ޑި ބްރޭނާ އަށް ލިވަޕޫލްގައި ގިނަ މެޗު ކުޅެވޭނެ ކަމުގެ ޔަގީންކަމެއް ނުލިބުނު ޑި ބްރޭނާ އަށް ލިވަޕޫލްގައި ގިނަ މެޗު ކުޅެވޭނެ ކަމުގެ ޔަގީންކަމެއް ނުލިބުނު

ނޭޕްލްސް (ޖޫން 25) - އިޓަލީގެ ޗެމްޕިއަން، ނަޕޯލީ އަށް ބެލްުޖިއަމްގެ ގައުމީ ޓީމުގެ ތަރި، ކެވިން ޑި ބްރޭނާ ސޮއިކުރުމުގެ ކުރިން ލިވަޕޫލާ އެކު މަޝްވަރާތަކެއް ކުރިއަށްގެންދިޔަ ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
މެންޗެސްޓާ ސިޓީ އަށް 10 އަހަރު ކުޅެދިން ޑި ބްރޭނާ، 33، ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް ހޯދީ އެ ޓީމާ އެކު އެވެ. ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ނަޕޯލީއާ އެކު ސޮއިކުރުމުގެ ކުރިން، ސިޓީގެ އެންމެ ވާދަވެރި ލިވަޕޫލާ އެކު، ޑި ބްރޭނާ ވަނީ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފަ އެވެ.
އެ ގޮތުން، ލިވަޕޫލާ އެކު، ޑި ބްރޭނާ ކުރިއަށްގެންދިޔަ މަޝްވަރާތަކުގައި، ކެރިއަރުގައި މިހާރު އޭނާގެ ވިސްނުން ހުރީ ފިޓްކޮށް ހުންނަ މުއްދަތުގައި ގިނަ މެޗުތަކުގައި ކުޅެ، ވަކި ވަރަކަށް މެޗުތައް ލިބޭ ކޮންޓްރެކްޓެއް ހެދުމަށް ކަމަށްވާތީވެ، ލިވަޕޫލުން އެ ޑީލްގެ ކަންކަން ހުއްޓައިލީ އެވެ. އެއީ، ލިވަޕޫލްގެ ވިސްނުން ހުރީ ޑި ބްރޭނާ، އެންމެ ބޭނުންތެރި މެޗުތަކުގައި ކުޅުވާ ގޮތަށް ކުރު ކޮންޓްރެކްޓެއް ދިނުމަށް ކަމަށްވާއިރު، އެ ގޮތަށް އެކަން ކުރިއަށްދާން ނެތުމުންނެވެ.
ސައުދީ ޕްރޮފެޝަނަލް ލީގުގެ ޓިމުތަކާއި އެމެރިކާ ލީގު މޭޖަ ލީގު ސޮކާ (އެމްއެލްއެސް)ގެ އިންޓަ މިއާމީން ވެސް ޑި ބްރޭނާގެ ސޮއި ހޯދަން ޕްރޮޕޯސަލްތައް ހުށަހެޅި އެވެ. އެކަމަކު، އެންޓޯނިއޯ ކޮންޓޭގެ ކޯޗުކަމުގައި ކުޅޭ ނަޕޯލީން ލިބުނު އޮފާ ބަލައިގަނެ، ޑި ބްރޭނާ އެ ޓީމަށް ސޮއިކުރީ އެވެ.
ކެވިން ޑި ބްރޭނާގެ ބައްޕަ، ހާވިގް ބުނީ، ޑި ބްރޭނާ، ނަޕޯލީ އަށް ސޮއިކުރީ އަދިވެސް އެންމެ މަތީ ފަންތީގައި ކުޅެން ބޭނުންވާތީ ކަމަށެވެ.
ކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީ އަށް ވެސް ކުޅުނު ޑި ބްރޭނާ، ޖަރުމަނުގެ ކުލަބް، ވުލްފްސްބާގް ދޫކޮށް 2015 ވަނަ އަހަރު ސިޓީ އަށް ބަދަލުވީ 63 މިލިއަން ޑޮލަރަށެވެ. ސިޓީއާ އެކު ޑި ބްރޭނާ ގިނަ ކާމިޔާބީތަކެއް ހޯދާފައިވެ އެވެ.
ސިޓީގައި މޮޅު ކުޅުމެއް ދައްކައި، ޖުމްލަ އެކު، 14 ޓްރޮފީ، އެ ޓީމަށް ހޯދަައިދިން ޑި ބްރޭނާ އިންޑިވިޖުއަލް ގިނަ ޓްރޮފީތަކެއް ވެސް ސިޓީގައި ހުރެ ހޯދި އެވެ. އަދި، ޑި ބްރޭނާ ސިޓީއާ އެކު ހޯދި އެންމެ ބޮޑު ކާމިޔާބީ އަކީ، 2023 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ