އެފްޑީސީ ފުލެޓު ހައްގުވެރިންގެ ތެރެއިން 2،665 މީހުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިންޑިޔާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ތަރައްގީކުރި 4،000 ހައުސިން ޔުނިޓުގެ ހައްގުވެރިންގެ ތެރެއިން 2،600 އަށްވުރެ ގިނަ މީހުންނާއެކު ފުލެޓު ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. 
އެފްޑީސީގެ މެނޭޖިން ޑިރެކްޓާ ޙަމްދާން ޝަކީލު "ވޮއިސް"އަށް މައުލޫމާތު ދެއްވި ގޮތުގައި އެ ހައުސިން ޔުނިޓުތައް ލިބުނު 4،000 މީހުންގެ ތެރެއިން 2،665 މީހުންނާއެކު މިހާރު އެއްބަސްވުން ގާއިމުކުރެެވިފައިވެއެވެ. މިނިވަންދުވަހުގެ ބަންދަށް އެއްބަސްވުންތަކުގައި ސޮއިކުރުން މެދުކަނޑައިލުމަށްފަހު އަންނަ އަންގާރަދުވަހު އަލުން ފަށާނެ ކަމުގައިވެސް ހަމްދާން ވިދާޅުވިއެވެ. 
ވެރިކަން ބަދަލުވެ މި ސަރުކާރު ހަވާލުވިއިރު އެ ހައުސިން ޔުނިޓުތަކުގެ ތެރެއިން އެންބީސީސީއާ ހަވާލުކޮށްގެން އަޅަމުން އައި 2،000 ޔުނިޓުގެ 38 އިންސައްތަ މަސައްކަތް ނިމިފައި ހުރިއިރު، ކޭޕީއެލްއާ ހަވާލުކޮށްގެން އަޅާ 2،000 ހައުސިން ޔުނިޓުގެ މަސައްކަތުން ނިމިފައި އޮތީ 45 އިންސައްތަަ މަސައްކަތެވެ. 
ހަމްދާން ވިދާޅުވި ގޮތުގައި ބާކީ ހުރި މަސައްކަތްތައް މި ސަރުކާރުން ނިންމައި ހައުސިން ޔުނިޓުތައް ހައްގުވެރިންނާ ހަވާލުކުރުމުގެ މަސައްކަތް ކުރެވޭ ހިސާބަށް މަޝްރޫއު ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވެއެވެ. 
ކުރިއާ ހިލާފަށް އެފްޑީސީ ޔުނިޓުތައް ހަވާލުކުރަނީ އެތަންތަނުގެ ކުލި ކުޑަކުރުމަށް ސަރުކާރުން ދޭ ސަބްސިޑީ ކުލި ދައްކާ މިންވަރަށް ބިނާވާ ގޮތަށެވެ. އެގޮތުން މަހުގެ ވަކި ތާރީހެއްގައި ކުލި ނުދައްކާ ފަރާތްތަކަށް ސަބްސިޑީގެ ގޮތުގައި ދޭ މިންވަރު އުނިކުރަމުން ގޮސް 26 ވަނަ ދުވަހާ ހަމައަށް ކުލި ނުދައްކައިފިނަމަ ސަބްސިޑީ އެކީގައި އުނިކުރާނެއެވެ. 
އެފްޑީސީން ބުނި ގޮތުގައި ސަބްސިޑީ އުނިކުރާ ގޮތަށް އަމަލުކުރަން ނިންމާފައިވަނީ އިޖުތިމާއީ ބޯހިޔާވަހިކަމަށް ކުލި ދެއްކުމަށް ހިތްވަރުދިނުމުގެ ގޮތުންނެވެ. އަދި ކުލި ދައްކާ ފަރާތްތަކަށް އިންސެންޓިވްއެއް ދިނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ