ނިއު ދިއްލީ، އިންޑިއާ (މެއި 13) - ކަޝްމީރުގެ ޕަހަލްގަމްގައި ޓޫރިސްޓުން ގޮސް އުޅޭ ހިސާބެއްގައި ހިނގި ޓެރަރިސްޓު ހަމަލާއެއްގެ ސަބަބުން އިންޑިއާ އާއި ޕާކިސްތާންގެ ދެމެދު ހަމަނުޖެހުން ބޮޑުވެ، ދެ ގައުމުގައި ކުރިއަށްދިޔަ ފްރެންޗައިސް ކްރިކެޓް ލީގުތައް، އަންނަ ހޮނިހިރު ދުވަހު ފަށާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ޕަހަލްގަމް އެޓޭކަށް ފަހު، އިންޑިއާ އާއި ޕާކިސްތާން ދެމެދުގައި މައްސަލަ ހޫނުވެ، ދެ ގައުމުގެ މެދުގައި ހަމަލާ ބަދަލުކުރުމަށް ފަހު، މިހާރު ވަނީ ހަނގުރާމަ ހުއްޓާލައިފަ އެވެ.
ޕާކިސްތާން ސުޕަ ލީގުގެ ކުޅުން މި މަހު އަށް ވަނަ ދުވަހު ސަސްޕެންޑްކުރީ ބާކީ އަށް މެޗު އޮއްވަ އެވެ. ބާކީ މެޗުތައް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ކުޅެން މަޝްވަރާ ކުރެވުނު ނަމަވެސް، އެ ގައުމުން، މެޗުތައް ބޭއްވުމަށް ސީދާ ޖަވާބެއް ނުދޭތީ، އެ މުބާރާތް މުއްދަތެއް ނެތް ގޮތަށް ވަނީ ސަސްޕެންޑްކޮށްފަ އެވެ.
އެހެން ނަަމަވެސް، މިހާރު ޕާކިސްތާން ކްރިކެޓް ބޯޑުން ނިންމާފައިވަނީ، ޕާކިސްތާން ސުޕަ ލީގުގެ މެޗުތައް ހޮނިހިރު ދުވަހު އަލުން ފެށުމަށެވެ.
މެޗުތައް ކުޅެން، ޕާކިސްތާން ކްރިކެޓް ބޯޑުން ފާސްކުރީ ދެ ސިޓީއެއްގަ އެވެ. އެއީ، ލާހޯރްގެ އިތުރުން ރާވަލްޕިންޑީގަ އެވެ. މިހާރު އޮތް ގޮތުން، ފައިނަލް މެޗު ތާވަލުކޮށްފައިވަނީ، މި މަހު 25 ވަނަ ދުވަހު އެވެ.
ހަނގުރާމައިގެ ސަބަބުން، އިންޑިއާ ސަރުކާރުން އަޅަން ނިންމި ސަލާމަތީ ފިޔަވަޅުތަކަށް ބޯލެނބުމުގެ ގޮތުން، މަޝްހޫރު ފްރެންޗައިސް ކްރިކެޓް ލީގު، އައިޕީއެލްގެ ކުޅުން މެދުކަނޑާލީ އެއް ހަފްތާއެއްގެ މުއްދަތަކަށެވެ. އަލުން މުބާރާތް ފަށާނެ ތާރީހެއްގެ ގޮތުގައި، އައިޕީއެލް އިން އިއުލާނުކުރީ އަންނަ ހޮނިހިރު ދުވަހު އެވެ.
އެ ގޮތުން، އައިޕީއެލްގެ ބާކީ އޮތް 16 މެޗު މިހާރު އޮތްގޮތުން ކުރިއަށްދާނީ، ހަ ސަރަހައްދެެއްގަ އެެވެ. އެއީ، ބެންގަލޫރު، ޖައިޕޫރު، ދިއްލީ، ލަކްނައު، އަހުމަަދުއާބާދު އަދި މުމްބާއި ގަ އެވެ.
މީގެ ކުރިން، އައިޕީއެލްގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައި އޮތީ މި މަހުގެ 26 ވަނަ ދުވަހު އެވެ. އެކަމަކު، ޝެޑިއުލަށް އައި ބަދަލާ އެކު، އައިޕީއެލްގެ ފައިނަލް މެޗު މިހާރު ތާވަލުކޮށްފައިވަނީ، އަންނަ މަހުގެ ތިން ވަނަ ދުވަހަށެވެ.
ހަނގުރާމައިގެ ސަބަބުން، އައިޕީއެލް ދިގުލައިދިއުމުން، ބައެއް ބިދޭސީ ކުޅުންތެރިންނާ އެކު، ޓީމުތަކުން ހަދާފައިވާ ކޮންޓްރެކްޓް ވަނީ މުރާޖާކުރަން ޖެހިފަ އެވެ. އެއީ، އެއްބަސްވުންތައް ހުރީ މި މަހުގެ ނިޔަލަށް ކަމަށްވާތީ އެވެ. އެ ގޮތުން، ބައެއް ކުުޅުންތެރިން ކޮންޓްރެކްޓް އާ ކުރަން ބޭނުންނުވާތީ، އަލުން މުބާރާތް ފަށާއިރު، ބިދޭސީ ކުޅުންތެރިން ޓީމުތަކުން މަދުވުމުގެ ފުރުސަތު އެބައޮތެވެ.
ސަސްޕެންޑްކުރި އިންޑިއާ އާއި ޕާކިސްތާން ކްރިކެޓް ލީގު ފަށަނީ ސަސްޕެންޑްކުރި އިންޑިއާ އާއި ޕާކިސްތާން ކްރިކެޓް ލީގު ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ