ޔުމްނު ވެއްޓުނު ހާދިސާގެ އިންކުއަރީ ރިޕޯޓު ދެ ހަފުތާ ތެރޭ ރައީސަށް ހުށަހެޅޭނެ: ކޮމިޝަން

މި މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގެއިން, އެ ގެއާ ޖެހިގެންހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ ތަހުގީގުކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަނުން، ތަހުގީގު ނިންމައި، ދެ ހަފުތާ ތެރޭ ރައީސަށް ރިޕޯޓު އަރުވާނެ ކަމަށް މިއަދު އެ ކޮމިޝަނުން ބުނެފިއެވެ. މި މައްސަލައިގެ ތަހުގީގަށް ޚާއްސަ ކޮމިޝަނެއް އެކުލަވައިލީ އޭޕްރީލް 27، 2025ގައި ރައީސްގެ ގަރާރަކުންނެވެ. މި ނިމުނު މޭ މަހުގެ 11ވަނަ ދުވަހު 'އެކްސް'ގައި ކުރި ޕޯސްޓެއްގައި އެ ކޮމިޝަނުން ބުނީ, އެ ކޮމިޝަންގެ މެންބަރުން ވަނީ، އެ ދުވަހާ ހަމައަށް، މައްސަލައާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކުރައްވައި، ގުޅުންހުރި އިދާރާތަކުގެ ކަމާބެހޭ މުވައްޒަފުންނާ ބައްދަލުކުރައްވާފައި ކަމަށެވެ. އަދި އެ މައްސަލައާ ގުޅުންހުރި މީހުންގެ މައުލޫމާތު ސާފުކުރަން ފަށާފައިވާ ކަމަށް އެ ކޮމިޝަނުން އެ ދުވަހު ބުންޏެވެ. އެއާއެކު މިއަދު އެ ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓުގައި ބުނީ، އެ ކޮމިޝަނާ ހަވާލުކޮށްފައިވާ މަސައްކަތް މިހާރު ނިމެން ގާތްވެފައިވާ ކަމަށެވެ. https://x.com/InquiryCom/status/1929039394117398926 އަދި ކުރިއަށް އޮތް ދެ ހަފުތާއެއް ތެރޭ، ކޮމިޝަނުން އެ މައްސަލައިގައި ތައްޔާރުކުރާ ރިޕޯޓު ރައީސް ޑރ. މުޙައްމަދު މުއިއްޒާ ހިއްސާ ކުރެވޭނެކަމަށް މެންބަރުން އުންމީދުކުރާ ކަމަށް ބުނެފައިވެއެވެ. މި ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ: ޑރ. މުޙައްމަދު މުނައްވަރު، ގ. ހަސަންކާރިގެ ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު، ވ. އަލްމާން ޑރ. މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641 ޖަބީން މުޙައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ އާމިނަތު އީނާސް، ހ. ހަބަރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން މި ޚާއްސަ ކޮމިޝަން އުފެއްދެވީ އެ ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ލިބިދޭ ގޮތަށެވެ. މި ކޮމިޝަނާ މަތިކުރެވޭ މަސައްކަތްތައް ފުރިހަމަވެއްޖެ ކަމަށް ރައީސް ކަނޑައެޅުއްވުމާ ހަމަޔަށް ކޮމިޝަން ދެމިއޮންނާނެ ކަމަށް ރައީސްގެ ގަރާރުގައި ވެއެވެ. ރައީސް މީގެ ކުރިން ވިދާޅުވީ, އެ ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށް ވެސް އެލަވަންސެއް ކަނޑައަޅާފައިވާނެ ކަމަށެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރާއި ސިއްޙީ ދާއިރާގެ މުވައްޒަފަށް ލިބިވަޑައިގަންނަވާނީ މަހަކު 5،000 ރުފިޔާގެ އެލަވަންސެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ, އެ ދެބޭފުޅުން ވެސް އެ މަސައްކަތަށް ކަނޑައަޅާފައިވަނީ ވަޒީފާއިން ވީއްލި، މުސާރަ ވެސް ހިނގާ ގޮތަށް ކަމަށްވުމުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް, ބާކީ ތިއްބަވާ ބޭފުޅުންނަކީ އެއްވެސް އިތުރު ވަޒީފާއެއް އަދާކުރައްވާ ބަޔަކަށް ނުވުމުން އެއިން ކޮންމެ ބޭފުޅަކަށް 15،000 ރުފިޔާގެ އެލަވަންސެއް ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރިޔާސީ ކޮމިޝަންގެ ރިޔާސަތު ބަލަހައްޓަވާނީ މުނައްވަރު ކަމަށް ގަރާރުގައިވެއެވެ. ފުލުހުން ބުނީ، ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށެވެ. ނަމަވެސް، އާއިލާއިން ވަނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ނޫން ކަމަށާއި ޔުމްނު ވެއްޓުނު ރޭ އިތުރު މީހުން ވެސް އުޅުނު ކަމަށް ޔުމްނުއާ ހަވާލާދީ ބުނެފައެވެ. އަދި ފުލުހުުންގެ ތަހުގީގަށް އިތުބާރު ގެއްލިފައިވާ ކަމަށް ބުނެ، ގިނަ ޒުވާނުންތަކެއް ވަނީ މާލޭގައި ސިލްސިލާކޮށް މުޒާހަރާތަކެއް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ