މި ސަރުކާރުގެ ކުރީކޮޅު އިންޑިއާއަށް ފުރައްސާރަ ކުރި މައްސަލައިގައި އަށް މަސްދުވަހު ސަސްޕެންޝަނުގައި ތިބެ މުސާރަ ނެގުމަށްފަހު އިސްތިއުފާ ދިން މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފުއަށް ސޯޝަލްމީޑިއާގައި ފާޑުކީ މުވައްޒަފަކު ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ވަޒީފާއިން ކަނޑާލައިފި އެވެ.
ޕީއެސްއެމްގެ ވަޒީފާއިން ވަކިކުރީ އެ މީޑިއާގައި ފޮޓޯގްރާފަރެއްގެ ވަޒީފާގައި އަދާ ކުރަމުންދިޔަ ރާއިފް ޔޫސުފް އެވެ. ވަޒީފާއިން ވަކިކުރިކަން އަންގައި ރާއިފްއަށް މިއަދު ދިން ލިޔުމުގައި ބުނެފައި ވަނީ އޭނާ ވަޒީފާއިން ވަކިކުރީ ޕްރޮބޭޝަން ފުރިހަމަ ނުވާތީ ކަމަށެވެ.
އެކަމަކު މި ނޫހާ ވާހަކަ ދައްކަމުން ރާއިފް ބުނީ އޭނާ ވަޒީފާއިން ކަނޑައިލީ ސޯޝަލް މީޑިއާގައި މަލްޝާ އާއި ޝިއުނާއަށް ފާޑުކިޔުމުން ކަމަށެވެ. ނަމަވެސް ވަޒީފާއިން ކަނޑާލަން ދިން ލިޔުމުގައި ބުނެފައި ވަނީ އޭނާ ވަޒީފާއިން ކަނޑާލީ އޮފީހަށް ހާޒިރުނުވާތީ ކަމަށް ޕީއެސްއެމް އިން އަންގާފައިވާ ކަމަށް ރާއިފް ބުންޏެވެ.
"އަޅުގަނޑު ބުނިން ވަޒީފާއަށް ބަރާބަރަށް ހާޒިރުވެފައޭ ހުންނާނީ، ބުނީމަ [އެޗްއާރުން] ބުނީ އާނ އެކޭ ވަޒީފާއަށް ހާޒިރުވެފަ ހުރި ކަމަށޭ ރިކޯޑްސް ދައްކަނީ، އެކަމަކު މަސައްކަތް ނުކުރާ ކަމަށް ނިއުސް ރޫމުން ބުނީމައޭ ވަޒީފާއިން ވަކިކުރީ، ދެން ބުނީ ޕްރޮބޭޝަންގައި ހުރީމައޭ އެހާ ފަސޭހައިން ވަޒީފާއިން ވަކި ކުރެވެނީ،" ރާއިފް ބުންޏެވެ.
"އަޅުގަނޑު ބުނިން އަސްލު ސަބަބަކީ އެ ކޮމެންޓު ކުރުމޭ، އޭގެ ފަހުން އަނގަބަހުން ނަސޭހަތް ދީފައި، ދެން އިތުރު ކަމެއް ހިނގީއެއް ވެސް ނޫނެއްނުންހެއްޔޭ."
ރާއިފް ކޮމެންޓު ކުރީ "ހަނގުރާމަ އަށްވުރެ އެމްޑީޕީއާ ހެދި ގައުމަށް ލިބޭ ގެއްލުން ބޮޑު: ފަލާހު" މި ސުރުހީގެ ދަށުން ފޭސްބުކްގައި ސަން އޮންލައިން އިން ޝާއިއު ކޮށްފައިވާ ހަބަރަކަށެވެ. ރާއިފްގެ ކޮމެންޓުގައި އަހާފައި ވަނީ އިންޑިއާ އާ ޖައްސާލައި މަލްޝާ އާއި ޝިއުނާ ކުރި ކަންތައްތަކުން ޓޫރިޒަމްއަށް ލިބުނު ގެއްލުން ކުޑަތޯ އެވެ.
"ޝިއުނާ އާއި މަލްޝާ އިންޑިއާ އާ ޖައްސާލައި ސޯޝަލްމީޑިއާގައި ކުރި ކަންތަކުން ގައުމުގެ ޓޫރިޒަމްއަށް ލިބުނު ގެއްލުން ކުޑަތޯ؟ ހަމަ އަހާލީ،" ރާއިފް ކުރި ކޮމެންޓުގައި ލިޔެފައިވެ އެވެ.
ރާއިފް އެޗްއާރްއަށް ހާޒިރު ކުރި އިރު އޭނާ ކުރި ކޮމެންޓް ޕްރިންޓުކޮށްގެން ޕީއެސްއެމް އިން އޭނާއަށް ދައްކަނީ: ޕީއެސްއެމް އިން ބުނީ ރާއިފް ވަޒީފާއިން ވަކި ކުރީ އެހެން ސަބަބަކާ ހެދި ކަމަށް -- ފޮޓޯ: ރާއިފް
ރާއިފް ބުނީ އެ ކޮމެންޓު ކުރި ދުވަހު އޭނާ ނިދާފައި އޮއްވައި ޕީއެސްއެމް ނިއުސް ރޫމްގެ އިސް ދެ ވެރިޔަކު އޭނާއަށް ގުޅި ކަމަށެވެ. ނަމަވެސް ނިދާފައި އޮތުމުން އެ ދެ މީހުންގެ ކޯލަށް ވެސް ޖަވާބު ނުދެވުނު ކަމަށް ރާއިފް ބުންޏެވެ.
"ދެން އަޅުގަނޑު ހޭލާފައި ގުޅީ [އެތަނުން އެކަކަށް]، ގުޅީމަ ބުނީ ކޮން ޓްވީޓެއް ހެއްޔޯ ކޮށްގެން ތިއުޅެނީ، ބުނީމަ އަޅުގަނޑު ބުނިން ޓްވިޓާއަކު ނޫޅެމޭ، ބުނީމަ ބުނީ ފަލާހުގެ ކޮންމެވެސް އެއްޗަކަށް ކޮމެންޓު ކުރިންހޭ، ބުނީމަ އަޅުގަނޑު ބުނިން އާނ އެކޭ، އެކަމަކު މީހަކު ރުޅި އަންނަވަރުގެ ވާހަކައެއް ނުދައްކަމޭ،" ރާއިފް ބުންޏެވެ.
އެ ކޮމެންޓު ކުރުމުން ޕީއެސްއެމް ނިއުސް ރޫމްގެ އިސްވެރިންގެ ހިތްހަމަނުޖެހުން ހުރިކަން އެނގުމުން އެ ކޮމެންޓު ވެސް ޑިލީޓު ކޮށްލި ކަމަށް ރާއިފް ބުންޏެވެ.
އެއަށްފަހު ޖެހިގެން އައި ދެ ދުވަހު ވެސް ވަޒީފާއަށް ނުކުމެ އާންމު ޑިއުޓީގައި މަސައްކަތް ކުރި ކަމަށް ރާއިފް ބުންޏެވެ. ނަމަވެސް ދެވަނައަށްވީ ދުވަހު އަނެއްކާ ވެސް ޕީއެސްއެމްގެ ވެރިއެއްގެ ފޯނު ކޯލެއް ލިބުނު ކަމަށް އޭނާ ބުންޏެވެ.
"ގުޅާފައި ބުނީ އެޗްއާރުން އެބައުޅެޔޭ ނުގުޅިގެން، އަހަރެން ބުނިން އެމީހުން ނުގުޅަޔޭ އަހަންނަކަށް، އެހެން ބުނީމަ ބުނީ އޯކޭއޭ،" ރާއިފް ބުންޏެވެ.
އެނާ ބުނީ ފޭސްބުކްގައި ކޮމެންޓު ކުރިތާ ތިންވަނައަށްވީ ދުވަހު ޕީއެސްއެމްގެ ހިއުމަން ރިސޯސަސް ޑިޕާޓުމެންޓުން ގުޅައި ޖެހިގެން އަންނަ ދުވަހު އެ ޑިޕާޓުމެންޓަށް ހާޒިރުވާން އެންގި ކަމަށެވެ.
އެޗްއާރަށް ދިޔުމުން ސަން އޮންލައިންގެ ހަބަރަށް ކޮށްފައި އޮތް ކޮމެންޓާ ގުޅޭ ގޮތުން ސުވާލު ކުރި ކަމަށާއި އެ ކުންފުނީގެ މުވައްޒަފުންނަށް ސޯޝަލްމީޑިއާގައި ސިޔާސީ ހިޔާލު ފާޅު ނުކުރެވޭނެ ކަމަށް އެޗްއާރުން އެންގި ކަމަށް ރާއިފް ބުންޏެވެ.
"ދިޔައީމަ ބުނީ މިތަނުގެ ވަޒީފާގެ އެއްބަސްވުމުގައި ވެސް އޮންނާނެޔޭ ސޯޝަލްމީޑިއާގައި ސިޔާސީ ވާހަކަ ނުދެއްކޭނެ ކަމަށް. އަޅުގަނޑު ބުނިން އެއީ ސިޔާސީ ވެގެން ލިޔުނު ކޮމެންޓެއް ނޫނޭ، ބުނީމަ އެމީހުން ބުނީ އެ ކޮމެންޓުން ދޭހަވަނީ ތިއީ އެމްޑީޕީ މީހެއް ކަމަށޭ، އެމީހުން އޮތީ އެ ކޮމެންޓު ކޮޕީ ވެސް ނަގާފައި،" ރާއިފް ބުންޏެވެ.
އޭނާ ބުނީ އެ ދުވަހު ޕީއެސްއެމްގެ އެޗްއާރުން އިންޒާރު ދިނީ އަނގަބަހުން ކަމަށެވެ. އެއަށްފަހު ދެން އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް ބުނެ ނަސޭހަތްތެރިވި ކަމަށް ރާއިފް ބުންޏެވެ.
"ބުނީ މިއީ އަނގަބަހުން ދޭ ނަސޭހަތެކޭ، ދެން އެކަހަލަ ކަމެއް ތަކުރާރު ވެއްޖެއްޔާ ލިޔުމުން ނަސޭހަތް ދީފަ ދެން ވެސް ތަކުރާރު ކޮށްފިއްޔާ އިންޒާރު ދީފަ، ދެން ވަަޒީފާއިން ކަނޑާލާނެއޭ،" ރާއިފް ބުންޏެވެ.
ރާއިފް ބުނީ އެ މުއްދަތުގެ ތެރޭގައި، ދީނީ އިލްމު ފެތުރުމުގެ މަސައްކަތުގައި އުޅޭ، އަލީ ރަމީޒްގެ ފޭސްބުކް ޕޭޖުން ކޮށްފައި އޮތް ޕޯސްޓަކަށް އިންޝާالله ޖަހާފައި އޭނާ ކޮމެންޓު ކުރި މައްސަލަ ވެސް ޕީއެސްއެމްގެ އިސްވެރިންގެ ތެރޭގައި ހިލުނު ކަމަށެވެ.
"އަލީ ރަމީޒްގެ ޕޯސްޓެއްގައި އޮންނަނީ ކޮންމެ ކަމަކަށް ވެސް ނިމުން އަންނާނެޔޭ، ދެން އެ ޕޯސްޓަށް އަޅުގަނޑު ކޮމެންޓު ކުރީ އިންޝާالله ޖަހާފައި، އެއީ ވެސް ސިޔާސީ ކަމެއްގެ ގޮތުގައި އެ މީހުން ބެލީ،" ރާއިފް ބުންޏެވެ.
ނަމަވެސް އެކަމާ ގުޅިގެން އެޗްއާރުން ސުވާލު ކޮށްފައި ނުވާ ކަމަށް ރާއިފް ބުންޏެވެ.
މިކަމާ ގުޅޭ ގޮތުން ޕީއެސްއެމްގެ ނިއުސް ރޫމްގެ އިސްވެރިއަކާ ސުވާލު ކުރުމުން ވިދާޅުވީ، ރާއިފް ވަޒީފާއިން ދޫކޮށްލި ސީދާ ސަބަބު އެނގޭނީ އެޗްއާރަށް ކަމަށެވެ. ނަމަވެސް ދެތިން ދުވަހެއްގައި ވަޒީފާއަށް އޭނާ ހާޒިރު ނުވިކަމުގެ ޝަކުވާތަކެއް ހުރި ކަމަށާއި އެ ދުވަސްތަކުގައި ރާއިފް ފޯނަށް ވެސް ޖަވާބު ދީފައި ނުވާ ކަމުގެ ޝަކުވާ ލިބުނު ކަމަށެވެ.
މަލްޝާ އާއި ޝިއުނާއަށް ސޯޝަލް މީޑިއާގައި ފާޑުކިޔުމުން ޕީއެސްއެމްގެ މުވައްޒަފަކު ވަޒީފާއިން ކަނޑާލައިފި މަލްޝާ އާއި ޝިއުނާއަށް ސޯޝަލް މީޑިއާގައި ފާޑުކިޔުމުން ޕީއެސްއެމްގެ މުވައްޒަފަކު ވަޒީފާއިން ކަނޑާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ