ވިލިނގިލީގެ ދެ ރޯހައުސެއްގެ މައްސަލައިގައި އަންހެނަކު ކައުންސިލް ކުރިމަތީ އޯށޯވެއޮވެ، އިހުތިޖާޖުކުރަނީ
ގއ. ވިލިނގިލީގެ ދެ ރޯހައުސަކަށް ކުރިމަތިލި މީހުންގެ ލިސްޓު ބާތިލުކޮށް، އަލުން އިއުލާނުކުރުމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް، އަންހެނަކު އެރަށު ކައުންސިލް ކުރިމަތީ އޮށޯވެ އޮވެގެން އިހުތިޖާޖު ކުރަން ފަށައިފިއެވެ. އެ ރަށުން 'ސަން'އާ ވާހަކަދެއްކި މީހަކު ބުނީ، ހެނދުނު 08:30އަށް ކައުންސިލަރުން ޑިއުޓީއަށް ދިޔައިރު ވެސް އެތަނުގައި އަންހެން މީހާ އޮތް ކަމަށެވެ. އޭނާ އޮތީ ކައުންސިލް އިދާރާއަށް ވަންނަ ދޮރު މަތީގައި ބެޑްޝީޓެއް އަޅައިގެން އޭގެ މަތީގައި ބާލީސް ބާއްވައި އޮށޯވެގެންނެވެ. އަވިން ސަލާމަތް ވާން ވެގެން އޭނާ އޮތީ ކުޑައެއް ވެސް ހިފައިގެންނެވެ. އެ މަންޒަރު ފެންނަ ވީޑިއޯއެއް ދައުރުވަމުން އަންނައިރު، އެތަނުގައި ފެންފުޅިއަކާ ބަނަސް އަޅާފައި އޮތް ކޮތަޅެއް އޮތް މަންޒަރު ފެނެއެވެ. އަދި، އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ. "ސަން" އަށް އެނގިފައިވާގޮތުގައި އިހުތިޖާޖު ކުރަމުން އަންނަ މީހަކީ އެ ރަށުގެ އަންހެނެކެވެ. އޭނާއަކީ ޚާއްސަ އެހީއަށް ބޭނުންވާ ދަރިންތަކެއް ތިބި އަންހެނެކެވެ. ޅައިރު މަންމަ މަރުވެފައިވާ އެ އަންހެން މީހާ މިހާރު ދިރިއުޅެނީ އޭނާގެ ދޮން މަންމަގެ ގޭގައެވެ. ރޯ ހައުސް ދޭނެ ކަމަށް ލިސްޓްގައި އޮތުމުން އޭނާއަށް އެ ރަށުން ލިބުނު ގޯތި ވެސް ވަނީ ދޫކޮށްލައިފައެވެ. "މިއަދު ހެނދުނު ހަމަ މުވައްޒަފުން އޮފީހަށް ދިޔައިރު، އޭނާ ދޮރާށި މަތީގައި ބެޑުޝީޓު އަޅައިގެން ބާލިސްތަކާ އެއްޗެހި ގެނެސްގެން ހަމަ އެ އޮންނަނީ އެތަނުގައި. ގާތްގަނޑަކަށް ހީވަނީ 07:30ގައި އޭނާ އައިސްފިހެން," އެމީހާ ބުންޏެވެ. ވިލިނގިލިން ވާހަކަދެއްކި މީހާ އިތުރަށް ބުނި ގޮތުގައި، އެ ރޯހައުސްތައް ބެލުމަށް ވިލިނގިލީ ކައުންސިލްގެ ކުރީގެ ދައުރުގައި އިއުލާނުކުރުމުން އެންޓިކޮރަޕްޝަން ކޮމިޝަނަށް އެ މައްސަލަ ދިޔަ ކަމަށެވެ. އެ ރޯހައުސްތައް ނުދީ، އޭސީސީން ހުއްޓުވީ ރައްޔިތުންގެ ޝަކުވާތަކެއް އެ ކޮމިޝަނަށް ގޮސްގެން ކަމަށް އެ މީހާ ބުންޏެވެ. 'ސަން'އަށް އެނގިފައިވާ ގޮތުގައި، މި ދައުރަށް ކައުންސިލަރުން ހޮވުމާއެކު، އެ ރޯހައުސްތަކުގެ ކަންކަން އިއުލާނުކޮށްގެން ކުރިއަށް ގެންދަން ހައުސިން މިނިސްޓްރީގައި ކައުންސިލުން ވަނީ ހުއްދައަށް އެދިފައެވެ. ނަމަވެސް މިހާތަނަށް އެ ހުއްދަ ދީފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ