'ޕަތީ ޕަތުނީ އޯރް ވޯ 2'ގެ ބަތަލާއިންނަކީ ސާރާ އާއި ވަމީގާ

އެކްޓަރު ކާތިކް އާރްޔަން މުހިއްމު ރޯލް ކުޅުނު 2019 ވަނަ އަހަރުގެ ފިލްމު "ޕަތީ ޕަތުނީ އޯރް ވޯ"ގެ ސީކުއަލްގެ ބަތަލާއިންނަކީ ސާރާ އަލީ ޚާން އާއި ވަމީގާ ގައްބީ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ފިލްމު "ޖުބިލީ" އަދި "ބޭބީ ޖޯން"އިން ބޮޑު މަގުބޫލުކަމެއް ހޯދި ޕަންޖާބު ބަތަލާ ވަމީގާ ގައްބީ ފިލްމު "ޕަތީ ޕަތުނީ އޯރް ވޯ 2"ގެ ކާސްޓަށް ގެނެވެނުއިރު ސާރާ ވަނީ މާކުރިން މި ފިލްމަށް ސޮއިކޮށްފައި ކަމަށް ޕީޕިންގްމޫންގައި ވަނީ ބުނެފައެވެ. ޑައިރެކްޓަރު މުއްދައްސަރު އަޒީޒުގެ ފިލްމު "ޕަތީ ޕަތުނީ އޯރް ވޯ"އަކީ ޓީ-ސީރީސް އާއި ބީއާރް ސްޓޫޑިއޯސް ގުޅިގެން ގެނެސްދިން ފިލްމެކެވެ. އެ ފިލްމުގައި ލީޑް ރޯލްއިން ކާތިކް އާރްޔަން ފެނުނުއިރު ދެވަނަ ފިލްމުގެ ކާސްޓަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެވިފައެވެ. ފިލްމު "ޕަތީ ޕަތުނީ އޯރް ވޯ"ގެ ޕޯސްޓަރެއް--ފޮޓޯ/މިޑް-ޑޭ އެގޮތުން ފުރަތަމަ ފިލްމުން ކާތިކްއާ އެކު ބަތަލާއިންގެ ގޮތުގައި ފެނިފައި ވަނީ އަނަނިޔާ ޕާންޑޭ އަދި ބޫމީ ޕެޑްނެކާރުއެވެ. ވަރަށް އާދައިގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބުނުއިރު މި ފިލްމުގެ ދެވަނަ ބަޔަކަށް ބެލުންތެރިން ދިޔައީ އިންތިޒާރު ކުރަމުންނެވެ. ކައިވެންޏެއްކޮށްގެން ހުރި ނަމަވެސް ކައިވެނި ބޭރުން ހިންގާ ލޯބީގެ ގުޅުމުގެ ސަބަބުން ދިރިއުޅުމަށް އަންނަ ހަމަނުޖެހުންތަކާ އެކު ހެއްވާ މަޖާ ގިނަ ހާދިސާތަކެއް ފުރަތަމަ ފިލްމުގައި ގެނެސްދިންއިރު މި ސީރީސްގެ ދެވަނަ ފިލްމުގައި ގެނެސްދޭނީ އަނެއްކާވެސް މުޅިން ތަފާތު ހާދިސާއެއް ކަމަށް ޑައިރެކްޓަރު މުދައްސަރު ވަނީ ބުނެފައެވެ. މި ފިލްމުގެ މަސައްކަތް ކުރިއަށް އޮތް އޮގަސްޓް މަހު ފެށުމަށް ނިންމާފައިވާއިރު ދެ މަސް ދުވަހުގެ ތެރޭ ފިލްމުގެ ޝެޑިއުލް ނިންމާލަން ރާވާފައިވާ ކަމަށް ޕީޕިންގްމޫންގައި ވަނީ ބުނެފައެވެ. މި ފިލްމުގެ ލީޑް ރޯލް ކުޅޭ އެކްޓަރު އަޔުޝްމާން އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ 2023 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ޑްރީމް ގާލް 2"އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ