ވައުދުފުޅާ އެއްގޮތަށް މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި އާރްޓީއެލް ފަށައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މި ހިނގާ ޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް މިއަދު ފަށައިފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން "އެކްސް"ގައި މިއަދު ކުރި ޕޯސްޓެއްގައިވާ ގޮތުން، އާރުޓީއެލް ފެރީގެ ބ. އަތޮޅުގައި މިއަދު ފަށާފައިވާ ކަމަށާއި އެއާއެކު ބ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށް ވެސް ފެރީގެ ނިޒާމުން ގުޅާލެވިގެން ދާނެ ކަމަށެވެ. މީގެ ހަތަރު ދުވަސް ކުރިން މިނިސްޓްރީން ކުރި އިއުލާނެއްގައިވާ ގޮތުން، އެ އަތޮޅުގެ ރައްޔިތުންނަށް ފެރީގެ ޚިދުމަތްތަކާ އަހުލުވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން އަންނަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ހިލޭ ދަތުރުތައް ކުރިއަށްދާނެއެވެ. އެއަށް ފަހު އޮގަސްޓު މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ފެރީގެ ދަތުރުތައް ކުރިއަށް ގެންދާނީ ޓިކެޓް ވިއްކައިގެން ކަމަށާއި އޮގަސްޓު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އާރްޓީއެލް ވެބްސައިޓާއި މޯބައިލް އެޕް މެދުވެރިކޮށް ފަސޭހަކަމާ އެކު ޓިކެޓް ބުކްކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. https://x.com/mvspokesperson/status/1949699981604204763?s=12 ފާހަގަކުރެވޭ ގޮތުގައި، މި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފަށްޓަވައިދެއްވާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހުގެ 26 ވަނަ ދުވަހު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވެއެވެ. އާރުޓީއެލް ފެރީ ޚިދުމަތުގެ ނިޒާމުގެ ދަށުން ޅ. އަތޮޅާއި، ނ. އަތޮޅާއި، ރ. އަތޮޅުގައި ވެސް މިހާރު އެ ޚިދުމަތް އެބަދެއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، ބ. އަތޮޅުގައި އެ ޚިދުމަތް ފެށުމާއެކު ޒޯން ދޭއްގެ ޚިދުމަތް އެއްކޮށް ފުރިހަމަވީ ކަމަށާއި ކުރިއަށް އޮތް ތަނުގައި ޒޯން ދޭއްގައި ހިމެނޭ ހަތަރު އަތޮޅު ގުޅާލުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އާރުޓީއެލް ފެރީގެ ޚިދުމަތް ފޯރުކޮށްދެނީ އެމްޓީސީސީންނެވެ. އާރުޓީއެލް ފެރީގެ ޚިދުމަތް ފެށީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ ސަރުކާރުގައެވެ. އެ ސަރުކާރު ނިމުނުއިރު ރާއްޖޭގެ އަށް އަތޮޅަކަށް ވަނީ މި ޚިދުމަތް ދީފައެވެ. މި ޚިދުމަތް ދެނީ ތިން ފިޔަވައްސެއް ހިމެނޭ ގޮތަށް ހަ ސަރަހައްދަކަށް ބަހާލައިގެންނެވެ. މި ޚިދުމަތުގެ މަގުސަދަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާ އެކު، ކުޑަ އަގެއްގައި އަރާމުގައި ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެ ގޮތް މަގުފަހިކޮށްދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ