ހަމަނުޖެހުންތަކާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ބަނޑުހައިހޫނުކަން މިދިޔަ އަހަރު އިތުރުވި: އދ
ކާބޯތަކެތީގެ ރައްކާތެރިކަން ނެތުމާއި ކުޑަކުދިންގެ ކާނާ ލިބުން ދަތިވުމުގެ ސަބަބުން މިދިޔަ އަހަރު ބަނޑުހައިހޫނުކަން އިތުރުވެ، 53 ގައުމަކުން 295 މިލިއަނަށް ވުރެ ގިނަ މީހުންނަށް އެކަމުގެ އަސަރުކޮށްފައިވާ ކަމަށް އދ ން އާންމުކުރި ރިޕޯޓެއްގައިބުނެފިއެވެ. އެއީ 2023 ވަނަ އަހަރާ ބަލާއިރު ފަސް ޕަސެންޓް އިތުރުވުމެކެވެ. "މި އަހަރުގެ ގްލޯބަލް ރިޕޯޓް އޮން ފުޑް ކްރައިސިސް އިން ދައްކުވައިދެނީ ސިއްސުވާލާފަދަ މަންޒަރެއް." ޑިރެކްޓާ އޮފް އިމަޖެންސީސް އެންޑް ރެސިލިއެންސް އެޓް ރެއިން ޕޯލްސަން ވިދާޅުވިއެވެ. "ހަމަނުޖެހުންތަކާއި، މޫސުމީ ބަދަލުތަކާއި، އިގްތިސާދީ ލޮޅުންތަކަކީ މިކަމުގެ މައިގަނޑު ސަބަބުތައް." އޭނާ އިތުރަށް ވިދާޅުވިއެވެ. ބަނޑުހައިހޫނުކަމުގެ އެންމެ ބޮޑު ސަބަބަކީ ހަމަނުޖެހުންތައް ކަމަށާއި، 2024 ވަނަ އަހަރު 20 ގައުމެއްގައި ގާތްގަނޑަކަށް 140 މިލިއަން މީހުންނަށް އެ ކަމުގެ އަސަރުކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އިންފްލޭޝަން އާއި ފައިސާގެ އަގު ދަށްވުން ފަދަ އިގްތިސާދީ ލޮޅުންތަކުގެ ސަބަބުން ސޫރިއާ އާއި ޔަމަން ހިމެނޭ ގޮތަށް 15 ގައުމެއްގައި 59.4 މިލިއަން މީހުންނަށް ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވެއެވެ. މޫސުމީ ބަދަލުތައް، ޚާއްސަކޮށް އެލް ނީނޯގެ ސަބަބުން ކުރިމަތިވި ހަނަފަސްކަމާއި، ފެންބޮޑުވުމުގެ ސަބަބުން 18 ގައުމަކަށް އަސަރުކޮށްފައިވެއެވެ. ޚާއްސަކޮށް ދެކުނު އެފްރިކާ، ދެކުނު އޭޝިއާ އަދި ހޯން އޮފް އެފްރިކާގެ 96 މިލިއަނަށް ވުރެ ގިނަ މީހުންނަށް އަސަރުކުރިއެވެ. "ޣައްޒާ އާއި ސޫދާނުން ފެށިގެން ޔަމަނާއި މާލީއާ ހަމައަށް، ހަމަނުޖެހުންތަކާއި އެހެނިހެން ކަންކަމުން އަސަރުކޮށްފައިވޭ." އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއާ ގުޓަރެސް ވިދާޅުވިއެވެ. "މިއީ ނިޒާމުތަކުގެ ނާކާމިޔާބީއަކަށް ވުރެ މާ ބޮޑު ކަމެއް. މިއީ އިންސާނިއްޔަތުގެ ނާކާމިޔާބީއެއް. ހުސްބަނޑާތިބި ބަޔަކަށް ހުސް އަތެއް ނުދެއްކޭނެ." އޭނާ އިތުރަށް ވިދާޅުވިއެވެ. އަފްޣާނިސްތާން، ސޫދާން، ސޫރިއާ އަދި ޔަމަނަކީ ކާބޯތަކެތީގެ ނުރައްކާތެރިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ ގައުމުތަކެވެ. ފަލަސްތީނުގައި 2024 ވަނަ އަހަރުގެ މާޗް މަހު ބަނޑުހައިހޫނުކަން ކުރިމަތިވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، އިންސާނީ އެހީތައް ބޮޑުކުރުމުގެ ސަބަބުން އެކަން ކޮންމެެވެސް ވަރަކަށް ރަނގަޅުވިއެވެ. ނަމަވެސް ޣައްޒާ ހަނގުރާމަ އަނެއްކާވެސް ފަށާފައިވާއިރު، އިންސާނީ އެހީ ފޯރުކޮށްދިނުން އިސްރާއީލުން ހުއްޓުވާފައި އޮތުމުން ކާބޯތަކެތީގެ ރައްކާތެރިކަން ނެތުމާއި، ކާނާ ލިބުން މަދުވުމާއި، މަރުވާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް ރިޕޯޓުގައިވެއެވެ. އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 2024 ވަނަ އަހަރު ބަނޑުހައިހޫނުކަމުގެ އެންމެ މަތީ މިންވަރު ކުރިމަތިވެފައިވާ މީހުންގެ އަދަދު ވަނީ ތިން ގުނަ އިތުރުވެފައެވެ. އިންސާނީ އެހީ އިތުރުވުމާއި، ދަނޑުވެރިކަން ރަނގަޅުވުމާއި، އިންފްލޭޝަން ދަށްވެ، ހަމަނުޖެހުންތައް މަދުވުމުގެ ސަބަބުން ޔޫކްރޭން، ކެންޔާ އަދި ގުއަޓެމާލާ ހިމެނޭ ގޮތަށް 15 ގައުމެއްގައި ބަނޑުހައިހޫނުކަމުގެ މިންވަރު ދަށްވެފައިވާ ކަމަށްވެސް އެ ރިޕޯޓުގައިވެއެވެ. ނަމަވެސް ބޮޑެތި ގައުމުތަކުން އިންސާނީ އެހީއަށް ދޭ ފައިސާ ވަރަށް ބޮޑަށް މަދުކޮށްފައިވާތީ ކުރިއަށް އޮތަނުގައި ހާލަތު ގޯސްވެދާނެ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ