އާމިރުގެ 'ހެޕީ ޕަޓޭލް' އަންނަ މަހު ސިނަމާއަށް

އިންޑިއާގެ އެކްޓަރު އާމިރު ޚާންގެ އަމިއްލަ ފިލްމު ކުންފުނި އާމިރު ޚާން ޕްރޮޑަކްޝަންސްއިން ގެނެސްދޭ ފިލްމު "ހެޕީ ޕަޓޭލް: ހަތަރުނާކް ޖާސޫސް" އަންނަ މަހު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފިއެވެ. ކުރިއަށް އޮތް ޖަނަވަރީ މަހުގެ 16ގައި ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައިވާ މި ފިލްމަކީ އެކްޓަރު އަދި ސްޓޭންޑްއަޕް ކޮމީޑިއަން ވީރް ދާސް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި ފިލްމު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައިވަނީ އެކްޓަރު އާމިރު ޚާނާއި ވީރު ދާސް އެކީގައި ފެންނަ ޚާއްސަ ވީޑިއޯއަކުންނެވެ. މި ފިލްމަކީ މީގެ ކުރިން ވެސް އާމިރާ އެކު މަސައްކަތްކޮށްފައިވާ އެކްޓަރު ވީރު އަލަށް ޑައިރެކްޓްކުރާ ފުރަތަމަ ފިލްމެވެ. ވީރު އެންމެ ފުރަތަމަ އާމިރުއާ އެކު މަސައްކަތްކޮށްފައިވަނީ 2011 ވަނަ އަހަރު ގެނެސްދިން އެކްޝަން ކޮމެޑީ ފިލްމު "ދެއްލީ ބެއްލީ"ގައެވެ. އިމްރާން ޚާން، އާމިރު ޚާން އަދި ވީރު ދާސް--ފޮޓޯ/ފޭސްބުކް މި ފިލްމުން އާމިރު ޚާންއަށް ބޮޑު ބޭބެކިޔާ އިމްރާން ޚާންގެ ވެސް ޚާއްސަ ފެނިލުމެއް ބެލުންތެރިންނަށް ދައްކާލާނެ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. މިއީ އިމްރާން ދިގު މުއްދަތަކަށް ފިލްމީ މަސައްކަތްތަކާ ދުރުގައި އުޅުމަށް ފަހު އެނބުރި ފިލްމު އިންޑަސްޓްރީއާ ގުޅޭނެކަން އިއުލާނުކުރިފަހުން އެކްޓަރު ފެންނާނެ ފުރަތަމަ ފިލްމެވެ. "ހެޕީ ޕަޓޭލް: ހަތަރުނާކް ޖާސޫސް"ގެ ކާސްޓުންގެތެރޭ ހިމެނޭ އިތުރު ތަރިންގެތެރޭ މޯނާ ސިންގް، ޝާރިބް ހާޝިމީ އަދި މިތިލާ ޕަލްކަރު ހިމެނެއެވެ. އާމިރުގެ އަމިއްލަ ފިލްމު ކުންފުނިން އަންނަ އަހަރު ގެނެސްދޭނެ އިތުރު ފިލްމުތަކުގެ ތެރޭ ސަނީ ޑިއޯލް އާއި ޕްރިތީ ޒިންމާ މުހިއްމު ރޯލްއިން ފެންނާނެ ފިލްމު "ލާހޯރު 1947" ހިމެނެއެވެ. އާމިރު ޕްރޮޑިއުސްކުރުމަށް ހަވާލުވެފައިހުރި ފިލްމުތަކުގެ މަސައްކަތް ނިމުނުހާ އަވަހަކަށް އެނބުރި އެކްޓިންގްއަށް ނުކުންނަން ތައްޔާރުވާނެކަން އެކްޓަރު ވަނީ އިއުލާނުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ