ދިވެހިރާއްޖޭގައި ދިރިއުޅޭ ދިވެހި ޒުވާނުންގެ 46 ޕަސެންޓު ދިރިއުޅެނީ ވެރި ރަށް މާލޭގައި ކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ސްޓެޓިސްޓިކްސް ބިއުރޯއިން ނެރުނު ހިސާބުތަކުން ދައްކާ ގޮތުގައި ދިވެހި ޒުވާނުންގެ ތެރެއިން 54،141 މީހުން ދިރިއުޅެނީ މާލޭގަ އެވެ. އެއީ ޒުވާނުންގެ އާބާދީގެ 46 ޕަސެންޓެވެ. މާލެ ނޫން ރަށްރަށުގައި ދިރިއުޅެނީ 62،935 ޒުވާނުންނެވެ.
މާލެ ފިޔަވައި އެންމެ ގިނައިން ދިވެހި ޒުވާނުން ދިރިއުޅެނީ ކ. އަތޮޅުގަ އެވެ. އެ އަތޮޅުގައި 8679 ޒުވާނުން އުޅެ އެވެ. ދެ ވަނައަށް އެންމެ ގިނައިން ޒުވާނުން ދިރިއުޅެނީ ރ. އަތޮޅުގަ އެވެ. އެއީ 5206 މީހުންނެވެ. އައްޑޫ އަތޮޅުގައި 5007 ޒުވާނުން ދިރިއުޅޭއިރު، ހދ. އަތޮޅުގައި ދިރިއުޅެނީ 5180 ޒުވާނުންނެވެ. އެންމެ މަދު ޒުވާނުން ދިރިއުޅެނީ ވ. އަތޮޅުގަ އެވެ. އެ އަތޮޅުގައި ދިރިއުޅެނީ އެންމެ 421 ޒުވާނުންނެވެ.
ސްޓެޓިސްޓިކްސް ބިއުރޯއިން ހާމަ ކުރި ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ދިރިއުޅެނީ 198،295 ޒުވާނުންނެވެ. ޒުވާނުން ކަމަށް ބަލަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނެވެ.
ހިސާބުތަކަށް ބަލާއިރު ރާއްޖޭގެ އުޅޭ ޒުވާނުންގެ ތެރެއިން ދިވެހިންގެ އަދަދަކީ 117،076 އެވެ. ޒުވާނުންގެ ތެރެއިން ބިދޭސީންގެ އަދަދަކީ 81،219 އެވެ. އެހެންކަމުން، ރާއްޖޭގައި ދިރިއުޅޭ ޒުވާނުންގެ ތެރެއިން 40.9 ޕަސެންޓު މީހުންނަކީ ބިދޭސީންނެވެ.
ދިވެހި ޒުވާނުންގެ ތެރެއިން ބޮޑީ ފިރިހެނުންގެ އާބާދީ އެވެ. ޒުވާނުންގެ ތެރެއިން 60،025 މީހުންނަކީ ފިރިހެނުންނެވެ. ޒުވާނުންގެ ތެރެއިން އަންހެނުންގެ އާބާދީއަކީ 57،051 އެވެ.
ހިސާބުތަކަށް ބަލާއިރު، ދިވެހި ޒުވާނުންގެ އާބާދީގެ ވަރަށް ބޮޑު ބަޔަކީ ވަޒީފާއެއް އަދާ ކުރާ މީހުންނެވެ. ޒުވާނުންގެ ތެރެއިން 70 ޕަސެންޓު މީހުން އުޅެނީ ވަޒީފާއެއްގަ އެވެ. ވަޒީފާއެއްގައި ނުއުޅެނީ އެންމެ ފަސް ޕަސެންޓު ޒުވާނުންނެވެ. އަދި ބާކީ 25 ޕަސެންޓު ޒުވާނުންނަކީ ލޭބާ ފޯހުން ބޭރުގައި، މަތީ ތައުލީމު ހާސިލު ކުރާ ނުވަތަ އެ ނޫން ވެސް ކަމެއް ކުރާ މީހުންނެވެ.
ޒުވާނުން ވަޒީފާ އަދާ ކުރާ ދާއިރާތަކަށް ބަލާއިރު، އެންމެ ގިނަ ޒުވާނުން އުޅެނީ އެކޮމޮޑޭޝަން އަދި ފުޑް ސާވިސް ދާއިރާގަ އެވެ. އެ ދާއިރާގައި 19 ޕަސެންޓު ޒުވާނުން މަސައްކަތް ކުރާއިރު، 16 ޕަސެންޓު ޒުވާނުން ޕަބްލިކް އެންޑިމިނިސްޓްރޭޝަން އަދި ޑިފެންސްގެ ދާއިރާގައި މަސައްކަތް ކުރެ އެވެ. ޒުވާނުން އެންމެ މަދުން އުޅެނީ ހިއުމަން ހެލްތު އެންޑް ސޯޝަލް ވޯކުގެ ދާއިރާގަ އެވެ. އެ ދާއިރާގައި މަސައްކަތް ކުރަނީ އެންމެ ހަތް ޕަސެންޓު ޒުވާނުންނެވެ.
ދިވެހި ޒުވާނުންގެ ތެރެއިން 46 ޕަސެންޓު މީހުން ދިރިއުޅެނީ ވެރި ރަށް މާލޭގައި ދިވެހި ޒުވާނުންގެ ތެރެއިން 46 ޕަސެންޓު މީހުން ދިރިއުޅެނީ ވެރި ރަށް މާލޭގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ