެ އަމުރުފުޅުތަކަށް އެއްވެސް ޖެހިލުމެއްނެތި ޢަމަލީގޮތުން ބޯލަބައި ކިޔަމަންތެރިކަން އަދާކުރާމީހާއެވެ.
އަންހެނުން މުޅިހަށިގަނޑު ނިވާކުރުމަށް އަންގަވާ މާތްﷲ ވަޙީކުރެއްވި ބަސްފުޅުތަކުގެތެރޭގައި މިދަންނަވާ އާޔަތް
ހިމެނެއެވެ. يَا أَيُّهَا النَّبِيُّ قُل لِّأَزْوَاجِكَ وَبَنَاتِكَ وَنِسَاءِ الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلَابِيبِهِنَّ ۚ ذَٰلِكَ أَدْنَىٰ أَن يُعْرَفْنَ فَلَا يُؤْذَيْنَ ۗ وَكَانَ اللَّهُ غَفُورًا رَّحِيمًا (59)
މާނައަކީ، އޭނަބީކަލޭގެފާނެވެ. ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށާއި ދަރިދަރިކަނބަލުންނަށާއި މުއުމިނު އަންހެނުންނަށް އެކަނބަލުންގެ ޖިލްބާބުތައްލައި އެކަނބަލުންގެ ހަށިގަނޑު ނިވާކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ. އެކަނބަލުން އެނގިގެންވުމަށާއި އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް ގާތްކަންބޮޑެވެ. ﷲއީ ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ. މިއެވެ. މިއާޔަތުގައިމިވާ ޖަލާބީބަކީ ޖިލްބާބުގެ ޖަމްޢައެވެ. ޖިލްބާބަކީ މުޅިހަށިގަނޑު ބޮލާއެކު ނިވާކުރެވޭގޮތަށް ދޫކޮށްހުންނަ ހެދުމެކެވެ. އެއީ ޝަރްޢީ ޙީޖާބެވެ. ހިލޭފިރިހެނުންގެގާތުގައިނަމަ އަންހެނާގެ އަޥްރައަކީ މުޅިހަށިގަނޑެވެ. އަޥްރަނިވާކުރުމަކީ ވާޖިބުކަމެވެ.
އިސްވެދެންނެވުނު އާޔަތުންލިބޭ އިރްޝާދުތަކަކީ:
(1) ޙިޖާބަކީ އެންމެހާ މުއުމުނު އަންހެނުންނަށް ކަނޑައެޅިގެންއޮތް ޝަރުޢީ ވާޖިބެއްކަން ހާމަވުން.
(2) ސަލާމާއި ޞަލަވާތްލެއްވި ނަބީކަލޭގެފާނުންގެ އަނބިއަނބި ކަނބަލުންނާއި ދަރިދަރިކަނބަލުންނަކީ އެންމެހާ މުއުމިނު އަންހެނުންނަށްވާ ހެއުނަމޫނާކަން ހާމަވުން.
(3) ޝަރްޢީ ޖިލްބާބަކީ އަންހެނާގެ ޒީނަތްތެރިކަމާއި ހެދުމުގެ ޒީނަތްތެރިކަން ފޮރުވޭގޮތަށް ބޮލާއެކު މުޅިހަށިގަނޑު ނިވާވާގޮތަށް ހުންނަ ހެދުމެއްކަން ހާމަވުން
(4) ޙިޖާބު ފަރްޟުކުރެއްވުމަކީ މުއުމިނު އަންހެނާއަށް ލެއްވި ދަތިކަމެއް ނޫންކަމާއި އެކަނބުލޭގެއަށް ލެއްވި ރަޙްމަތެއްކަމާއި ބާއްޖަވެރިކަމެއްކަން ހާމަވުން.
(5) މާތްﷲ ފަރްޟު ކުރައްވާފައިވާ އިޖްތިމާޢީ އަދަބުތަކަށް ގަހަނާއެޅުން ވާޖިބުކަން ހާމަވުން
(6) ޙިޖާބަކީ އެކަނބުލޭގެއަށާއި މުޖުތަމަޢުއަށް ލެއްވި ރައްކާތެރިކަމެއްކަމާއި ފިތުނަފަސާދައާއި ފާހިޝް ކަންތަކަށް އެޅޭ ހުރަހެއްކަން ހާމަވުން.
(7) މާތްﷲ އެކަލާނގެއަށް ތަޥްބާވާއަޅަކަށް ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެކަން އެންގެވުން. މިއެވެ.
އާދޭހެވެ! ޙިޖާބުގެ އާޔަތްތައް ބާވައިލެއްވުނީ ޙިޖްރައަށްފަހު الْمَدِيْنَة الْمُنَوَّرَة ގައެވެ. ޤިޔާމަތަށް ދާންދެން އެއާޔަތްތަކުގެ ޙުކުމްތައް އެންމެހާ މުއުމުނު އަންހެނުންނަށް ޢާންމުވެގެންވެއެވެ. މިއާޔަތްތަކަށް އެންމެ ފުރަތަމަ ޢަމަލުކުރަންފެށުނީ މަދީނާގައެވެ. މިއާޔަތްތަކުގައިވާ ޙުކުމްތަކަކީ ފިނިހޫނުކަމާ ގުޅަންޖެހޭ ޙުކުމްތަކެއްނޫނެވެ. الْمَدِيْنَة الْمُنَوَّرَة އަކީ ހޫނުމޫސުމުގައި ދިވެހިރާއްޖެއަށްވުރެ އެތައްދަރަޖައަކަށް ހޫނުގަދަ ރަށެއްކަން ޙައްޖަށް ވަޑައިގަންނަވާ ބޭކަނބަލުންނަށް އެނގިވަޑައިގަންނަވާނެއެވެ. ތެލުގެ މުއްސަނދިކަންލިބި އެއަރކޮންޑިޝަންގައި ޢަރަބި ބައެއް ބޭކަނބަލުންނަށް އުޅުމުގެ ފުރުޞަތު ލިބެނީ ދާދިފަހުންނެވެ.
ކުޑަކަމުގޮސްފައި އެނަޖިހުން ރައްކާތެރި ނުވިމީހަކަށް ކަށްވަޅުގެ ޢަޛާބު ދެއްވިކަން ޙަދީޘުން ސާބިތުވާއިރު މާތް ﷲ އެންގެވިގޮތަށް ނިވާނުވެއުޅޭ އަންހެނުންނަށް ހުރި ޢަޛާބާއި ހަލާކުވެސް ސަލާމާއި ޞަލަވާތް ލެއްވި ނަބީކަލޭފާނު މިއުންމަތަށް އަންގަވާފައި ވެއެވެ. ވީއިރު މިކަމަކީ ހަޖޫކިޔަންވީ ކަމެއްނޫނެވެ. ފަހެ ސަލާމާއި ޞަލަވާތް ލެއްވި އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.
صِنْفَان من أهْلِ النَّاِر لَمْ أَرَهُمَا: قَوْمٌ مَعَهُمْ سِيَاطٌ كَأذْنَابِ البَقر يَضْرِبُونَ بِهَا النَّاسَ، وَنِسَاءٌ كَاسِيَاَتٌ عَارِيَاتٌ مَائِلاتٌ، مُمِيْلاَتٌ رُؤُوسُهُنَّ كَأَسْنِمَةِ البُخْتِ الْمَائِلَة لا يَدْخُلْن الجَنَّة، وَلاَ يَجِدْن رِيْحَهَا، وَإِنَّ  رِيْحَهَا لَيُوْجَدُ مِنْ مَسِيرة كَذَا وَكَذَا وَفِى رِوَايَةٍ أُخْرَى وَإِنَّ رِيْحَهَا لَيُوْجَدُ مِنْ مَسِيْرَةٍ خَمْسِ مِئَةِ عَامٍ (رواه مسلم)  
މާނައަކީ، ނަރަކައިގެ އަހުލުވެރިންގެ ތެރެއިންވާ ދެބާވަތެއްގެ ބައެއްވެއެވެ. ތިމަން ކަލޭގެފާނު އެދެބާވަތުގެ މީހުން ދެކެވަޑައެއް ނުގަންނަވަމެވެ. (އެބަހީ އެއީ ފަހުން އަންނާނޭ ބައެކެވެ.) އެއްބާވަތަކީ އެބައިމީހުންނާއެކު ގެރީގެ ނިގޫތައްފަދަ ހަންމުށިތައްވާ މީހުންނެވެ. އެހަންމުށިތަކުން މީސްތަކުންގެ ގައިގާ ތަޅާ އަނިޔާކޮށް ހަދައެވެ. އަނެއްބާވަތަކީ ފޭރާންލައިގެން އޮރިޔާންޙާލުގައި ތިބޭ އަންހެނުންނެވެ. އެކަނބަލުންގެ ފަރާތަށް ފިރިހެނުން ލެންބުމަށްޓަކައި ދެފަރާތަށް ލެނބެމުން ބޮޑާކަމާއެކު އެކަނބަލުން ހިނގައެވެ. އެކަނބަލުންގެ ބޮލުގެ އިސްތަށިގަނޑު ޖަމަލުގެ ގޮންގަޑުފަދައިން އުފުލާފައި ހުރެއެވެ. އެކަނބަލުންނަށް ސުވަރުގެ ނުވަދެވޭނެ އެވެ. އަދި ސުވަރުގޭގެ ވަސްވެސް ނުލިބޭނެއެވެ. ހަމަކަށަވަރުން ސުވަރުގޭގެ މީރުވަސް މިވެނިއެވެނި ދުރުހިސާބަށް ފެތުރިފައި ހުންނާނެއެވެ. އެހެންރިވާޔަތެއް ގައި ވެއެވެ. ހަމަކަށަވަރުން އެސުވަރުގޭގެ މީރުވަސް ފައްސަތޭކަ އަހަރުގެ ދުރުމިނަށް ފެތުރިފައި ހުންނާނެއެވެ.
ދެންފަހެ ފަޤީރުކަމާއި ހޫނުގަދަކަންފަދަ ކަންތައްތައް މެދުވެރިކޮށްގެން މާތް ﷲގެ ޙުކުމްފުޅުތަކަށް މީސްތަކުން އެއްކިބާކުރުމަށް މަސައްކަތް ކުރުމަކީ ކަނޑައެޅިގެން ހުރި މުނާފިޤުންގެ ޢަމަލެކެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.
فَرِحَ الْمُخَلَّفُونَ بِمَقْعَدِهِمْ خِلَافَ رَسُولِ اللَّهِ وَكَرِهُوا أَنْ يُجَاهِدُوا بِأَمْوَالِهِمْ وَأَنْفُسِهِمْ فِي سَبِيلِ اللَّهِ وَقَالُوا لَا تَنْفِرُوا فِي الْحَرِّ ۗ قُلْ نَارُ جَهَنَّمَ أَشَدُّ حَرًّا ۚ لَوْ كَانُوا يَفْقَهُونَ މާނައަކީ: ﷲ ގެ ރަސޫލުގެ ފަހަތްޕުޅަށް ދޫކުރެވުނުމީހުން (އެބަހީ ތަބޫކު ހަނގުރާމައަށް ނުނިކުމެތިބި މުނާފިޤުން އެބައިމީހުން ހަނގުރާމައަށް ނުގޮސްތިބި ތިބުމާމެދު އުފާކުޅައެވެ. އަދި ﷲގެ މަގުގައި އެމީހުންގެ މުދާތަކާއި ފުރާނަތަކުން ޖިހާދު ކުޅައުމަށް އެބައިމީހުން ނުރުހުންވިއެވެ. އަދި އެބައިމީހުން ބުންޏެވެ. ހޫނުގެތެރޭގައި ތިޔަބައިމީހުން ހަނގުރާމައަށް ނުނިކުންނާށެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ނަރަކައިގެ އަލިފާނުގެ ހޫނުކަން މާގަދަވެގެންވެއެވެ. އެބައިމީހުނަށް އެކަން ވިސްނޭ ނަމައެވެ.
ނިމުނީ
 
- މިއަދުނޫހުގެ ކިޔުންތެރިއަކު ޙިއްޞާކުރި ލިޔުމަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ