ހަސީނާގެ ދަރިކަނބަލުންގެ ތައުލީމީ ސެޓްފިކެޓްތައް އޮޅުވައިލައިފައިވާ ކަމުގެ ތުހުމަތު

ވެރިކަމުން ދުރުކޮށްފައިވާ ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަނބަލުން އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ސައުތު-އީސްޓް އޭޝިއާ އޮފީހުގެ ރީޖަނަލް ޑިރެކްޓަރު ސައިމާ ވަޒީދު، ރީޖަނަލް ޑިރެކްޓަޝިޕްގެ ކެމްޕޭންގައި އޭނާގެ ތައުލީމީ ސެޓްފިކެޓްތައް އޮޅުވާލާފައިވާކަމަށް އެ ގައުމުގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތުހުމަތުކޮށްފިއެވެ. އޭގެ ތެރޭގައި ބަންގްލަދޭޝްގެ ބަންގާބަންދު ޝައިޚް މުޖީބް މެޑިކަލް ޔުނިވާސިޓީން ދީފައިވާ ޝަރަފުވެރިކަން ވެސް ހިމެނެއެވެ. އެ މައްސަލައާ ގުޅިގެން ޑަބްލިޔުއެޗްއޯ އިން ވަނީ ވަޒީދު މުއްދަތެއް ނެތް ގޮތަށް މަގާމުން ސަސްޕެންޑުކޮށްފައެވެ. ޑަބްލިޔުއެޗްއޯ އިން އެގޮތަށް ނިންމިއިރު، އޭސީސީ އިން ވަޒީދުގެ މައްޗަށް ރަސްމީކޮށް ދައުވާ އުފުލާފައިވާތާ، ހަތަރު މަސް ވެއްޖެއެވެ. ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސަސް މުވައްޒަފުންނަށް ފޮނުވި އީމެއިލްއެއްގައި ވަނީ ވަޒީދު ސަސްޕެންޑުކޮށްފައިވާކަން އަންގާފައެވެ. އެ ނިންމުމާ ގުޅިގެން އިންތިގާލީ ސަރުކާރުގެ ލީޑަރު މުހައްމަދު ޔޫނުސްގެ ތަރުޖަމާނަކު ވަނީ މަރުހަބާ ވެސް ކިޔާފައެވެ. އޭނާގެ ރަސްމީ މަގާމު ބޭނުންކޮށްގެން އެކި ބޭންކުތަކުން ގާތްގަނޑަކަށް 2.8 މިލިއަން ޑޮލަރު ކުރިން އޭނާ އިސްކޮށް އުޅުނު ޝުޗޯނާ ފައުންޑޭޝަނަށް ޓްރާންސްފަކުރި ކަމުގެ ތުހުމަތު ވެސް ވަޒީދުގެ މައްޗަށް ކޮށްފައިވެއެވެ. އޮފިޝަލުން ބުނާ ގޮތުގައި ފާއިތުވި މަސްތަކުގައި ބަންގްލަދޭޝްގެ އޮފީހަށް ވަޒީދު ނުނިކުމެއެވެ. ކޮރަޕްޝަންގެ އެތައް މައްސަލައަކާ ގުޅިގެން އޭނާ އާއި އޭނާގެ މަންމަ އަދި އާއިލާގެ އެހެން މީހުން ހައްޔަރު ކުރުމުގެ އަމުރު ނެރެފައިވާތީ، އޭނާ ކަމާބެހޭ ފަރާތްތަކަށް ފިލަނީ ކަމަށް ވެސް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. ޑަބްލިޔުއެޗްއޯގެ ސައުތު-އީސްޓް އޭޝިއާ ރީޖަނަލް އޮފީސް (ސީއާރޯ) ގައި 11 މެމްބަރު ގައުމު ހިމެނޭއިރު، ސަރަހައްދުގައި އާންމު ސިއްހަތުގެ ސްޓްރެޓެޖީތައް ތަންފީޒުކުރުމުގައި މުހިންމު ދައުރެއް އަދާކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ