މަސްތުވާތަކެއްޗާއި ހަށިވިއްކުން އިޝްތިހާރުކުރާ 'ޖަޒީރާ' ޓެލެގްރާމް ޗެނަލްގެ އިސް މީހެއް 4 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

ޓެލެގްރާމްގައި 'ޖަޒީރާ'ގެ ނަމުގައި ނެޓްވޯކެއް ހަދައިގެން އެކި ޒާތުގެ ބޮޑެތި ކުށްތައް ހިންގަމުން ދަނިކޮށް އަތުލައިގަތް އެ ޗެނަލްގެ އިސް މީހަކު ހަތަރު އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މި މަހު ހުކުމްކޮށްފި އެވެ.
ވީކިހިނެއް؟ - ހަތަރު އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވަނީ ދައުވާކުރި ތިން މީހުންގެ ތެރެއިން އިބްރާހިމް ރަޝީދު، ދަފްތަރު ނަންބަރު ރސ 12966، އެވެ.
މި ވަގުތު ކްރިމިނަލް ކޯޓުގެ ވެބްސައިޓުގައި އަލީ ރަޝީދުގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރެއިން ދެ ދައުވާއެއްގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ލާފައިވެ އެވެ. އެއީ:
މަނީ ލޯންޑަރިންގެ ދައުވާ
އެހެން މީހަކު ހަށިވިއްކައިގެން ލިބޭ އާމްދަނީ އެނގިހުރެ އެ އާމްދަނީ ބޭނުންކުރުމުގެ ދައުވާ
ތަފްސީލް - ކްރިމިނަލް ކޯޓުން މި މަހުގެ 16 ވަނަ ދުވަހު ކުރި ދެ ހުކުމުން އެނގޭ ގޮތުގައި އިބްރާހީމް ރަޝީދު ވަނީ އެ ދެ ދައުވާގައި ބުނާ ކުށަށް އެއްބަސްވެފަ އެވެ. އަދި ދައުލަތާ އެކު ކުށުގެ އިއުތިރާފު އެއްބަސްވުމެއް ވަނީ ހަދައިފަ އެވެ.
އެހެންވެ ދައުލަތާއެކު ހަދާފައިވާ އެއްބަސްވުންތަކަށް ރިއާޔަތްކޮށް ކޯޓުން ހުކުމްކުރީ:
މަނީ ލޯންޑަރިންގެ ދައުވާއަށް 2 އަހަރާއި 6 މަސް އަދި އަނެއް ދައުވާއަށް 1 އަހަރާއި 6 މަސް؛ ޖުމުލަ 4 އަހަރުގެ ޖަލު ހުކުމެއް
މި މައްސަލަތަކުގައި އޭނާ މިހާތަނަށް ޖަލުގައި ހޭދަކުރި ދުވަސްތައް އުނިކުރުމުން ހުކުމުން ތަންފީޒުކުރަން ޖެހެނީ 2 އަހަރާއި 8 މަހާއި 13 ދުވަސް
މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވުމުން 463،637.61ރ.ގެ ޖޫރިމަނާއެއް 60 ދުވަސް (ދެ މަސް) ތެރޭގައި ދެއްކުމަށް 
އެނގުން މުހިންމު - މީގެ ކުރިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފައިވާ ގޮތުގައި މި ދެ ދައުވާގެ އިތުރުން ހަޑި އެއްޗެއް ރައްދުކުރުމުގެ ކުށުގެ ދައުވާއާއި ރާއްޖޭގައި މީހަކު ލައްވައި ހަށި ވިއްކުމުގެ ކުށުގެ ދައުވާ އުފުލާފައިވެ އެވެ.
މި ދައުވާތަކަށް ވީ ގޮތެއް އަދި ނޭނގެ އެވެ. ބައެއް ފަހަރު ކުށަށް އިއުތިރާފުވެ އެއްބަސްވުން ހަދާއިރުގައި އެ އެއްބަސްވުމުގެ ދަށުން ބައެއް ދައުވާތައް އަނބުރާ ގެންދެ އެވެ.
ގުޅުން ހުރި - މީގެ އިތުރުން ވެސް މި މައްސާލަގައި ދެ މީހެއްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ.
މި މައްސަލައިގައި ދައުވާކުރި ނިޝާނީ އަލީ، ރެދިންގެ/ތ. ވޭމަންޑޫ އާއި އައިސަރު ނަސީމް، ވެލީގެ/ގދ. ރަތަފަންދޫގެ މައްޗަށް ކޮށްފައިވަނީ އެއް ދައުވާތަކެކެވެ. އެއީ:
ހަޑި އެއްޗެއް ރައްދުކުރުން - އަދަބު: 4 މަހާއި 23 ދުވަހުގެ މުއްދަތަކަށް ޖަލަށްލުން
މަނީ ލޯންޑަރިން - އަދަބު: 100،000ރ. އާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާ އެކު 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން
މަސްތުވާތަކެތި ބޭނުންކުރަން ނުވަތަ ޓްރެފިކްކުރަން ހިތްވަރުދޭ އެއްވެސް އެއްޗެއް ލިޔުން/ކުރެހުން/ފާޅުކުރުން/ހާމަކުރުން/ޝާއިއުކުރުން/އާންމުންނަށް ދައްކަން ނެރުން - އަދަބު: 3 އަހަރަށް ޖަލަށް ލުން
އެހެން މީހަކު ހަށިވިއްކައިގެން ލިބޭ އާމްދަނީކަން އެނގިހުރެ، އެ އާމްދަނީގެ ބޭނުންކުރުން - އަދަބު: 25،000ރ. އާއި 75،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ނުވަތަ މަދުވެގެން 3 އަހަރަށް ޖަލަށް ލުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ