އިމްޕޯޓު އެކްސްޕޯޓުގެ މުއާމަލާތްތައް ހަމައެކަނި ޓްރޭޑިއަންއިން ކުރެވޭ ގޮތަށް ހެދުން ފަސްކޮށްފި އިމްޕޯޓު އެކްސްޕޯޓުގެ މުއާމަލާތްތައް ހަމައެކަނި ޓްރޭޑިއަންއިން ކުރެވޭ ގޮތަށް ހެދުން ފަސްކޮށްފި

މުދާ އެތެރެކޮށް އަދި ބޭރުކުރުމުގެ ހުރިހާ މުއާމަލާތެއް ޓްރޭޑިއަން ޕްލެޓްފޯމް މެދުވެރިކޮށް ނޫނީ މިއަދުން ފެށިގެން ނުކުރެވޭ ގޮތަށް އޮތް އޮތުން ކަސްޓަމްސްއިން ބަދަލުކޮށްފި އެވެ.
އެ ސާވިސްއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އިމްޕޯޓު އެކްސްޕޯޓުގެ މުއާމަލާތްތައް ހަމައެކަނި ޓްރޭޑިއަން ޕްލެޓްފޯމުން ކުރެވޭ ގޮތަށް ހަދާނީ އަދި ފަހުގެ ތާރީހެއްގައި ކަމަށެވެ. އެގޮތަށް ނިންމި ސަބަބެއް ކަސްޓަމްސްއިން ހާމައެއް ނުކުރެ އެވެ.
ޓްރޭޑިއަންއަކީ އޭޝިއަން ޑިވެލޮޕްމަންޓު ބޭންކުން ފަންޑުކޮށްގެން ހިންގާ ނޭޝަނަލް ސިންގަލް ވިންޑޯ މަޝްރޫއުގެ ދަށުން ތަރައްގީކުރި ޕްލެޓްފޯމެކެވެ. އެ ޕްލެޓްފޯމް ބޭނުން ކުރަން ފަށައި ރެޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލީ އޭޕްރިލް 20، ގަ އެވެ.
ޓްރޭޑިއަން ޕްލެޓްފޯމުގައި ރެޖިސްޓްރީވުމުގެ އެންމެފަހު ތާރީހެއްގެ ގޮތުގައި ކަސްޓަމްސްއިން ކަނޑައެޅީ މެއި 31، އެވެ. އެ ހިދުމަތުން މީގެ ކުރިން ބުނީ ޖޫން 1، އިން ފެށިގެން ޓްރޭޑިއަން މެދުވެރިކޮށް ނޫނީ އިމްޕޯޓު އެކްސްޕޯޓުގެ އެއްވެސް މުއާމަލާތެއް ނުކުރެވޭނެ ކަމަށެވެ.
ޓްރޭޑިއަންއިން ލިބޭ ހިދުމަތްތަކުގެ ތެރޭގައި މުދާ ހިފައިގެން ރާއްޖެ އަންނަ އުޅަނދުފަހަރުގެ ވެސްލް ރަޖިސްޓްރޭޝަނާއި އުޅަނދުތައް ލަފާފުރުމާ ގުޅޭ ހިދުމަތްތަކާއި ސީ ކާގޯ މެނިފެސްޓު ހުށަހެޅުމުގެ އިތުރުން ރަލާއި އޫރު މަސް އެތެރެކުރުމުގެ ހުއްދަ އާއި އިމާރާތްކުރާ ސާމާނު އެތެރެކުރުމުގެ ހުއްދައަށް އެދުން ހިމެނެ އެވެ.
ޓްރޭޑިއަން ހިންގާ ސަރުކާރު ކުންފުނި، ޓްރޭޑް ނެޓުން މައުލޫމާތު ދިން ގޮތުގައި މި ޕޯޓަލްގެ ތެރެއިން ކަސްޓަމްސް އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި ޓްރާންސްޕޯޓު މިނިސްޓްރީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ހިދުމަތްތައް ލިބޭނެ އެވެ. އަދި މި ހިދުމަތާއެކީ ވިިޔަފާރިތަކަށް ގިނަ ލުއިފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ