އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދަމުން ނުދާ ކަމަށް ޑިރެކްޓާ އޮފް ނޭޝަނަލް އިންޓެލިޖެންސް ތުލްސީ ގަބާޑްގެ އެސެސްމަންޓަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ އިންކާރު ކުރައްވައިފި އެވެ.
މިއީ ޓްރަމްޕްގެ ދެވަނަ ދައުރުގައި އޭނާގެ އިންޓެލިޖެންސް ޗީފާ ދެކޮޅަށް ފާޅުގައި ދެކޮޅު ހެއްދެވި ފުރަތަމަ ފަހަރެވެ.
އޭނާގެ ޗީފް އިންޓެލިޖެންސް އޮފިސަރުގެ އިވެލުއޭޝަނަށް ދެކޮޅު ހެއްދެވުމަށް ފަހު، ޓްރަމްޕް ވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އީރާނުގައި ނިއުކްލިއާ އަދި އަސްކަރީ ތަންތަނަށް މިދިޔަ ހަފުތާގައި ދިން ވައިގެ ހަމަލާތަކަށް ތާއީދު ކުރައްވައިފަ އެވެ. ޓްރަމްޕް ވިދާޅުވީ އީރާނުން ނިއުލިއާ ވޯހެޑް ތައްޔާރު ކުރަމުން އަންނަ ކަމަށް އޭނާ ގަބޫލު ކުރައްވާ ކަމަށެވެ.
ކެނެޑާގައި ބޭއްވި ޖީ-7 ސަމިޓަށް ފަހު އެނބުރި އެމެރިކާއަށް އަވަހަށް ވަޑައިގަތުމުގެ މަގުމަތީގައި އެއާފޯސް ވަންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، ނިއުކްލިއާ ހަތިޔާރު ހޯދުމާ އީރާނު އޮތީ ކިހާ ގާތެއްގައިތޯ ސުވާލުކުރި އެވެ. ޖަވާބުގައި ޓްރަމްޕް ވިދާޅުވީ އެކަން އޮތީ "ވަރަށް ގާތުގައި" ކަމަށެވެ.
ގަބާޑް މިދިޔަ މާޗު މަހު ކޮންގްރެސްއަށް ހެކިބަސް ދެއްވިއިރު، އެމެރިކާގެ އިންޓެލިޖެންސް ކޮމިއުނިޓީން އަދިވެސް ގަބޫލުކުރާ ގޮތުގައި ތެހެރާނުން ނިއުކްލިއާ ވޯހެޑެއް ނުއުފައްދަ އެވެ. އެ ވާހަކައަށް އިޝާރާތްކޮށް ސުވާލު ކުރުމުން، ޓްރަމްޕް ވިދާޅުވީ އޭނާ ކޮންމެ ވާހަކައެއްް ދެއްކެވިއަސް އޭނާއަށް ފަރުވާލެއް ނެތް ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ އެ މީހުން ވަނީ އެކަން ކުރުމުގެ ވަރަށް ކައިރީގައި ކަމަށް،" ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕްގެ މި ވާހަކަތަކުން އޭނާގެ ފުރަތަމަ ދައުރުގައި އެމެރިކާގެ ޖާސޫސީ އިދާރާތަކާ އެކު ހިނގި ހަމަނުޖެހުންތަކުގެ ހަނދާންތައް އާވެގެން ދިޔަ އެވެ. އޭގެ ތެރޭގައި 2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން ރަޝިޔާ އިން މަސައްކަތް ކުރި ކަމަށް ބުނާ އިވެލުއޭޝަނާއި ރަޝިޔާގެ ރައީސް ވުލަޑިމިއާ ޕޫޓިންއަކީ އޭނާ ގަބޫލު ކުރައްވާ ބޭފުޅެއް ކަމަށް ކުރި ތުހުމަތު ދޮގުކުރެއްވިކަން ހިމެނެ އެވެ.
ކޮންގްރެސްއަށް މައުލޫމާތު ދެެއްވަމުން ގަބާޑް ވަނީ ނިއުކްލިއާ ހަތިޔާރުގެ ޕްރޮގްރާމެއް އަލުން ފެށުމަށް އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުالله އަލީ ހާމަނާއީ އަމުރު ކުރެއްވި ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާތަކުން ނުދެކޭ ކަމަށް ވެސް ވިދާޅުވެފަ އެވެ.
އީރާންގައި ނިއުކުލިއާ ހަތިޔާރު އުފައްދާތޯ އެމެރިކާ އާއި އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ ގުޅިގެން ކުރިއަށް ގެންދިޔަ އިވެލުއޭޝަން ނިމުނީ 2003 ވަނަ އަހަރު އެވެ.
އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް މަސައްކަތް ނުކުރާ ކަމަށް އެ ގައުމުން އަންނަނީ ބުނަމުންނެވެ. އީރާނުން ބުނެފައި ވަނީ ޔޫރޭނިއަމް ފައްކާކުރުމުގެ ޕްރޮގްރާމަކީ ހަމައެކަނި ސުލްހަވެރި ބޭނުމަށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ.
އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓްތަކުގެ މައުލޫމާތު އެނގޭ ފަރާތްތަކުން ރޮއިޓާސްއަށް ބުނި ގޮތުގައި، ގަބާޑް ދިން އިވެލުއޭޝަން އަދިވެސް އޮތީ އެގޮތުގަ އެވެ.
އެމެރިކާގެ ޖާސޫސީ އިދާރާތަކުން ބުނެފައި ވަނީ އީރާނުން އިހްތިޔާރުކުރާ އަމާޒަކަށް ހަމަލާދެވޭނެ ފަދަ ވޯހެޑެއް އުފެއްދުމަށް އަދި މަދުވެގެން ތިން އަހަރަށް ވުރެ ދިގު މުއްދަތެއް ނަގާފާނެ ކަމަށެވެ.
އެމެރިކާގެ ޖާސޫސީ އިދާރާތަކުގެ ނިންމުންތަކަށް ޓްރަމްޕް ގެންދަވަނީ ގިނަ ފަހަރަށް، އެއްވެސް ހެއްކެއް ނެތި ދެކޮޅު ހައްދަވަމުންނެވެ. އެއީ އޭނާގެ ވެރިކަމާ ދެކޮޅު އެމެރިކާގެ އޮފިޝަލުންގެ "ޑީޕް ސްޓޭޓް" ގްރޫޕެއްގެ ބައެއް ކަމަށް އޭނާ އާއި އޭނާގެ ސަޕޯޓަރުން ދެކެ އެވެ.
ޓްރަމްޕަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ގަބާޑަކީ ރައީސްގެ އެކުވެރިއެކެވެ.
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން ޖާސޫސީ ވެރިޔާގެ ނިންމުމަށް ޓްރަމްޕް ދެކޮޅު ހައްދަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ