ލިސާން 18
އެތެރެއަށް ވަދެގެން އައި ޒުވާނާ ސަމްރާއަށް ފެނުމާއެކު، ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ އެ ޒުވާނާގެ ފެހިނޫ ކުލައިގެ ދެލޮލެވެ. ދެވަނަ ސިކުންތުގައި ދެން ފެނުނީ ސަމްރާގެ ދެލޯ ބޮޑުވެގެން ދިޔަ ތަނެވެ. މީހާގެ މުޅި ހަށިގަނޑަށް ތުރުރުރު އެޅުމެއްގެ އަސަރު ވެރިވަމުން ދިޔަކަން ރަނީމްއަށް ވެސް ފާހަގަކުރެވުނެވެ. ސަމްރާ އަތުން ރަނީމްއަށް އިޝާރާތްކުރަމުން ކޮންމެވެސް ވާހަކައެއް ބުނަން މަަސައްކަތްކުރި ނަމަވެސް، ލިބިފައިވި ޝޮކެއްގެ ބޮޑުކަމުން ކަންނޭނގެއެވެ. އޭނާއަށް އެއްވެސް އެއްޗެއް ބުނެވޭ ގޮތެއް ނުވިއެވެ. ރަނީމްއަށް ދެން ބަލައިލެވުނީ ނާވީއަށެވެ. ނާވީ ފެނުމުން ކުއްލިއަކަށް މަންމައަށް އެފަދަ ބޮޑު ބަދަލެއް އަންނަންވީ ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ. އެހާ ބޮޑަށް ހާސްވެ ކަންބޮޑުވެ ބިރުގަންނަން ޖެހޭ ސަބަބެއްވެސް މެއެވެ. އޭނާ ސަމްރާގެ ތުރުތުރު އަޅަމުން ދިޔަ އަތުގައި ހިފައްޓައިލަމުން ސަމްރާއަށް ގޮވައިލިއެވެ. "މަންމާ… ކިހިނެއްވީ؟" ރަނީމްވެސް ވަނީ ހާސްވެފައެވެ. އޭނާ ސަމްރާގެ ނިތުގައި އަތް ޖައްސައިލިއެވެ. އޭރު ސަމްރާ ވަނީ ހުންވެސް އައިސްފައެވެ. "މަންމާ… ކިހިނެއްވީތަ؟ އަހަރެން ކައިރީ ބުނެބަލަ." ރަނީމްއަށް ވާނުވާ ނޭނގި ކަންބޮޑުވެފައިވާ ޙާލު އެ ސުވާލުކޮށްލެވުނުއިރު، އޭނާއަށް ނާވީއަށްވެސް އަވަސް ނަޒަރެއް ދެވުނެވެ. "އެއީ ނާވީ މަންމާ… " ދެންވެސް ވާހަކަ ދެއްކީ ރަނީމްއެވެ. ސަމްރާއަށް ވަމުން ދިޔަ ގޮތް ބަަލަން ހުރި ނާވީވެސް ހުރީ ކުޑަކޮށް ހައިރާންވެފައެވެ. ސަމްރާއަށް އޭނާ ފެނިގެން އެ ބަދަލު އައީތީއެވެ. "މަންމަ ވަރަށް ހުން ގަދަ…" ރަނީމްގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ. ސަމްރާގެ ފުންވަމުން ދިޔަ ނޭވާތައް ހަމައަކަށް އަޅުވަން ކުރާނެކަމެއް ރަނީމްއަކަށް ނޭނގުނެވެ. އޭނާ ސަމްރާ ހަމައަކަށް އެޅުވޭތޯ މަސައްކަތްކުރަމުން އެކި އެކި ވާހަކަތައް ދައްކަން ފެށިއެވެ. ސަމްރާގެ އަތުގައިވި ތުރު ތުރު އެޅުން އޭނާގެ މުޅި ހަށިގަނޑަށް ފެތުރެން ފެށިހެން ރަނީމްއަށް ހީވާން ފެށިއެވެ. އޭނާގެ ގޮސް ފިނި ފެން ތައްޓަކަށް އަޅައިގެން އައިސް ސަމްރާގެ ގައިގައި ފެންފޮތިލައިދޭން އަވަސްވެގަތެވެ. ނާވީ ރަނީމްގެ ހަރަކާތްތަކަށް ބަލަން ހުރުމަށްފަހު، އޭނާ ސަމްރާއަށް ގެނެސް ދިން ބޭސް ތަށި ނަގާ ރަނީމްއަށް ދިއްކޮށްލިއެވެ. އަދި ސަމްރާއަށް އެ ދިނުމަށް އެދުނެވެ. ރަނީމް ވެސް އޭގައި ހިފަމުން ސަމްރާއަށް އެ ބޭސް ދެވޭތޯ އުޅުނެވެ. މަންމަގެ ހަށިގަނޑުގައި އަޅަމުން ދިޔަ ވޭން ފެނުމާއެކު، އޭނާއަށް ވެސް ތުންފަތުގައި ދަތް އަޅައިލެވުނެވެ. ކަރުނައިގެ ސަބަބުން ފުސްވަމުން ދިޔަ ދެލޮލުން ރަނީމްއަށް ސަމްރާވެސް ފެނުނީ ނުސާފުކޮށެވެ. ދެންމެ ދެންމެ ރޮވިދާނެހެން ރަނީމްއަށް ހީވިއެވެ. އެހެންނަމަވެސް އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލަމުން އޭނާ ކަރުނަތައް ހިންދައިލިއެވެ. އެ މަންޒަރު ބަލަން ހުރި ނާވީ ރަނީމްގެ ކޮނޑުގައި އަތް ޖައްސައިލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ. ބޭސް ދިނުމުން ސަމްރާގެ ހަށިގަނޑަށް ކޮންމެވެސް ކަހަލަ އަރާމެއް އިޙްސާސްވިއެވެ. އޭރުވެސް ރަނީމް ދިޔައީ ހުއްޓައިނުލާ ސަމްރާގެ ގައިގައި ފެންފޮތިލައި ދެމުންނެވެ. ނާވީވެސް ރަނީމްގެ ކައިރީގައި ހުއްޓެވެ. އޭނާއަށް ބެލެނީ ސަމްރާއަށެވެ. ނަސީބަކުން އިރުކޮޅަކުން ސަމްރާއަށް ނިދިޖެހޭ ގޮތްވިއެވެ. "ކުއްލިއަކަށް މަންމައަށް ކިހިނެއްވީތަ؟" ރަނީމްއަށް ސުވާލުކޮށްލެވުނީ ނާވީ އާއެވެ. އޭރުވެސް އޭނާ އިނީ ސަމްރާގެ އަތުގައި ހިފައްޓާލައިގެންނެވެ. އެ މަންޒަރު ބަަލަން ހުރި ނާވީ އަނެއްކާވެސް ރަނީމްގެ ކޮނޑުގައި އަތް ޖައްސައިލުމުން، ރަނީމްވެސް ނާވީއަށް ބަލައިލާފައި އޭނާގެ ކޮނޑުމަތީގައި ބާއްވާފައިވާ އަތުގައި އަތް ޖައްސައިލިއެވެ. "ދެން އެކަމާ ނުވިސްނާ. މަންމަ ހޭލާއިރު އިރާދުކުރެއްވިއްޔާ ހުރިހާކަމެއްވެސް ރަނގަޅުވާނެ." ނާވީ ބުނެލިއެވެ. ރަނީމްގެ ނުތަނަވަސްކަން ދުރުކޮށްދޭން އޭނާ ބޭނުންވިއެވެ. ނާވީގެ އޯގާތެރި ބަސްތަކުން ރަނީމްގެ ހިތަށްވެސް ފިނިކަން ލިބިގެން ދިޔައެވެ. އޭނާއާއެކު ކޮންމެ ޙާލެއްގައިވެސް ނާވީ ހުންނާނެކަމުގެ ޔަޤީންކަން ރަނީމްއަށް ލިބިގެން ދިޔަ ހިނދު އޭނާއަށް ނާވީއަށް ޝުކުރުގެ ބެލުމަކުން ބަލައިލެވުނެވެ. އެރޭ އެތައް ދަމެއް ނާވީ ރަނީމްއާއެކު ހޭދަކުރިއެވެ. ދެމީހުން ވެސް ތިބީ ސަމްރާގެ ކައިރީގައެވެ. އެހުރިހާއިރުވެސް ނާވީ ދިޔައީ ކެނޑިނޭޅި ރަނީމްގެ ނުތަނަވަސްކަން ދުރުކޮށްދޭން މަސައްކަތްކުރަމުންނެވެ. "ރަނީމް. އަހަރެން ދާންޖެހޭ އެބަ." ދަންވަރު އެކެއް ޖަހަން އުޅެނިކޮށް ނާވީ ބުނެލިއެވެ. އޭރު ނަސީބަކުން ސަމްރާގެ ހުންގަނޑުވެސް ވަނީ އެކި މަޑުވެފައެވެ. ރަނީމް ބޯ ޖަހައިލިއެވެ. "އަހަރެން މާދަން އަންނާނަން އިނގޭ." ނާވީ ވަޢުދުވިއެވެ. ރަނީމް ބޯ ޖަހައިލިއިރު އޭނާގެ ތުންފަތް މަތީގައިވެސް ވަނީ ލުއި ހިނިތުންވުމެކެވެ. އޭނާ ނާވީގެ އަތުގައި ހިފައްޓައިލަމުން އަދިވެސް އެއްފަހަރު ޝުކުރު އަދާކޮށްލިއެވެ. ނާވީ ރަނީމްގެ ކޯތާފަތުގައި އަތް ޖައްސާލާފައި އޭނަ ލޯބިވާ ވާހަކަ ބުނެލާފައި ގޮސް ކޮޓަރިން ނުކުތް ހެން ހީނުވެ ފެހިނޫ އައްޔެއް އަރާ އޭނާ ގެއްލިއްޖެއެވެ. ރަނީމްއަށް އެ މަންޒަރު ފެނުނީ ކޮޓަރީގެ ދޮރު ހުޅުވާފައި ހުރީތީއެވެ. އޭނާ ތެދުވެގެން ގޮސް ކޮޓަރީގެ ދޮރު ލައްޕާލާފައި، ފަތިހަށް އެލާރމްކޮށްލަމުން، ފޯނު ޗާރޖަށް ޖަހާފައި އައިސް އަދިވެސް އެއްފަހަރު ސަމްރާގެ ނިތުގައި އަތް ޖައްސައިލާ ހުން ހުރިތޯ ބަލައިލިއެވެ. ނަސީބަކުން އެކަހަަލަ އެއްވެސް އަސަރެއް ނެތެވެ. ހަމަޖެހުމުގެ ނޭވާއެއް ލުމަށްފަހު، އައިސް ގޮދަޑި ބާއްވާލާފައި އޮށޯވެލިއެވެ. ވަރުބަލިކަން އިޙްސާސްވަމުން ދިޔުމުގެ ސަބަބުން އޭނާއަށް ނިދޭކަށް މާގިނައިރެއް ނުނެގިއެވެ. ފަތިހު ރަނީމްއަށް ހޭލެވުނީ ސަމްރާގެ ކުކުރުމުގެ އަޑަށެވެ. އޭނާ ތެދުވެ ލައިޓް ދިއްލާލާފައި ސަމްރާގެ ގާތުގައި ހުއްޓުނެވެ. އަދި ސަމްރާއަށް ގޮވައިލިއެވެ. ސަމްރާ އޮތީ ލޯ މަރާލައިގެންނެވެ. އެހެންކަމުން އެ އުނދަގޫތައް ވަމުން އެ ދަނީ ނިދީގައިކަމުގައި ރަނީމް ޔަޤީންކުރިއެވެ. އޭނާ ފޯނު ނަގާ ގަޑި ބަލައިލިއިރު، ފަތިސް ނަމާދު ބަންގިގޮވަން އަދި ތިރީހަކަށް މިނެޓް އެބަ އޮތެވެ. "މަންމާ… މަންމާ… ކިހިނެއްވީ؟" ރަނީމް ސަމްރާ ކުޑަކޮށް ތަޅުވައިލިއެވެ. ދެލޯ މަރާ ތަގުޅި ކޮށްލި ސަމްރާ ވޭނީ ގޮތަކަށް އަނެއްކާވެސް ކުކުރައިލިއެވެ. އޭނާގެ އަމަލުތަކުން ހީވަނީ ބޮޑު ވޭނެއް ތަޙައްމަލް ކުރަމުން ދިޔަ ހެންނެވެ. އޭރު އަނެއްކާވެސް އޭނާގެ ހަށިގަނޑުގައި މަޑުމަޑު ތުރުތުރު އެޅުމެއް އުފެދިއްޖެއެވެ. "މަންމާ…" ތަންކޮޅެއް ބާރަށް ސަމްރާއަށް ގޮވައިލުމާއެކު، ރަނީމް ސަމްރާގެ ދެ އަތުގައި ހިފާ ބާރަށް ތަޅުވައިގަތެވެ. އެއާއެކު ސަމްރާ ކުއްލިއަކަށް ދެލޯ ބޮޑުކޮށްލުމާއެކު، ފުންނޭވާއެއް ބޭރުކޮށްލިއެވެ. ހީވީ އެ ހުރިހާއިރު ނޭވާ ނުލާ ހުރެފައި ހަށިފުރާ ނޭވާއެއް ލީހެންނެވެ. ދެން ފެނުނީ އޭނާގެ ދެލޮލުގެ ތެރެއިން ހޯސްލާފައި ފައިބަމުން ދިޔަ ކަރުނަތަކެވެ. "ކިހިނެއްވީ މަންމާ؟ ތަނަކަށް ތަދުވަނީތަ؟ އަހަރެން ކައިރީ ބުނެބަލަ." ރަނީމް އޭނާގެ މަންމަ ހަމައަކަށް އެޅުވުމަށްޓަކައި މަސައްކަތްކުރަން ފެށިއެވެ. އެހެންނަމަވެސް ސަމްރާގެ ޙާލަތު ދިޔައީ ދަށްވަމުންނެވެ. އޭނާ ނޭވާލާން އުނދަގޫވެެގެން އުޅޭހެން ދެފަރާތަށް ތެޅެން ފެށިއެވެ. އެ ވަގުތު އެހީތެރިކަމާ މަދަދަށް އެދޭނެ އިތުރު މީހަކު ނެތްކަން ހަނދާންވެ ރަނީމްގެ ދެލޯވެސް ފެންކަޅިވެގެން ދިޔައެވެ. އެކި ގޮތްގޮތުން އޭނާ ސަމްރާ މައިތިރިކުރެވޭތޯ އުޅުނެވެ. މޫނުގައި ފެން އުނގުޅާ، އަތާ ފައިގައި ދެ އަތް އުނގުޅާ ހޫނުކޮށްދީ ހެދިއެވެ. އިރުގަނޑެއް ފަހުން ސަމްރާ ހަމައަކައަށް އެޅޭހެން ހީވުމުން ރަނީމް، ފެންތަށި ނަގާ ސަމްރާއަށް ފެން ފޮދެއް ދިނެެވެ. އެއަށްފަހު އޭނާ ސަމްރާގެ ބޮލުގައި މަޑުމަޑުން ފިރުމަން ފެށިއެވެ. ސަމްރާ ހަމައަކަށް އެޅިލި ނަމަވެސް އޭނާގެ ދެލޮލުން އަންނަމުން ދިޔަ ކަރުނަތަކަށް ހުއްޓުމެއް ނާދެއެވެ. އިރުއިރުކޮޅަކާ ރަނީމް އެ ކަރުނަތައް އޭނާގެ އަތުން ލޯތްބާއެކު ފުހެދެއެވެ. ސަމްރާ ރަނީމްއަށް ބަލަހައްޓައިގެން އޮތުމަށްފަހު ވާހަކަ ދައްކަން މަސައްކަތްކުރިއެވެ. ރަނީމްވެސް ސަމްރާގެ ގާތަށް ޖެހިލިއެވެ. "ކިހިނެއްވީ މަންމާ؟" އޭނަ ސުވާލުކޮށްލިއެވެ. "އެއީ …؟ ކާ… ކު؟" ސަަމްރާ އުނދަގުލުން ސުވާލުކޮށްލިނަމަވެސް، އެ އަހަނީ ނާވީގެ ވާހަކަކަން ރަނީމްއަށް އެނގުނެވެ. ވާހަކަ ދެއްކޭ ވަރުވުމާއެކު ސަމްރާ ނާވީގެ ވާހަކަ އެހުމުން ރަނީމްއަށް ކުޑަކޮށް ހައިރާންކަމެއް ވެރިވެގެން ދިޔައެވެ. ސަމްރާއަށް އެ އައި ބަދަލުތަކުގެ އަސްލަކީ ނާވީބާއޭ ވެސް އޭނާގެ ހިތަށް އެރިއެވެ. "އެއީ ނާވީ…" ރަނީމްއަށް ބުނެވުނީ ހަމައެކަނި އެހެންނެވެ. މަންމަގެ މޫނުމަތީން އެކަމާ އުފާނުވާހެން އޭނާއަށް ހީވުމުން ކުޑަކޮށް ހިތަށް އުނދަގޫވިއެވެ. ސަމްރާ އިތުރު ތަފްސީލް ބޭނުންވާނެކަން އެނގޭތީ ފުންނޭވާއެއް ދޫކޮށްލާފައި ރަނީމް އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. "މި ރަށު ކުއްޖެއް ނޫން. އެކަމަކު ވަރަށް ގިނައިން މި ރަށަށް އާދޭ. އެގޮތަށް ދިމާވީ. މަންމައަށް ނާވީ ކަމުނުދަނީތަ؟" ރަނީމް ސަމްރާގެ އަތުގައި ހިފައްޓައިލިއެވެ. "ދަރިފުޅަށް… އެނގޭތަ އެއީ ކާކު ކީއްކުރާ…." ސަމްރާ ވާހަކަ ދެއްކުން ހުއްޓައިލިއެވެ. ރަނީމް ސަމްރާގެ އަތުގައި ހިފައްޓައިލިއެވެ. "އެނގޭ. ނާވީގެ ހުރިހާ މައުލޫމާތެއްވެސް އެނގޭ. އެއީ ކާކުކަން. ނާވީ އަކީ ރަނގަޅު ޒުވާނެއް މަންމާ. މަންމަ ކަންބޮޑުވަނީ އަހަންނަށް ދެރައެއް ލިބިދާނެތީކަން އެނގެޔޭ. އެކަމަކު ޔަޤީން ކުރޭ މަންމާ. ނާވީއަކީ ރަނގަޅު ޒުވާނެއް. ތެދުވެރި މީހެއް. އަހަރެން ދެކެ އެހާ ލޯބިވޭ. އަހަންނަށް އިތުބާރުކުރޭ މަންމާ…" ރަނީމް ބުނެލިއެވެ. ސަމްރާ ހަމަ އެއްގޮތަށް އޮތީއެވެ. އޭނާ އިތުރު އެއްޗެއް ނުބުނެ އޮންނަން ފެށުމުން ރަނީމް ހާސްވާން ފެށިއެވެ. "މަންމާ… ކޮންމެވެސް އެއްޗެއް ބުނެބަލަ." ރަނީމްއަށް ބުނެވުނެވެ. "ނޫން.. ނޫން… ރަނީމް… ދަރިފުޅު…. ހުއްޓާލާ… ތިކަންތައް… ހުއްޓާލާ…" މިފަހަރު ރޮމުން ރޮމުން ސަމްރާ ބުނި އެއްޗެއް ރަނީމްއަށް ވެސް އެހާ ސާފެއް ނުވިއެވެ. އެހެންނަމަވެސް، ފަހު ލަފުޒު އޭނާއަށް ސާފުވިއެވެ. ރޮމުން ރޮމުން ގޮސް އެންމެފަހުން ސަމްރާއަށް ނިދިއްޖެއެެވެ. އެހެންނަމަވެސް ނިދުމުގެ ޚިޔާލު ރަނީމް ދޫކޮށްލީ ބަންގި ގޮވަން ކައިރިވެފައި ހުރުމުންނެވެ. ****** ރަނީމް ކައިރީގައި ހުރެފައި ޝަހަރަށް އައިސް ގަނޑުވަރުގައި އިރުކޮޅެއް ހޭދަކޮށްލާފައި ނާވީ ނުކުމެގެން ގޮސް އަނެއްކާވެސް އަވަސްވެގަތީ، ބިންގަރާހަށް ވަނުމަށެވެ. އެކަން އޭނާއަށް ކާމިޔާބުވީ ފަތިސްވީ ފަހުންނެވެ. އެތެރެއަށް ވަދެގެން ގޮސް ރައާބިލްއަށް ޚާއްސަކުރެވިފައިވާ ގޮޅީގެ ކައިރީ ގައި މަޑުކޮށްލާފައި ނާވީ ރައާބިލްއަށް ގޮވައިލިއެވެ. ނާވީގެ އަޑު ކަންފަތުގައި ޖެހުމާއެކު ރައާބިލް ތެދުވެލިއެވެ. އަދި އޭނާ ނާވީއާ ކުރިމަތިލިއެވެ. "ކަލޭ އިރުއިރުކޮޅަކާ އަހަންނާ ބައްދަލުކުރަން ތި އަންނަ ސަބަބަކީ ކޮބާ؟" މިފަހަރު އެންމެ ފުރަތަމަ ވާހަކަ ދެއްކީ ރައާބިލްއެވެ. ރައާބިލްގެ ސުވާލާއެކު ނާވީ ހިމޭންވިއެވެ. އޭނާގެ ސިކުނޑީގެ ތެރޭގައި ވަރުގަދަ ހައިޖާނުގަނޑެއް އުފެދިގެން ދިޔައެވެ. އޭނާއަށް ރައާބިލްއަށް އިތުބާރުކުރެވިދާނެތޯ ސުވާލު އުފެއްދުނެވެ. އޭނަގެ އާއިލާގެ ސަބަބުން އެފަދަ ވޭނެއް ރައާބިލް ތަޙައްމަލް ކުރަން ޖެހިފައިވާ ހިނދުގައި ރައާބިލްއާ ކަންތައް ހިއްސާކުރުމަކީ އަނެއްކާ ރަނގަޅުކަމަކަށް ވެދާނެބާއޭ ވެސް އޭނާގެ ހިތަށް އެރިއެވެ. "ކިހިނެއްވީ؟ ބުނަން ބޭނުންނުވަނީތަ؟ އެހެން ވިއްޔާ މިތަނުން ދޭ!" ރައާބިލް ނާވީއާ ފަސްދިނެވެ. "ނޫން. އަހަރެން ބޭނުން ކަލޭގެ އެހީ. އަހަރެން ކަލޭ ކައިރިއަށް މިއައީ މަޖުބޫރުވެގެން." ނާވީ ބުނެލިއެވެ. "މަޖުބޫރުވެގެންނޭ؟" ރައާބިލް އެނބުރި އަލުން ނާވީއާ ކުރިމަތިލިއިރު އޭނާގެ އަޑުން ހައިރާންކަމެއް ފާޅުވަމުން ދިޔައެވެ. "އާނ. މިވާހަކަތައް ކިޔައިދޭން ފަށާނެ ގޮތެއް ވެސް ނޭނގެ. އަހަރެންގެ މި ސިއްރު ސިއްރެއްގެ ކަލޭ ރައްކާތެރިކޮށްދޭނެކަމުގެ ޔަޤީންކަމެއްވެސް ނެތް. އެކަމަކު ކަލޭ ނޫނީ މިކަމުގައި ކުޑަވެސް މަދަދެއް އަހަންނަށް ފޯރުކޮށްދޭނެ މީހަކު ނެތް. އަހަރެން މިވަނީ ގޮތް ހުސްވެފައި... މިކަންތައް މިކުރަނީ ބައްޕައާ ދެކޮޅަށް. އަހަންނަށް އެހީވެދީ… އެނގޭ ކަލޭއަށް ލިބެމުން ތިދާ އަނިޔާއާ އަހަރެންގެ ޢާއިލާއާ ގުޅުމެއްވާކަން. އަދި އަހަރެންގެ ޢާއިލާގެ ސަބަބުންކަން ކަލެއަށް މިތަނުގައި ތިހާ ވޭން ތަޙައްމަލް ކުރަން ޖެހިފައިވަނީވެސް. އެކަމުވެސް… އަހަރެން ކަލޭ ކައިރިއަށް މިއައީ މަޖުބުރުވެގެން." ނާވީ ބުނެލިއިރު، އެ އަޑުން ވޭނެއްގެ އަސަރު ފާޅުވަމުން ދިޔައެވެ. "ކިހިނެއްވީ؟ ކަލޭ އަހަރެންގެ އެހީތެރިކަން ބޭނުންވަނީ ކީއްވެ؟" ރައާބިލް ގޮސް ތޭރިތަކުގެ ކައިރީގައި މަޑުކޮށްލިއެވެ. ނާވީއަށް ބަލަހައްޓައިގެން، އޭނާ އިރުކޮޅަކު ހުއްޓެވެ. "ނާވީ… ކަލޭ ކީއްވެ އަހަރެން ކައިރިއަށް ތިއައީ؟" "އަހަރެން… އަހަންނަށް ލޯބިވެވުނީ…" ރައާބިލްއަށް ބަލަން ހުރުމަށްފަހު، ނާވީ ހަޤީގަތް ހާމަ ކޮށްލީ ލަސްކޮށްގެން ވާނެ ފައިދާއެއް ނެތީތީއެވެ. ނާވީ ބުނެލި ވާހަކައަކުން ރައާބިލްގެ ދެބުމަ ކުޑަކޮށް ގާތްވެލިއެވެ. ދެވަނަ ސިކުންތުގައި ސިކުނޑީގެ ދޮރުފަތުގައި ކޮށްޓައިލި ޚިޔާލާއެކު އޭނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. "ކަލޭ އިންސާނެއް ދެކެ ލޯބިވީތަ؟" (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ