އަހަރެމެންނަށް ކުރިމަތިވީ ވަރަށް ހިތާމަވެރި އުނދަގޫ ހެނދުނަކާ: އިސްރާއީލްގެ ރައީސް

އިސްރާއީލަށް ބޮޑު ގެއްލުމަކާއި ކުރިމަތިވެ، ކުރިމަތިލާން ޖެހުނީ ވަރަށް ހިތާމަވެރި އުނދަގޫ ހެނދުނަކާކަމަށް އިސްރާއީލްގެ ރައޯސް އިސްހާގް ހާރޒޮގް ބުނެފިއެވެ.
އީރާނުން ދިފާޢުގައި އިސްރާއީލަށް ރޭ ދިން މިސައިލް ހަމަލާތަކުގައި ވަނީ އިސްރާއީލްގެ 8 މީހުން މަރުވެ، އެތައްސަތޭކަ މީހުންނަށް އަނިޔާވެފައެވެ. އެކަމާއި ގުޅިގެން އިސްރާއީލުގެ ރައީސް އިސްހާގް ހާރޒޮގް ބުނެފައި ވަނީ އެ ގައުމަށް "ވަރަށް ހިތާމަވެރި އަދި އުނދަގޫ ހެނދުނަކާ" ކުރިމަތިވެފައިވާ ކަމަށެވެ.
ހާރޒޮގް އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، އަނިޔާވެފައިވާ މީހުން އަވަހަށް ރަނގަޅުވުމަށް އެދޭކަމަށާއި އަދި ގެއްލިފައިވާ އިސްރާއީލް މީހުން ފެނުމަށް އޭނާ ދުޢާކުރާ ކަމަށެވެ.
އީރާނުން ރޭ ދިން ހަމަލާގައި އިސްރާއީލުގެ އެކި ސަރަހައްދުތަކަށް ވަނީ މިސައިލް ހަމަލާދީފައެވެ. އޭގެ ތެރޭގައި ހައިފާ އާއި ތެލް އަވީވް އާއި އެ ސިޓީތަކުގެ ގާތުގައިވާ ސަރަހައްދުތަކަށް ހިމެނެއެވެ. މެޑިކަލް އަދި މީޑިއާ ރިޕޯޓުތަކުން ބުނާ ގޮތުގައި މި ހަމަލާތަކުގައި މަދުވެގެން 10 މީހުން މަރުވެފައިވެއެވެ.
އީރާނުން މި ހަމަލާތައް ދީފައި ވަނީ އިސްރާއީލުގެ ބާރުތަކުން އީރާނުގެ އެކި ސަރަހައްދުތަކުގައި ހުރި މަދަނީ އަދި ހަކަތައިގެ ވަސީލަތްތަކަށް ބޮން އެޅިފަހުންނެވެ. އިސްރާއީލުން ދިން ހަމަލާގައި ތެހެރާންގައި ހުރި ޝަހްރާން ތެލުގެ ކާރުޚާނާގައި އަލިފާން ރޯވިއެވެ.
އީރާނުގެ މީޑިއާތަކުން ބުނާ ގޮތުގައި އިސްރާއީލުގެ ހަމަލާތަކުގައި ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި މަދުވެގެން 80 މީހުން ޝަހީދު 800 މީހުންނަށް އަނިޔާވެފައިވެއެވެ. ޝަހީދުވި މީހުންގެ ތެރޭގައި 20 ކުޑަކުދިން ހިމެނެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ އިސްރާއީލާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމަވެރި ޢަމަލުތައް ނިމުމަކަށް ގެންނަން ޖެހޭ ކަމަށް އޭނާ އާއި ރަޝިޔާގެ ރައީސް ވްލަދިމީރް ޕުޓިން އެއްބަސްވެފައިވާކަމަށެވެ.
އީރާނުން ވަނީ އެމެރިކާއާއެކު ކުރިއަށްދާ ނިއުކްލިއަރ މަޝްވަރާތަކުގެ ހަވަނަ ބުރު ކެންސަލްކޮށްފައެވެ. އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ވިދާޅުވެފައިވަނީ އިސްރާއީލުގެ ހަމަލާތައް ކުރިއަށްދާއިރު މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ އެއްވެސް މާނައެއް ނެތް ކަމަށެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ