ދިވެހި ފުލުހުން ވެސް ބައިވެރިވެގެން ބޮޑެތި ސްކޭމް ނެޓްވޯކުތަކެއް ފަޅާއަރުވާލައިފި

ދިވެހިން ފުލުހުންގެ ވެސް ބައިވެރިވުން ހިމެނޭ ގޮތަށް، ބައިނަލްއަގްވާމީ ބޮޑެތި ސްކޭމް ނެޓުވޯކުތަކެއް ފަޅާއަރުވާލައި ގިނަ އަދަދެއްގެ މީހުން ހައްޔަރުކޮށްފި އެވެ.
ތަފްސީލް - ހޮންގް ކޮންގް ފުލުހުން އިސްކޮށް ތިބެ ހިންގި މި ޖޮއިންޓް އޮޕަރޭޝަނުގައި ރާއްޖޭގެ އިތުރުން މެލޭޝިޔާ އާއި ސިންގަޕޫރާއި ދެކުނު ކޮރެއާ އަދި މަކާއޯގެ ފުލުހުން ވެސް ބައިވެރިވި އެވެ. 
މިދިޔަ 28 އޭޕްރީލް އިން ފެށިގެން މަހެއްހާ ދުވަހަށް ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި، މަކަރާއި ހީލަތުން ފައިސާ ހޯދަމުން ދިޔަ އެކި ބާވަތުގެ ސްކޭމުތައް ފެންމަތިކުރި އެވެ.
އޭގެ ތެރޭގައި ހިމެނެނީ:
އޮންލައިން ވިޔަފާރީގެ ސްކޭމްތައް
ފޯނުން އޮޅުވާލައިގެން ފައިސާ ހޯދުން
އިންވެސްޓްމެންޓް ސްކޭމްތައް
ފޭކު ވަޒީފާގެ ސްކޭމްތައް
ހޮންގް ކޮންގްގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި:
 އެކި ގައުމުތައް ހިމެނޭގޮތަށް މި ބާވަތުގެ 9،268 މައްސަލަ ފުލުހުން ހޯދި 
 އެ މައްސަލަތަކުގައި 1،858 މީހަކު ހައްޔަރުކުރި
މި މައްސަލަތަކުގައި މީހުންގެ އަތުން 225 މިލިޔަން ޑޮލަަރަށް ވުރެ ގިނަ ފައިސާ ގެއްލުނު
މި އޮޕަރޭޝަންތަކުގައި ވަނީ 32،000 ބޭންކް އެކައުންޓް ފްރީޒްކޮށް، 20 މިލިޔަނަށް ވުރެ ގިނަ ޑޮލަރު ސްކޭމަރުންނާ ހަމައަށް ދިޔުމުގެ ކުރިން ހުއްޓުވާފަ އެވެ.
އޮޕަރޭޝަނަށް ފަހު ނޫސްވެރިންނާ ބައްދަލުކޮށް، ހޮންގް ކޮންގް ފުލުހުން ބުނީ ހުރިހާ ގައުމެއްގައި ވެސް މިފަދަ ސްކޭމްތައް ހިންގަނީ ވަރަށް އެއްގޮތަކަށްކަން ތަހުގީގުން އެނގިފައިވާ ކަމަށެވެ. މިސާލަކަށް ކަސްޓަމާ ސާވިސް އެޖެންޓުންގެ ގޮތުގައި ގުޅައިގެން އޮޅުވާލައިގެން ފައިސާ ހޯދުމަކީ ވަރަށް އާއްމުވެފައިވާ ކަމެއްކަން ފާހަގަކުރި އެވެ. 
ހޮންގް ކޮންގް ފުލުުހުން ބުނިގޮތުގައި، މި ސްކޭމްތައް ހިންގަނީ ވަރަށް އެއްގޮތަކަށް ކަމުން، ގައުމުތަކުން ގުޅިގެން، މައުލޫމާތު ހިއްސާކޮށްގެން މަސައްކަތް ކުރުން ވަރަށް މުހިއްމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ